ކެޔޮނިރު: ޕާކިސްތާން ބާކީކޮށް އިންޑިއާގެ އުގަށް ދިވެހި ސަރުކާރު ވެއްޓެނީ!

ޕާކިސްތާނު މަނަވަރެއް --

"އިންޑިއާ މޯލްޑިވްސް ފްރެނޑްޝޮޕް އެސޯސިއޭޝަން" އޮންނަ އުސޫލުން "ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް" އެސޯސިއޭޝަންއެއް ވެސް އޮވެ އެވެ! މިއެސޯސިއޭޝަންގެ ފަރާތުން މިދިޔަ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހި ހަ ފަރާތަކަށް ހަ ދުވަހުގެ ދަތުރެއް ނުވަތަ ޓުއާރއެއް ދިނެވެ. ޑިސެމްބަރު 23 އިން 30 އަށް ކުރަން ހަމަޖެހިފައި އޮތް މި ދަތުރަށް ފުރަން ދިޔަ އިރު މީގެ ތެރެއިން އެއް ބައިވެރިއަކު އެއާރޕޯރޓަށް ނުދާކަން ފާހަގަވި އެވެ. އަނެއް ފަސް ބައިވެރިން މިދެންނެވި ފަރާތާ ފޯނުން ގުޅުމުން ބުނަނީ ސަރުކާރުގެ އިދާރާއަކުން ތިމަންނާއަށް ގުޅާފައި މިދަތުރު ނުކުރަން އެންގި ކަމަށެވެ. އަދި އެއާރޕޯރޓްގައި ތިބި ފަސް މީހުން ކައިރީ ވެސް އެދަތުރު ނުކުރުމަށް ބުނަން ވެސް އެބޭފުޅާ ވިދާޅުވި އެވެ. ނަމަވެސް އެއާރޕޯރޓްގައި އެވަގުތު ތިބި ފަސް މީހުންް، ކުރިން ވެސް ހަމަޖެހިފައި އޮތްގޮތަށް ދަތުރާއިގެން ކުރިއަށް ދިޔައެެވެ.

މާލޭގައި ހުންނަ ޕާކިސްތާން އެމްބަސީ އިން ހަމަޖެއްސި މިދަތުރުގައި ފުރަތަމަ ދިޔައީ އިސްލާމްއާބާދަށެވެ. އިސްލާމްއާބާދުގައި ދެތިން ދުވަހު ތިބުމަށް ފަހު ދެންދިޔައީ ފަރުބަދަމަތީގެ ރީތި ސަހަރެއްކަމުގައިވާ މަރީ އަށެވެ. އެއަށް ފަހު ދެންދާން އޮތީ ޕާކިސްތާނު ފަޅީގައިވާ ކަޝްމީރު ނުވަތަ "އާޒާދު ކަޝްމީރު"ގެ ވެރިރަށް ކަމުގައިވާ މުޒައްފަރު އާބާދުއަށެވެ. ކަޝްމީރަށް ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު ހަވީރު ދިވެހި ފަސް ބައިވެރީންނަށް އަންނަނީ ފޯން ކޯލެކެވެ. ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީގެ އިސް ބޭފުޅެކެވެ. ފޯނު ކުރައްވާފައި މި ވިދާޅުވަނީ ދިވެހި ފަސް ބައިވެރީންގެ ދަތުރު އެހިސާބުން ހުއްޓާލުމަށާއި ކަޝްމީރަށް ނުދިއުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގަވާ ކަމަށެވެ. އެފޯން ކޯލަށް ފަހު ދެން ގުޅުއްވަނީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅެކެވެ. އެބޭފުޅާ ވެސް ވިދާޅުވަނީ ދަތުރު ކެންސަލް ކުރުމަށެވެ. އެހިސާބުން ދަތުރުގެ ބައިވެރިން ދަތުރުގެ ކަޝްމީރު ބައި ކެންސަލްކޮށްފަ އެނބުރި ރާއްޖެ އައެވެ.

ދިވެހި ރާއްޖޭގެ ޤާނުނަކުން ވިއަސް އަދި ޤަވާއިދަކުން ވިއަސް ދިވެހީން ކަޝްމީރަށް ދިއުން މަނަލެއް ނުކުރެ އެވެ. ވީއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއިން މިވަރު އަރުވާލައިގެން މި ދިވެހީން ޕާކިސްތާނަށް ދިޔަ ނުދޭން އުޅުނު ސަބަބެއް ނުވިސްނެ އެވެ. އަދި ވަކީން ހާއްސަކޮށް އާޒާދު ކަޝަމީރަށް ދިޔަނުދޭން އުޅުނު ސަބަބެއް ނުވިސްނެއެވެ. ޤަބޫލުކުރެވޭ ހަޤީގަތަކީ މިއީ ސީދާ އިންޑިއާގެ ނުފޫޒުން ހިގި ކަމެއް ކަމެވެ. އިންޑިއާގެ ނުފޫޒު ދިވެހި ރާއްޖޭގެ ޙާރިޖީ ދާއިރާއަށް އޮތް މިންވަރު ހާމަވާ ކަމެކެވެ. އަދި ދިވެހި ސަރުކާރު އިންޑިއާގެ ދަށުވެފައިވާ މިންވަރު ހާމަވާ ކަމެކެވެ.

ދަޕްރެސް.އެމްވީ ވެބްސައިޓުން 22 ފެބްރިއަރީގައި ހާމަކުރި ހަބަރެއްގައި ވާގޮތުން މި ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރަން ހަމޖެހިފަ އޮތް ޕާކިސްތާނުގެ ނޭވީ މަނަވަރެއްގެ ދަތުރު ފޮރިން މިނިސްޓްރީން ވަނީ ކެންސަލް ކޮށްފަ އެވެ. އަދި އެކަމާގުޅޭ ގޮތުން ފޮރިން މިނިސްޓަރަށް ފޯނުން ގުޅުމުން ކަމުގެ ހަޤީގަތް ބައްލަވާފައި ގުޅުއްވާނެ ކަމަށް ވިދާޅުުވެ، ފަހުން ހަބަރެއް ނުވިކަމަށް ދަޕްރެސް.އެމްވީ ގައި ބަޔާން ކޮށްފައިވެ އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށް މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ގުޅުމުން އެއީ ޑިފެންސް މިނިސްޓްރީއާ ގުޅޭ ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށް ދަޕްރެސް.އެމްވީގައިވެ އެވެ. މިހަބަރު ރާއްޖޭގެ މެއިންސްޓްރީމް އެއްވެސް މީޑިއާއަކުން ރިޕޯރޓް ކޮށްފައި ނުވުމުން މިކަމާ ބެހޭ އިތުރު މައުލޫމާތެއް ސާފެއް ނުވެ އެވެ. ނަމަވެސް މިފަދަ ކޮންމެވެސް ކަމެއް ނުހިގާ ނަމަ މިގޮތަށް މިހަބަރު ނުފެތުރޭނެ ކަމަށް ޤަބޫލު ކުރެވެ އެވެ. މިކަން މިހެން ވެފައިވާ ނަމަ މިއީ ވެސް އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް މިހާރު އޮތްވަރު ދައްކުވައިދޭ އަލިގަދަ ދަލީލެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ މިދިޔަ ނޮވެމްބަރު މަހު ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން އަށް ވެސް ދައުވަތު ދިނުމަށް ނިންމި ކަމަށް ރައީސް ސޯލިހުއާ ހަވާލާދީ މީޑިއާގައި ރިޕޯރޓް ކުރެވުނެވެެ. ނަމަވެސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނު އިރު ބޮޑުވަޒީރު އިމްރާން ޙާން އަކަށް ދައުވަތެއް ނުދެއްވަ އެވެ. ސަރުކާރުގެ އެތެރޭގެ މަސްދަރަކުން މައުލޫމާތުދޭ ގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރަށް އެހަފްލާއަށް ދައުވަތު ނޭރުވުނީ އިންޑިއާ އިން އެކަމާ ދެކޮޅު ހެދުމުންނެވެ. އިމްރާން ޙާން ވަޑައިގަންނަވާ ނަމަ ނަރެންދުރަ މޯދީ ވަޑައިނުގަނަނަވާނެ ކަމުގެ އިންޒާރު ލިބުމުން ދިވެހި ސަރުކާރު ފަސްޖެހި، ހިޔާލް ބަދަލުވީ ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަން ނޮވެމްބަރު 2018ގައި ފެށިގެން މިފާއިތުވި ތިން ވަރަކަށް މަސް ދުވަހުގެ ތެރޭ ރާއްޖޭގެ ހާރިޖީ ވަޒީރާއި، ދިފާއި ވަޒީރާއި، މާލީ ވަޒީރާއ،ި އިގްތިސޯދީ ވަޒީރު އަދި ހުދު ރައީސުލްޖުމްހޫރިއްޔާ ވެސް ރަސްމީ ދަތުރު ފުޅުތަކުގައި އިންޑިއާ އަށް ވަނީ ވަޑައިގެންފަ އެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން އެއްފަހަރަށް ވުރެ ގިނަފަހަރު ވެސް ވަނީ މިކުރު މުއްދަތުގެތެރޭ އިންޑިއާއަށް ރަސްމީ ދަތުރުފުޅު ކުރައްވާފަ އެވެ. މިހާރު ވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިސްވެ ހުންނަވައިގެން ރާއްޖޭގެ ސިޓީތަކުގެ ބައެއް ކައުންސިލަރުންނާއި މޭޔަރުން ހިމެނޭ ގޮތަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް އެބަ ކުރައްވަ އެވެ.

ރާއްޖޭގައި ގާއިމް ކޮށްފައިވާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި، އެތަކެތި ބަލަހައްޓަން ކަމަށް ބުނެ ބައިތިއްބާފައި ތިބޭ އިންޑިއާ ސިފައިންގެ މައްސަލާގައި ދިވެހީންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު ވެސް، ހާއްސަކޮށް ދިފާއި ވަޒީރާއި ހާރިޖީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯރސް އަދި އެމް.ޑީ.ޕީ ގެ ރައީސް މުހައްމަދު ނަޝީދު ފެންނަނީ އިންޑިއާގެ ދިފާއުގައި ވަކާލާތު ކުރައްވާ، ރާއްޖޭގެ މަސްލަހަތަށް ވުރެ އިންޑިއާގެ މަސްލަހަތު އިސް ކުރައްވާ ތަނެވެ. ރައީސް ސޯލިހު މިކަމުގަ މާ ފާޅުކަން ބޮޑުގޮތެއްގައި އެއްޗެއް ވިދާޅު ނުވިއަސް ދިވެހި ސަރުކާރު އޮތީ އިންޑިއާއާ އެކުގަ އެވެ. ޕާކިސްތާން ފަދަ އިސްލާމީ އަވައްޓެރި ޤައުމުތައް ދުރަށް ޖައްސައި އިންޑިއާގެ އުގަށް ވެއްޓިފަ އެވެ.

މިދާ ރޭޓުގައި ދާނަމަ ރައީސް ސޯލިހުގެ ރައީސް ކަމުގެ ދައުރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ މިނިވަންކަން އޮންނާނީ ނަމަކަށެވެ. ހާއްސަކޮށް ހާރިޖީ އަދި ދިފާއީ ނިންމުންތައް ނިންމާނީ ސީދާ ނިއުދިއްލީންނެވެ. މިނިވަންކަން ވެއްޔާއި މޮޑެވި ދަނީއެވެ. މިކަމާމެދު ބަސްބުނާ ކޮންމެ މީހަކީ ސަރުކާރާ ދެކޮޅު، ނުވަތަ ޤައުމުގެ ތަރައްޤީއާ ދެކޮޅު، ނުވަތަ ކޮންމެވެސް އަމިއްލަ އެދުމެއް އޮތް މީހެއް ކަމަށް ދަނީ ސިފަ ކުރެވެމުންނެވެ. ޤައުމުގެ މިނިވަންކަން އެކީ އެކަށް ނެތިގެން ގޮސް، އިންޑިޢާގެ ސްޓޭޓަކަށް ދިވެހި ރާއްޖެ ނުވަނީސް ކޮންމެވެސް ބަޔަކު މިކަމާ ކުރިމަތިލައި ތެދުވާން އެބަޖެހެ އެވެ. އެއީ ދިވެހި ޤައުމުގެ އާދޭހެވެ!

ގުޅޭ ޓެގު
comment ކޮމެންޓް