ކޮންމެ މީހަކު ވެރިކަމަށް އަޔަސް ޤައުމުގެ ފޮނި ބޮނީ އެއްބައެއް

ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް ޔާމީން --

މި ޤައުމުގައި ސިޔާސީ ވާހަކަ ދެއްކުމަކީ މިހާރު މޮޔަ ކަމެކެވެ. ހައްގުގެ މަގުގައި ހުރީ ކާކު ކަމެއް، ގޯހީ ކާކު ކަމެއް ނޭނގެ އެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގެ އެވެ. އެއް ދުވަހު އިދިކޮޅުގައި ހުންނަ މީހާ އަނެއް ދުވަހު ފެންނަނީ އެއްކޮޅުގަ ހުންނަ ތަނެވެ. ސިޔާސީ މީހުންގެ ކަމަކީ ޑީލް ހެދުމެވެ. ލަދުގަންނަން ޖެހެނީ އާޙިރުގައި ލިއުންތެރީންނާއި އާއްމު ރައްޔިތުންނެވެ.

މިއޮއް ހުރިޙާ ދުވަހު ރައްޔިތުންގެ އެތައް ބަޔަކު އެ ފަރާތަކަށް ބަދު ބަސްތައް ރައްދުކުރި ރައީސް ޔާމިނު ކޮބައިތޯ އެވެ؟ އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ރައީސް ޔާމިނުގެ "ހިޔާނާތުގެ" ހުރިހާ ހެއްކެއް ހުރިކަމަށާއި ދިގު މުއްދަތަކަށް ޖަލުގައި ހުނަނަވަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު މިފެންނަނީ ރައީސް ޔާމިނު ސިޔާސީ ޕާޓީ ހައްދަވައިގެން އަލުން ސިޔާސީ މަސައްކަތް ފައްޓަވާ ތަނެވެ. އެންމެ ދުވަހަކު ސުވާލެއް ދަންނަވާލަން ފުލުސް އޮފީހަށް ހާޒިރު ކުރުން ފިޔަވައި ވެވުނު ކަމެއް ނެތެވެ.

ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލާގައި ޖަލުގައި ހުންނެވި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ވެސް އިދިކޮޅު ފަރާތްތަކުން ގިނަގުނަ ފާޑުކިއުންތަކެއް އަމާޒުކުރި ބޭފުޅެކެވެ. މިއަދު އަދީބު ވެސް ސިޔާސީ ޕާޓީއެއް އުފައްދަވައިގެން، މަޖުލިހުގެ ބައެއް މެމްބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގެން ކުރިއަށް ދަނީ އެވެ. އަނގަ ހުތްވެފައި ބަލަން ތިބެން މިޖެހެނީ އާއްމު ރައްޔިތުންނަށެވެ.

އެއްކަލަ ޕީއެސްއެމްގެ އިކްރާމް އާއި ހަލީލް ކޮބައިތޯ އެވެ؟ އެއްކަލަ ޕީޖީ ބިޝާމް ކޮބައިތޯ އެވެ؟ އެއްކަލަ ބްރޯޑްކޮމްގެ ޝަހީބް ކޮބައިތޯ އެވެ؟ ރައީސް ޔާމިނުގެ ވެރިކަން ނަގަހައްޓަން އެންމެ ފަހުނޭވާއަށް ހަރަދުކޮށް މަސައްކަތް ކުރި ބޭފުޅުން ކޮބައިތޯ އެވެ؟ މިއަދު މިފެންނަނީ އެ ބޭފުޅުން ރައީސް ސޯލިހްގެ ދެފަރާތުގައި، ޖަލްސާތަކުގައި ތިއްބަވާ ތަނެވެ. އެއްކަލަ ހަލީލާއި އިކްރާމް މާސިންގާ ފޯނު ކަންފަތުގައި ޖައްސައިގެން، އެއްކަންފަތުން އަނެއް ކަންފަތަށް ދެމިފައިވާ ބޮޑުސިންގާ ހިނިތުން ވުމަކުން ހިނިތުންވެގެން މާލޭގެ މަގުތަކުގައި ހިގާތަން ފެނެ އެވެ. ހުތްވާނީ ހަމަ އާއްމު ރައްޔިތު މީހާގެ އަނގަ އެވެ. ކާމީހުން ހުރިހާ ދައުރެއްގައި ކަނީ އެވެ. މިއީ ފަހެ އެއްބައެއް ނޫންތޯ އެވެ؟

ރައީސް ޔާމިނުގެ ވެރިކަން ކުރިއަރުވަން ފައިސާ އުފުލައިގެން ރިޝްވަތު ދިންކަމަށް އެއްބަސްވި މީހުން ވެސް މިއަދު މިފެންނަނީ ވެރިކަން ކުރާ ކޯލިޝަންގެ މެމެބަރުންގެ ގޮތުގައި، ނަމުގެ ކުރިއަށް "އިއްޒަތްތެރި" ލައިގެން ފާޓުފުޅާކޮށް ހިނގާ ތަނެވެ. ރައްޔިތުމީހާ ހުރީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ނިކަމެތިކަމުގަ އެވެ. ރައީސް ޔާމިނުގެ އަނބިކަނބަލުން، މެޑަމް ފާތުންއަށް މާރސް ޗޮކްލެޓް ޕާސަލް ކޮށްދޭން އުޅުނު މެމަބަރުން ވެސް މިއަދު ގޮސް ކޯލިޝަންގެ މެމަބަރުންގެ ގޮތުގަ އާއި އަދީބް ޕާޓީގެ މެބަރުންގެ ގޮތުގައި އުދުހެނީ އެވެ. އެފަދަ މެބަރުންގެ ބޮލުގައި ކޮރަޕްޝަނުގެ އިލްޒާމް އަޅުވަމުން ހަޅޭއް ލެވި ރައްޔިތުން މިއަދު ތިބެން މިޖެހުނީ ހަމަ ރަނަގަޅަށް ވެސް ރޭރު ވެފަ އެވެ.

އެފްޕީއައިޑީގެ ހިޔާނާތޭ ކިޔައިގެން އެންމެ ގަދައަށް ލިއުއްވި ރައީސް ނަޝީދު ވެސް މިއަދު މިފެންނަނީ އިލްޔާސް އިބްރާހިމް އަކީ ޤައުމީ ބަތޮލެއްގެ ގޮތުގައި ސިފަ ކުރައްވާ ތަނެވެ. ރައިސް ޔާމިނުގެ ވެރިކަން ނޭވާހޮޅިއަށް އެޅުނު އިރު ވެސް ޔާމިނުގެ ވެރިކަން ދަމަހައްޓަން އެންމެ މަސައްކަތް ކުރެއްވި އެއް ބޭފުޅެއް ކަމުގައިވާ އަލްހާން ފަހުމީ ވެސް މިހާރު މިފެންނަނީ ޤާސިމް އިބްރާހިމް އާއި ރައީސް ސޯލިހްގެ އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. މީ ހަމަ އެއްބައެކެވެ. އެއް މަސްހުނިގަނޑެކެވެ. އެކިފަހަރު އެކި ގޮތަށް މޮޑުނަސް ހަމަ އެއްޗަކީ އެއް މަސްހުނި ގަނޑެކެވެ. މަޖުލިހުގެ ތަޅުމުގައި މާރިޔާ އަށް ޖޯކު ޖައްސަވައި "ބޫމް ބޫމް" އޭ ވިދާޅުވި އަލީ ވަހީދު ޑީއާރުޕީ އިން އެމްޑީޕީ އިން މިހާރު އައިސް ޖުމްހޫރީ ޕާޓީއާ ގުޅި، އަލީ ވަހީދާއި މާރިޔާ އަކީ މިހާރު ސަރުކާރު ކެބިނެޓްގެ މުހިއްމު ދެ މިނިސްޓަރުންނެވެ. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް، ވެރިކަން ފެށެނީ ވެސް އަދި ނިމެނީ ވެސް ރައްޔިތުންނާ ހަމައިނޭ ކިޔައިގެން ރައްޔިތުން ހައްދަނީ އެވެ. ވެރިކަމުގެ ލައްޒަތާއި، ޤައުމުގެ ހަޒާނާގެ ފޮނިމީރުކަން ލިބެނީ ހަމަ އެއްބަޔަކަށެވެ.

ކުރިއަށް އޮތް މަޖުލިސް އިންތިހާބްގައި ހެދޭނީ ކޮންފަދަ ޑީލްތަކެއް ކަމެއްވެސް ނޭގެ އެވެ. ޔާމިނުއާއި އަދީބު ގުޅުނަސް، ނުވަތަ ޤާސިމް އާއި ޔާމިނު ގުޅުނަސް ނުވަތަ މައުމޫނުއާއި ޔާމިނު ގުޅުނަސް ހައިރާންވާނެ ބަޔަކު ނުތިބޭނެ އެވެ. ރާއްޖޭގެ ސިޔާސީ މަދާނަކީ މިހާރު ކަސްބީ އަންހެނުންގެ "ރެޑްލައިޓް ޑިސްޓްރިކްޓެއް" ފަދަ ތަނެކެވެ. ކޮންމެ މީހަކާ ކޮންމެ މީހަކާ ވެސް ހަމަ އޯކޭ އެވެ. ބޭނުމަކީ ފައިސާ އާއި ދުނިޔޭގެ އަރާމާއި ލައްޒަތެވެ. ރައްޔިތުންނަކީ މިދެންނެވި "ރެޑްލައިޓް ޑިސްޓްރިކްޓް"ގައި މަގު ކުނިކަހާ ނޯކިރީން ފަދަ އެވެ. އަނގަ ހުތްވެފައި ބަލަން ތިބުންނޫން ގޮތެއް އެ ރައްޔިތުނަނަކަށް ހަމަ ނޯންނާނެ އެވެ. ޤައުމުގެ ފޮނިމީރުކަން އަބަދުވެސް ލިބޭނީ ހަމަ އެއްބަޔަކަށެވެ.

ވަކި މީހަކު ބުނީތީ މަގުމައްޗަށް ނިކުމެ ޑިމޮކްރެސީއޭ، އިންސާނީ ހައްގޭ، ކޮރަޕްޝަނޭ ކިޔައިގެން ހަޅޭއްލެވުމުން ފަހުން ލަދުގަންނަން ޖެހެނީ އެއްކަލަ ހަޅޭއް ލެވި މީހުންނެވެ. ރައްޔިތުންނަކީ ސިޔާސީ މީހުން ގުބޯ ހައްދަން ތިބި ބައެކެވެ. މިސިލްސިލާ އަށް ނިމުމެއް އަންނާނީ ރައްޔިތުންނަށް މިކަން ވިސްނުނު ދުވަހަކުންނެވެ. ކޮންމެ މީހަކު ވެސް ވެރިކަމަށް އަރަންވެގެން ދައްކާ ވާހަކަ، ވެރިކަން ލިބުމުން ހަނދާނެއް ނުހުރެ އެވެ. ވެރިކަން ލިބުމުން ގާތްކޮށްލަނީ ކުރީން ކޮރަޕްޓޭ ބުނި މީހުންނެވެ. އެހެން ހެދީ ކިއްވެތޯ ސުވާލު ކޮށްފި ނަމަ ބުނަނީ އެއީ "މަސްލަހަތަށް" ޓަކައި މިވަގުތު ކުރަން މަޖުބޫރުވީ ކަމެއް ކަމަށެވެ. އެ މަސްލަހަތަކުން އަރައިގަނެވޭ ދުވަހެއް ނާދެ އެވެ.

މިކަންތައް ގަނޑުން ދިވެހި ރައްޔިތުން ސަލާމަތް ވާނީ ރިއާސީ އިންތިހާބުގައި "ކޯލިޝަން" ހެދުން ނިމުމަކަށް ގެނެސްގެންނެވެ. އެކަން ނިމުމަކަށް ގެނެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ރިއާސީ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސްކަން ދިނުމެވެ. އެއީ ވޯޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ވޯޓު ނުލިބުނަސްމެ އެވެ. އެންމެ ގިނަ ވޯޓުލިބޭ މީހަކަށް އިންތިހާބު ކާމިޔާބު ވުމުން ކޯލިޝަން ހަދާކަށް ނުޖެހޭނެ އެވެ. އެއިރުން މިސިޔާސީ "ކޫޑިން"ގެ ކިބައިން ފަހަރުގައި ޤައުމާއި ރައްޔިތުން ސަލާމަތް ވެދާނެ އެވެ.

comment ކޮމެންޓް