ކެޔޮނިރު: ދިވެހި ގައުމު ދެން އަތުޖެހޭނެބާ؟

13 ސެޕްޓެމްބަރު 2017: މޭލޭ އުސްފަސްގަނޑުގެ ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއް ހަދައި އެ ތަން ބޭނުން ކުރަން ފަށުން: ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮންލައިން ނޫހެއް ކަމުގައިވާ ރާއްޖެ-އެމްވީގައި މީގެ ދުވަސްކޮޅެއް ކުރީން ޝާއިއު ކުރި ލިއުމެއްގައިވާ ގޮތުން ރާއްޖޭގައި އިންޑިއާއިން ހިންގާ ގޮތް ނޭގޭ ހަރަކާތްތަކާ ދެކޮޅަށް ވާހަކަ ދައްކަނީ "ދެތިން މީހުން" ނެވެ! އެއީ ދެތިން މީހުން ކަމުގައިވާ ނަމަ އެ ދެތިން މީހުންގެ ތެރޭގައި ހަމަ ގައިމު ވެސް އަޅުގަނޑު ހިމެނޭނެ އެވެ. އިންޑިއާގެ ދެ ހެލި ކޮޕްޓަރާއި، އެ ދެ ހެލިކޮޕްޓަރު ބަލަހައްޓަން ކަމަށް ބުނެ ރާއްޖޭގައި ބައިތިއްބާފައި ތިބޭ 60 އިންޑިއާ ސިފައިންނަކީ ނިސްބަތުން މަދު އަދަދެއް ކަމުގައި ވިއަސް މީ ފެށުމެކެވެ. އިންޑިއާ ކޮޅަށް ބުރަވާ ސަރުކާރެއް ދިވެހި ރާއްޖޭގެ ވެރިކަމަށް ނޮވެމްބަރު 2018ގައި އައި ފަހުން ސަރުކާރުގެ އިސް މަސްއޫލްވެރިން ގެންދަވަނީ އިންޑިއާއަށް މިޤައުމު އަޅުވެތިވާ ފަދަ އެތައް ކަމެއް ކުރައްވަމުންނެވެ.

ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ކުރީގެ ސަރުކާރުން އެންގުމުން އެކަމަށް ޖަދަލުކޮށް ގަދަ ދައްކައިގެން ތިބުމަށް ފަހު މިސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އެހެލޮކޮޕްޓަރުތައް ބެހެއްޓުމުގެ ހުއްދަ އާކޮށްދެއްވާ، އިތުރު ޑޯނިއާ މަތިންދާ ބޯޓެއް ވެސް އިންޑިއާ އިން ގެނެސް ރާއްޖޭގައި ބޭއްވުމުގެ ހުއްދަ ދެއްވައިފަ އެވެ. އަދި އެ ޑޯރނިއާ ބޯޓު ބަލަހައްޓަން އިންޑިއާ ސިފައިން ބޭތިއްބުމުގެ ހުއްދަ ވެސް ދެއްވައިފަ އެވެ. މާލީ ވަޒީރާއި އިގްތިސޯދީ ވަޒީރު ވަނީ އިންޑިއާ އިން އެއް ބިލިއަން ޑޮލަރުގެ ލޯނު ނެގުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ހާރިޖީ ވަޒީރުވަނީ އިންޑިއާ އަކީ ނަމޫނާ ޑިމޮކްރެސީ އެއް ކަމަށް ވިދާޅުވެ އިންޑިއާ ޕްރޮމޯޓް ކުރައްވައިފަ އެވެ.

މާރިޔާ ވިދާޅުވެފައި ވަނީ އިންޑިއާ ނޫން ޤައުމަކުން މިލިޓަރީ އެހީ ބޭނުން ނޫން ކަމަށެވެ. އަދި އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފުމަކީ ދާދި ފަސޭހަ ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރަން އިންޑިއާ ނޫޅޭ ކަމަށް ވެސް ދިފާއީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ. މިއީ ތަހުޒީބީ ޤައުމެއްގެ ދިފާއީ ވަޒީރަކު ދައްކާނެ ކަހަލަ ވާހަކައެއް ނޫނެވެ. މިސާލަކަށް ދުނިޔޭގެ ނިސްބަތުން ކުޑަ ޤައުމެއް ކަމުގައިވާ ސިންގަޕޫރުގެ ދިފާއީ ވަޒީރު، ޗައިނާ ބޭނުން ނަމަ ސިންގަޕޫރަށް އަރައި ސިންގަޕޫރު ހިފިދާނެ ކަމަށް ބުނެފި ނަމަ މަޤާމުގައި އެއްދުވަހު ވެސް ނުހުރެވޭނެ އެވެ. އެމޭރުމުން ވާހަކަ ދައްކާ ކަމުގައިވަނީ ނަމަ ޝްރީލަންކާ ސަރުކާރުން ބޭނުން ނަމަ އެއްދުވަސް ތެރޭ ރާއްޖެ ހިފިދާނެ އެވެ. ދެ ޤައުމުގެ މިލިޓަރީގެ ފަރަގު އެހާ ވެސް ބޮޑެވެ. އެހެނޭ ކިޔާފައި ދިވެހިން ޝްރީލަންކާގެ ހެލިކޮޕްޓަރާއި އެޤައުމުގެ ސިފައިން ގެނެސް ދިވެހި ފަސްގަނޑުގައި ބައިތިއްބައިގެން ޝްރީލަންކާގެ އަޅުވެތިކަމަށް ދާންވީތޯ އެވެ. މިއީ މާރިޔާ ދެއްކެވި ވަރަށް ދަށުދަރަޖައިގެ ވާހަކައެކެވެ. މަޤާމުގެ ފެންވަރު ނެތްކަމުގެ ހެއްކެކެވެ.

ދިވެހިން ބަލަން ތިއްބާ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ވެއްޔާ މޮޑެވި، ގެއްލިގެން މިއޮއް ދަނީ އެވެ. ބޭރު ފުށުން ކިތައްމެ ރީތި މަންޒަރެއް ދެއްކިއަސް ރައީސް އިބޫ ސޯލިހުގެ ސަރުކާރުން މިދަނީ މިޤައުމު އިންޑިއާގެ އަޅުވެތިކަމަށް ވައްޓާލަމުންނެވެ. މިހާރު ވެސް މިދިވެހި ރާއްޖެ އަށް މިވަނީ ކޮންމެވެސް ވަރަކަށް އިންޑިއާގެ ސެޓެލައިޓް ސްޓޭޓެއްގެ ސިފަ އަންނަން ފަށައިފަ އެވެ. އަޅުގަނޑުމެންގެ ދަރީން ބޮޑެތިވެ ތަސައްރަފް ފުދޭއިރު މިޤައުމަކީ ގެރިއަށް އަޅުކަންކުރާ، މުސްލިމުން މަރާ، ކުޑަކުދިން ރޭޕް ކުރާ، ހައްދުފަހަނަ އަޅާފައިވާ އިންޑިއާގެ އަޅުވެތި ކަމުގައިވާ ސެޓެލައިޓް ސްޓޭޓަކަށް ވާކަށް އަޅުގަނޑުމެން ދިވެހީން ބޭނުންވާ ނަމަ އެއީ ހިތާމަ ހުރި ކަމެކެވެ.

މި ޤައުމު މިހާރު ވެސް މިދަނީ ހުޅަނގާއި ޗައިނާއާއި ދެމެދު ކުރެވޭ ފިނި ހަނގުރާމައިގެ މެދުގައި ފިތެމުންނެވެ. އިންޑިއާއަކީ މިފިނި ހަނގުރާމާގައި ހުޅަނގުން ބޭނުކުރާ ބަފަރ ސްޓޭޓް ނުވަތަ މެދުވެރިޔާ އެވެ. އިންޑިއާގެ އަމާޒަކީ 2030 އަންނަންވާ އިރަށް ޕާކިސްތާން، ބަނގްލަދޭޝް، ޝްރީލަނކާ، ދިވެހިރާއްޖެ، ބޫޓަން، ނޭޕާލް ފަދަ ޤައުމުތައް އިންޑިއާގެ ނުފޫޒުގެ ދަށުގައިވާ ސެޓެލައިޓް ސްޓޭޓްތަކަކަށް ހެދުމެވެ. ބަންގްލަދޭޝްގައި ވެސް ފެންނަނީ މި ސިޔާސީ ގޭމެވެ. ބޮޑުވަޒީރު ޝެއިހް ހަސީނާ އަކީ އިންޑިއާގެ ޕަޕެޓެކެވެ. އިދިކޮޅު ލީޑަރ ހާލިދާ ޒިއާ އާއި، ހާލިދާގެ ކުރީގެ ކެބިނެޓު އެއްކޮށް ވަނީ ޖަލުގަ އެވެ. ދާދި ފަހުން ބޭއްވުނު އިންތިހާބްގައި ހުދްމުހްތާރުކަމާއި މަކަރާއި ހީލަތް ބޭނުންކޮށްގެން ޝެއިހް ހަސީނާ އިންތިހާބް "ވަގަށް ނެގީ" އިންޑިއާގެ އެހީއާއި އެކުއެވެ.

އިނޑިއާގެ ބޮޑުވަޒީރު މޯދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ދިވެހި ބަހުން ޓްވީޓް ކޮށް، "ވަރަށް ބޮޑަށް ޝުކުރިއްޔާ މަނިކުފާނު" އޭ ކިޔައިގެން ދިވެހީން ހެއްދިއަސް ހަޤީގަތަކީ، އިންޑިއާ އިން މިކުޅޭ ސިޔާސީ ގޭމަކީ ގިނަ ދިވެހީންނަށް ރޭކާ ވެސް ނުލާހާ ފުން، ގޮތްނޭނގޭ، ބިޔަ ބޮޑު ގޭމެއް ކަމެވެ. ރޭކާލާ އިރު އޮންނާނީ ވާނެއެތި ވެ ނިމިފަ އެވެ.

ރާއްޖޭގެ ޒުވާން އާބާދީގެ ގިނަ ބަޔަކު އެމްޑީޕީ އަށް ކުރާ ތާއިދުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރައީސް ނަޝީދު އަޑީގައި ހުނަނަވައިގެން، އިންޑިއާއާ އެކު މިހިންގޭ ސިޔާސީ ޖަރީމާ ހުއްޓުވުމަށް ރައީސް މައުމޫނާއި، ޝެއިހް އިމްރާނާއި، ޤާސިމް އިބްރާހިމްއާއި، މަދަނީ ޖަމާއަތްތަކާއި، ދިވެހި ޤައުމުދެކެ ލޯބިވާ ހުރިހާ އެންމެން ތެދުވާން އެބަޖެހެ އެވެ. މިއީ އަޅާނުލާ ތިބެވޭ ވަރުގެ އާދައިގެ ކަމެއް ނޫނެވެ.

ރައީސް ނަޝީދަކީ މިދިވެހި ޤައުމު ތަބަކަކަށް ލާފައި ހުޅަނގަށާއި އިންޑިއާއަށް ދެއްވަން ތައްޔާރަށް ހުންނެވި ބޭފުޅެކެވެ. އެފަދަ ބޭފުޅެއްގެ ދިފާއުގައި، އެފަދަ ބޭފުޅަކަށް ތާއިދު ކޮށްގެން މިދިވެހި ޤައުމުގެ ގިނަ މީހުން ތިބި ތިބުމަކީ މިދިވެހި ޤައުމު ފާލުން ނެއްޓިފައިވާ ކަމުގެ ހެއްކެކެވެ. މިއަދު ވެސް ރާއްޖޭގެ ލޯފާމެއްގެ އިސް ބޭފުޅަކު އަޅުގަނޑަށް ޓެގް ކުރައްވާފައި ޓްވީޓް ކުރައްވާފައި ވަނީ "ޔާމިނުގެ އަޅުވެތިކަމަށް ވުރެ އިންޑިއާގެ އަޅުވެތިކަން ވެސް މާރަނގަޅު" ކަމަށެވެ. ޔާމިނުގެ "އަޅުވެތި ކަން ދިވެހީ ވޯޓަކުން ނިންމުމަކީ އެއަށް ފަހު އިންޑިއާގެ އަޅުވެތިކަމަށް ދާން ޖެހޭ ސަބަބެއް ނޫނެވެ.

ޤައުމުދެކެ ލޯބިވާ އެތައް ހާސް ދިވެހީން، އިންޑިއާ މައްސަލާގައި ކަންބޮޑުވެ، ނުތަނަވަސް ވެފައިވާއިރު، ރައީސް ސޯލިހު މިމައުލޫއަށް ސީދާ އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ހިކުމަތްތެރި ކަން ކަމުގައި ބަޔަކު ދުއްޓަސް އެއީ ޒިއްމާއިން ބަރީއަވުން ކަމުގައި ނުވަތަ ސިޔާސީ ގޮތުން ފިނޑިވުން ކަމުގައިވެސް ބައެއް މީހުން ދެކެއެވެ. ކިތައްމެ ބަނދަރެއް ހެދިއަސް، ކިތައްމެ ނަރުދަމާ އަކާއި ބޯފެނުގެ ނިޒާމެއް ހެދިއަސް، ކިތައްމެ އެއާރޕޯރޓެއް އެޅިއަސް، ކިތައްމެ ވަރަކަށް މުސާރަބޮޑުކޮށް، މަޝްރޫއުތައް ހިންގިއަސް، ކިތައްމެ މާއްދީ ފައިދާތައް ރައްޔިތުންނަށް ދެއްކިއަސް ޤައުމުގެ މިނިވަންކަން ނެތިގެންދާ ފަދަ މަގަކުން ހިނގާ ވެރިކަމީ އިހްލާސްތެރި ވެރިކަމެއް ނޫނެވެ. ބޮޑެތި ހުރިހާ ވިޔަފާރި ވެރީން އިންޑިއާގެ އެސްބީއައި ބޭންކުގެ ލޯނުގެ މަޅީގައި ޖެހި ނިގޫ ފިތިފަ އެވެ. ސިޔާސީ ވެރީން ވެރިކަމަށް އައީ އިންޑިއާއިން ފަންޑްކޮށްގެންނެވެ. މުޅި ޤައުމު މިވަނީ ފައިދިގު މަކުނެއްގެ މަޅީގައި މެއްސެއް ޖެހޭހެން އިންޑިއާގެ މަޅީގައި ޖެހިފަ އެވެ.

ޤައުމުގެ ދިފާއީ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯރސް އާއި، ހާރިޖީ ވަޒީރުގެ ވަޒީފާއަކީ އިންޑިއާ ޕްރޮމޯޓް ކުރުމާއި އިންޑިއާ ދިފާއުކުރުން ކަމުގައިވަނީ ނަމަ މިޤައުމުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ޤައުމެއްވާ ދެން ނެތެވެ. ޤައުމު އޮޔާ ދަނީ އެވެ. މިޤައުމު ސަލާމަތް ކުރާނެ ބަތޮލުން ތެދުވަން ޖެހޭ ވަގުތު މިވަނީ މިހާރު އައިސްފަ އެވެ. ދިވެހި ޤައުމު ޒިންދާބާދު. ﷲ އަކްބަރު!

comment ކޮމެންޓް