ކެޔޮނިރު: ދިވެހި ޖައްވު ގުގުމާލާފައި އިވޭ އަޑަކީ "ޖައި ހިންދު"!

މޭލޭ އުސްފަސްގަނޑަށް 2017ގައި ހެލިކޮޕްޓަރު ޖެއްސި މަންޒަރު ބަޔަކު ބަލަހައްޓައިގެން -- ސަން ފައިލް ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތްތާ ކައިރީ އެމަނިކުފާނާ ފޯނުން ވާހަކަ ދެއްމުކުމުގެ ފުރުސަތެއް އަޅުގަނޑަށް ލިބުނެވެ. އެދުވަސްވަރަކީ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި އެހެލިކޮޕްޓަރުތައް ބަލަހައްޓަން ކަމަށް ބުނެ ރާއްޖޭގައި ބައިތިއްބާފައިތިބޭ އިންޑިއާގެ 60 ސިފައިންގެ މައްސަލަ އާއްމު ދިވެހީންގެ މެދުގައި ބޮޑު މައްސަލައަކަށް ވެގެން އުޅުނު ދުވަސްވަރެކެވެ. ލިބުނު ފުރުސަތުގައި އަޅުގަނޑު ރައީސަށް މި މައްސަލައާ ބެހޭ ގޮތުން ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ ދެންނެވީމެވެ. ވިދާޅުވި އެވެ. ކިތައްމެ މީސްކޮޅު މަދަސް ރާއްޖެއަކީ ވެސް މިނިވަން ޤައުމެއް ކަމަށާއި އެއްވެސް އެހެން ޤައުމެއްގެ ދަށުގައި ރާއްޖެ ވެސް އޮންނާން ނުޖެހޭ ކަމަށެވެ. އަދި، ތިމަން މަނިކުފާނު ވަރަށް އަވަހަށް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މަދުކުރުމަށް އެދަތުރުގައި މަޝްވަރާ ކުރަށްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

އެންމެ ދެ ހެލިކޮޕްޓަރު ބަލަހައްޓަންށޭ ކިޔާފައި 60 އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެވިދާޅުވި ރަސްމީ ދަތުރުފުޅު ނިމި، އޭގެ ފަހުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް ރަސްމީ ވަކި ދަތުރުފުޅެއް ކުރައްވައި، އޭގެ ފަހުން ދިފާއީ ވަޒީރު މާރިޔާ ދީދީ ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި އެވެ. ރާއްޖޭގައި ބޭސްކޮށްފައިތިބި އިންޑިއާ ސިފައިން މަދުކުރާ ވާހަކައެއް މިއިން އެއްވެސް ބޭފުޅަކު ނުދައްކަވަ އެވެ. މާރިޔާގެ ދަތުރުފުޅަށް ފަހު ހަބަރު ލިބެނީ އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ އިތުރުން ޑޯނިއާ މަތިންދާ ބޯޓެއް ވެސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އެވެ. މިދެންނެވި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން ވެސް އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖޭގައި ތިބޭނެ އެވެ.

އަޅުގަނޑާ ފޯނުން ވާހަކަ ދެއްކެވި ދުވަހު ރައީސް ސޯލިހު އެވިދާޅުވި އެއްޗެއް އައިސް މި ދިމާވީ ދިމާ އިދިކޮޅަށެވެ. ރައީސްގެ ދަތުރުފުޅަށް ފަހު ދެ ހެލިކޮޕްޓަރު ފޮނުވާލުމުގެ ބަދަލުގައި އިންޑިއާގެ އިތުރު ބޯޓެއް ގެންނަން ނިންމީ އެވެ! ކުރިންތިބި އިންޑިއާ ސިފައިން މަދުކުރުމުގެ ބަދަލުގައި އިތުރުކުރަން ނިންމީ އެވެ!

ރާއްޖޭގެ ހާރިޖީ ވަޒީރު އިހަކަށް ދުވަހު ޓްވީޓް ކުރައްވާފައި ވަނީ އިންޑިއާ އަކީ ޑިމޮކްރެސީގެ ލާމަސީލު މިސާލެއް ކަމަށެވެ. ގެރިމަސް ކެއުމަކީ ކުށެއް ކަމަށް ބަލައި އިންޑިއާގައި އެތައް މުސްލިމުންނެއް މަގުމަތީގައި މަރާފައި ވަނީ ސީދާ ވެރިކަން ކުރާ ބީޖޭޕީގެ ތާއިދު ލިބިފައިވާ މީހުންނެވެ. ހިފާފައިވާ ކަޝްމީރުގައި އިންޑިއާ ސިފައިން އަހަރަކު އަނިޔާވެރިކޮށް މަރާ މުސްލިމުންގެ އަދަދު އިޒްރޭލުން މަރާ ފަލަސްތީނު މީހުންގެ އަދަދަށްވުރެ ގިނަ އެވެ. މިއީ ޑިމޮކްރެސީތޯ އެވެ؟ ރައީސް ސޯލިހާއި، އަބްދުﷲ ޝާހިދާއި، މާރިޔާ އާއި، ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އިންޑިއާއަށް ވަޑައިގެން ހައްދަވާ ޑީލްތަކެއް ދިވެހި ރައްޔިތުންނަކަށް ނޭނގެ އެވެ. ޤައުމުގެ މިނިވަން ކަމާއި އިސްތިގްލާލް ނެތިގެން ދިޔައަސް، ބިލިއަން ޑޮލަރުގެ ލޯނުން ރާއްޖެ އިންޑިއާއަށް ދަރަނިވެރިވެގެން ދިޔައަސް، އަނެއްކާ ވެސް ޖީއެމްއާރު ގެނެސް އައްޑޫ ގަމުގެ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލިއަސް، އިންޑިއާގެެ މިލިޓަރީ ބޭސްއެއް ރާއްޖޭގައި ހެދިއަސް ދިވެހީން ހަމަ ރައީސް ސޯލިހުގެ ސިޔާސަތަށް އިތުބާރުކޮށްގެން ތިބެންވީތޯ އެވެ؟

ރައީސް ސޯލިހްގެ ނަމުގެ ފަހަތުގައި "ސޯލިހް" ލިޔެވިފައި އޮތަސް، އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ކަންކޮޅުތަކުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަޑުތައް، ދިވެހީންގެ ފަރާތުން އިވުން ވަނީ އިންތިހާ އަށް އިތުރު ވެފަ އެވެ. އެމްޑީޕީގެ މިހާރުގެ ރައީސް، ރައީސް ނަޝީދު ވަނީ ދާދި ފަހުން އޮތް ޖަލްސާއެއްގައި ޒިނޭއަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވަނީ ކީރިތި ރަސޫލާ އަށާއި އުމަރުގެފާނު އަދި އައިޝަތުގެފާނަށް ނިސްބަތްކޮށް ވަރަށް ދަށުދަރަޖައިގެ ބަހުރުވައިން ޓުވީޓް ކުރައްވާފަ އެވެ. ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ސޯޝަލްމީޑިއާގައި ލިޔާ މީހުން ކުއްލިއަކަށް ވަރަށް ގިނަވެއްޖެ އެވެ.

މިއީ އިއްތިފާގެއްކަމަށް ގަބޫލްކުރަން ދައްޗެވެ. މިއީ ރޭވިގެން، ޤައުމުގެ ބޮޑުންގެ ބަޔަކު އަޑީގައި ތިބެގެން ކުރުވާކަމެއްކަމަށް ގިނަ ބަޔަކު ޝައްކު ކުރެ އެވެ. މިކަން ފާޅުގައި ކުރާ މީހުނާ ދެކޮޅަށް މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ.

އިންޑިއާގެ ބާރު ރާއްޖޭގައި ގަދަވެ، އިސްލާމް ދީނާ ދެކޮޅު ދިވެހީންގެ ބާރު މަޖުލީހާއި ސަރުކާރުގައި ގަދަވެއްޖެ އެވެ. މި ދިވެހި ޤައުމުގެ މިނިވަންކަން ގެއްލި ރައްޔިތުން ބިކަވެ، ޤައުމު ވިކިގެން ނެތިގެން ދިއުން އޮތީ ނުހަނު ކައިރީގަ އެވެ. މިކަންކަމާ ވިސްނެވުމަށް ފަހު ރައީސް ސޯލިހުގެ ސަރުކާރުުން އަޅުއްވާ ފިޔަވަޅު މިހާރަށް ވުރެ ސާފުކޮށް ދިވެހި ރައްޔިތުންނަށް އެގެން އެބަޖެހެ އެވެ.

ހޯމް މިނސްޓަރަކަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ހުންނެވިއަސް އަދި އެއީ ދީން ހިމާޔަތްވީއެއް ނޫނެވެ! ހާރިޖީ ވަޒީރަކަށް އަބްދުﷲ ޝާހިދު ހުންނެވިއަސް ޤައުމުގެ މިނިވަންކަން ސަލާމަތްވީއެއް ނޫނެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި އިސްލާމީ ސަގާފަތާ ބީރައްޓެހިޒާތުގެ ކުރު ސްކާޓެއް ތުރުކުރައްވައިގެން، މޮޑެލް ކޭޓް މޮސް ހިގާހެން ހިންގެވުމުން އިންޑިއާ ސަރުކާރުގެ އިހުތިރާމް މިދިވެހި ޤައުމަށް ލިބުނީކީ ނޫނެވެ. ބޭރު ފުށުން އިހުތިރާމް ކުރާކަމަށް ހެދިގެން ތިބެ އިންޑިއާގެ މަސްއޫލްވެރިން މިޤައުމުގެ ވެރީންނަށް ކުރާނީ މަލާމާތްކަން ކަށަވަރެވެ. ކުޑަ އަގަކަށް އަމިއްލަ ޤައުމުގެ މަސްލަހަތު ވިއްކާލާތީ އެވެ. އިންޑިއާއަށް ކިތައްމެހާ ވެސް ރަނގަޅެވެ. ހުރިހާ ވެސް ގެއްލުމެއް މިޤައުމަށާއި އަންނާން އޮތް ޖީލަށެވެ. ޝުކުރިއްޔާ ރައީސް! ޖައި ހިންދު!

comment ކޮމެންޓް