ވަގު އެޕޮއިންޓްމަންޓާއި ގްރޫޕް ދަތުރު: ބޭސްފަރުވާގެ ޑޮލަރު ވިޔަފާރިއަކަށް ބަދަލުވީ ކިހިނެއް؟

އާންމު ރައްޔިތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އޮޅުވާލުމާއި މަކަރާއި ހީލަތުގެ ތެރެއަށް ވެއްޓެން މަޖުބޫރުވަނީ އިގުތިސާދީ ނިޒާމު ފެއިލްވުމުންނެވެ. ތެދުވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ މަގު ބަންދުވެ، ވިޔަފާރި މުދާކޮޅު އެތެރެކޮށްލުމަށް ބޭނުންވާ ބޭރު ފައިސާ ރަސްމީ ނިޒާމުގެ ތެރެއިން ނުލިބުމުން، މުޅި މުޖުތަމައު މިވަނީ ނުރައްކާތެރި އޮއިވަރެއްގައި ޖެހިފައެވެ. ޒުވާނުންނަށް ހިލޭ ޗުއްޓީ ދަތުރުތައް ހުށަހަޅައިގެން، އެމީހުންގެ ނަމުގައި ޑޮލަރު އެއްކުރުމަށް ވިޔަފާރިވެރިން ރާވައިގެން ހިންގާ ގްރޫޕް ދަތުރުތަކަކީ ހަމައެކަނި ވަކި ބަޔަކު ކުރާ ވައްކަމެއް ނޫނެވެ. އެއީ ރާއްޖޭގެ މާލީ ނިޒާމުގައި އަށަގެންފައިވާ ބޮޑު ބައްޔެއްގެ އަލާމާތެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭސްފަރުވާގެ ޑޮލަރު ދޫކުރުން ހަ ގައުމަކަށް ހިފަހައްޓައި، ބޭރު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އިތުރު ބަދަލުތައް ގެންނަން ރާވާފައިވާ އޮތް ނަމަވެސް، ބޭންކުތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ހަރުދަނާ އިންތިޒާމެއް ހަމަނުޖައްސައި، ހަމައެކަނި އުސޫލުތައް ހަރުކަށިކުރުމުން ނުކުންނަނީ އޭގެ އިދިކޮޅު ނަތީޖާއެވެ. ބާގަނޑުތައް ބަލައި އޭގެ ނާޖާއިޒު ފައިދާ ބަޔަކު އެބަ ނަގައެވެ.

https://www.sun.mv/228978

މިއަދު އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާ ސްރީލަންކާގެ ކުރު ދަތުރުތަކަށް ބަލައިލުމުން މިކަން ވަރަށް ސާފުކޮށް ފެނެއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން އެޕްލިކޭޝަންގައި ހުންނަ މެޑިކަލް ޑޮލަރު ޕޯޓަލް މެދުވެރިކޮށް ބޭސްފަރުވާއަށް އެދޭ ފަރާތްތަކުގެ ޑޮލަރު އެކައުންޓަށް އެ ފައިސާ ޖަމާކޮށްދިނުމުގެ އުސޫލު އޮތް ނަމަވެސް، ޑޮލަރުގެ ތަދުމަޑުކަމުގެ ސަބަބުން މި ނިޒާމު ވަނީ ވިޔަފާރިވެރިންގެ ޑޮލަރު ހޯދާ ވަސީލަތަކަށް ބަދަލުވެފައެވެ. ރާއްޖޭން ބޭރަށް ފުރާކަމުގެ ޓިކެޓާއި ރާއްޖޭން ޑޮކްޓަރަށް ދެއްކި ކަމުގެ ލިޔުމުގެ އިތުރުން އެ ދާ ގައުމެއްގެ ހޮސްޕިޓަލުން ހައްދާފައިވާ އެޕޮއިންޓްމަންޓެއް ބޭންކަށް ހުށަހެޅުމުން މެޑިކަލް ޑޮލަރުގެ ގޮތުގައި 1000 ޑޮލަރު ދެއެވެ. މިބުނާ ޑޮކްޓަރުގެ ލިޔުމާއި އެޕޮއިންޓްމަންޓަކީ އަތުން ޚަރަދެއް ނުކޮށް ވަރަށް ފަސޭހައިން ވާ ގޮތަށް އޮންނަ ކަމެކެވެ. އެހެންވެ މީހުން އޭގެ ނާޖާއިޒު ފައިދާ ނަގަނީއެވެ. މީގެ އިތުރުން ފުރާ ކޮންމެ މީހަކަށް ދޭ 500 ޑޮލަރު ހޯދައެވެ.

މިއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ހުއްޓުވަން ވެސް ޖެހޭ ކަމެކެވެ. ނަމަވެސް ގަވާއިދުތައް ކިތަންމެ ވަރަކަށް ބަދަލުކުރިޔަސް، ކަޅު ބާޒާރާއި ރަސްމީ ރޭޓާ ދެމެދު އޮތް ބޮޑު ފަރަގު ނައްތާނުލެވޭހާ ހިނދަކު، މިފަދަ އޮޅުވާލުންތަކަށް ނިމުމެއް ނާންނާނެއެވެ.

މިކަން ހިނގަމުންދާ ގޮތުގެ އަމަލީ މަންޒަރަކަށް ބަލާއިރު، ޒުވާނުންގެ ތެރެއިން ބަޔަކާ ދިމާވެ، ދެ ދުވަހަކަށް ސްރީލަންކާއަށް ހިލޭ ޖައްސާލުމުގެ ފުރުސަތު ވިޔަފާރިވެރިން ފަހިކޮށްދެއެވެ. މިއީ އެއްފަހަރާ 12 މީހުން ނުވަތަ ބައެއް ފަހަރު 20 މީހުން ގޮވައިގެން ރާވާލައިގެން ކުރާ ދަތުރުތަކެކެވެ. މި ދަތުރުގައި ބައިވެރިވާ ޒުވާނާއަށް ލިބޭ ހަމައެކަނި އުފަލަކީ އަތުން ޓިކެޓު ޚަރަދު ނުކޮށް ރާއްޖެއިން ބޭރަށް ދެވުމާއި، އަތުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރި ނަމަ ސްރީލަންކާގައި ދިރިއުޅޭ ރައްޓެހިންނާއި އާއިލާގެ މީހުންނާ ބައްދަލުކޮށްލުމުގެ ފުރުސަތެވެ. ނަމަވެސް މި ހިލޭ ދަތުރުގެ ފަހަތުގައި އޮތީ ޑޮލަރު އެއްކުރުމަށް ހިންގާ ބޮޑު އޮޕަރޭޝަނެކެވެ.

މި ދަތުރުގައި ބައިވެރިވާ ކޮންމެ ޒުވާނެއްގެ ޓިކެޓަށް ބޭންކުން ދޫކުރާ 500 ޑޮލަރު ސީދާ ލިބެނީ އެ ދަތުރު އިންތިޒާމުކުރާ ވިޔަފާރިވެރިޔާއަށެވެ. އޭގެ އިތުރުން، އެ ޒުވާނާގެ ނަމުގައި ބޭރުގެ ހޮސްޕިޓަލަކުން މެޑިކަލް އެޕޮއިންޓްމަންޓެއް ހައްދައިގެން ސިއްހީ ފަރުވާއަށް ބީއެމްއެލްއިން ދޫކުރާ 1،000 ޑޮލަރުވެސް ނަގަނީ ހަމަ އެ ވިޔަފާރިވެރިޔާއެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. ދަތުރުގައި ބައިވެރިވާ މީހުންގެ ވިސާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި، އޭޓީއެމްތަކުން ފައިސާ ނެގުމުގެ ފުރުސަތުވެސް ވިޔަފާރިވެރިޔާ ހޯދައެވެ. ދަތުރުތައް ގިނައިން ރާވަނީ މަހުގެ ފަހުކޮޅަށް ކަމަށްވާތީ، މަސް ނިމުމުގެ ކުރިންނާއި އާ މަސް ފެށުމުން ކާޑުގެ ލިމިޓު އާވުމާއެކު، ކާޑުން ނެގޭ އަދަދު ދެގުނަ ކޮށްލުމުގެ ފުރުސަތުވެސް އެ ފަރާތްތަކަށް ލިބެއެވެ.

މި މައްސަލައަކީ ހަމައެކަނި އާންމު ގްރޫޕް ދަތުރުތަކަށް ހާއްސަވެފައި އޮތް ކަމެއް ނޫނެވެ. ރަސްމީ ދަތުރުތަކުގައި ރާއްޖެއިން ބޭރަށް، ދަތުރުކުރާ ފަރާތްތަކުންވެސް، އޮންލައިންކޮށް ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓެއް ހައްދައިގެން ޓިކެޓަށް ލިބޭ 500 ޑޮލަރުގެ އިތުރަށް ބޭސްފަރުވާގެ 1،000 ޑޮލަރު ހޯދަމުންދިޔައެވެ. ބޭސްފަރުވާގެ އަސްލު ބޭނުމެއް ނެތި ގިނަ ބަޔަކު މި ޑޮލަރު ނަގަމުންދާތީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ދޫކުރާ 1،000 ޑޮލަރު ހަ ގައުމަކަށް އެމްއެމްއޭއިން ހިފެހެއްޓީވެސް މިފަދަ އަމަލުތައް އިންތިހާއަށް އިތުރުވުމުންނެވެ.

https://www.sun.mv/229021

ކުރިން ދެންނެވި ފަދަ ގްރޫޕް ޑޮލަރު ދަތުރެއްގެ މާލީ ހިސާބުތަކަށް ބަލައިލުމުން، ވިޔަފާރިވެރިން މިކަމުގެ ތެރެއަށް ވަންނަ ސަބަބު ވަރަށް ރަނގަޅަށް އޮޅުންފިލައެވެ. މިސާލަކަށް 12 މީހުންގެ ގްރޫޕެއް ގޮވައިގެން ސްރީލަންކާއަށް ދާ ވިޔަފާރިވެރިޔަކަށް، ކޮންމެ މީހެއްގެ ޓިކެޓު ކޯޓާއާއި މެޑިކަލް ޑޮލަރު އެއްކޮށްލުމުން ގާތްގަނޑަކަށް 18،000 ޑޮލަރު ލިބެއެވެ. އަދި ކޮންމެ މީހެއްގެ ވިސާ ކާޑުން 500 ޑޮލަރުގެ މަގުން ފައިސާ ނަގައި، އެ ފައިސާއަށް ސްރީލަންކާއިން ޑޮލަރު ގަތްކަމުގައި ވިޔަސް، ބޮލަކަށް 2،000 ޑޮލަރުގެ މަގުން ޖުމްލަ 24،000 ޑޮލަރު އެއް ދަތުރަކުން އެ ވިޔަފާރިވެރިޔާއަށް އެއްކޮށްލެވެއެވެ.

މި ދަތުރަށް ހިނގާ ޚަރަދަށް ބަލާއިރު، 12 މީހުންގެ ދެކޮޅު ޓިކެޓަށް ހޭދަވަނީ ގާތްގަނޑަކަށް 60،000 ރުފިޔާއެވެ. ސްރީލަންކާގައި ކޮޓަރިއެއްގައި ތިން މީހުން ތިބޭ ގޮތަށް ދެތިން ދުވަހަށް ހޮޓަލަށް ކާޑުން ފައިސާ ދެއްކިޔަސް ޚަރަދުވާނީ 4،000 ރުފިޔާ ވަރެވެ. ކެއުމުގެ ޚަރަދާއެކު ހުރުމާއި ކެއުމަށް ޖުމްލަ 6،000 ރުފިޔާ، އަދި އެހެނިހެން ދަތުރުފަތުރުގެ ޚަރަދުތައް ހިމެނޭހެން މުޅި ދަތުރަށް 12 މީހުންނަށް ޖުމްލަ ހޭދަވަނީ ގާތްގަނޑަކަށް 75،000 ރުފިޔާއެވެ. މިއީ އެ ދަތުރުން އެއްކުރެވޭ ބޭރު ފައިސާގެ އަދަދާ އަޅައި ބަލާއިރު ވަރަށް ކުޑަ ޚަރަދެކެވެ.

ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރުފިޔާ ކަމަށް ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އަތްނުފޯރާ ފަށަށް އުފުލިފައެވެ. އާންމުން ޑޮލަރު ގަންނަ ގޮތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ ވަރަށް މަތީގައެވެ. އެހެންކަމުން، 75،000 ރުފިޔާ ޚަރަދުކޮށްގެން ހޯދާ 24،000 ޑޮލަރު މާލެ ގެނެސް، ބޮޑު ރޭޓުން ކަޅު ބާޒާރުގައި ވިއްކާލިޔަސް، ޑޮލަރު ގަތުމަށް ހޭދަކުރާ ފައިސާ އުނިކުރުމަށްފަހު އެންމެ ދެ ދުވަހެއްގެ ތެރޭގައި ލައްކައެއްހާ ރުފިޔާގެ ސާފު ފައިދާއެއް އެ ވިޔަފާރިވެރިޔާއަށް ލިބެއެވެ. ނަމަވެސް ހަގީގަތަކީ، ގިނަ ވިޔަފާރިވެރިން މި ބުރަ އުފުލަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކައިގެން ވަގުތީ ފައިދާއެއް ހޯދުމަށްވުރެ ބޮޑަށް، ތިމާމެންގެ ފިހާރަތަކަށް ބޭނުންވާ މުދާ ރާއްޖެއިން ބޭރުން ގެނައުމަށް ޑޮލަރު ހޯދޭނެ އެހެން ގޮތެއް ނެތުމުންނެވެ.

މިފަދަ ދަތުރުތަކުގައި ކާޑުތައް ބޭނުންކުރުމުގެ ފުރުސަތު ފަހިވެފައި އޮތީ ބޭންކިން ނިޒާމުގެ ތެރެއިން ގެނެސްފައިވާ ބަދަލުތަކާވެސް ގުޅިގެންނެވެ. ބީއެމްއެލްއިން ނޮވެންބަރު 11، 2025 ގައި ގެނައި ބަދަލުތަކާއެކު، ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ދަތުރުފަތުރާއި ބޭސްފަރުވާގެ ކަންކަމަށް މަހަކު 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވެއެވެ. އަދި ރާއްޖެއިން ބޭރުގެ ޕީއޯއެސް މެޝިންތަކުން މަހަކު 1،000 ޑޮލަރަށް ވިޔަފާރިކުރެވޭއިރު، އޭޓީއެމްތަކުން 125 ޑޮލަރު ނެގުމާއި، އީ-ކޮމާސް މުއާމަލާތްތަކަށް 250 ޑޮލަރު ބޭނުންކުރުމުގެ ފުރުސަތު އޮވެއެވެ. ކޮންމެ މަހެއްގެ ފުރަތަމަ ދުވަހު މި ލިމިޓުތައް އާވާ ގޮތަށް އޮތުމާއި، ޑޮލަރު އެކައުންޓާ ގުޅާފައިވާ ކާޑުތަކުން އެކައުންޓުގައި ފައިސާ ހުރި މިންވަރަކުން އެއްވެސް ހިފެހެއްޓުމެއް ނެތި ބޭނުންކުރެވޭ ގޮތަށް އޮތުމުން، ގްރޫޕް ދަތުރުތައް ރާވާ ފަރާތްތަކަށް ކާޑުތައް ބޭނުންކޮށްގެން ބޭރު ފައިސާ ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ.

މި ލޫޕްހޯލްތައް ބެއްދުމަށްޓަކައި އެމްއެމްއޭއިން ވަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހިންނަށް ދޫކުރާ 1،000 ޑޮލަރުގެ އެލަވަންސް ހަމައެކަނި އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީއަށް ދަތުރުކުރާ ފަރާތްތަކަށް އެކަނި ލިބޭ ގޮތަށް ހަމަޖައްސާފައެވެ. މި ބަދަލުގެ ކުރިން ކޮންމެ ގައުމަކަށް ބޭސްފަރުވާއަށް ދިޔަ ނަމަވެސް ލިޔެކިޔުންތައް ހުށަހެޅުމުން ބީއެމްއެލް ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް އެ 1،000 ޑޮލަރު ލިބެއެވެ. އާސަންދަ މެދުވެރިކޮށް ދަތުރުކުރާ ބަލިމީހުންނަށް ދޫކުރާ 2،000 ޑޮލަރުގެ އުސޫލަށް ބަދަލެއް ނުގެނެސް، އަމިއްލަ ޚަރަދުގައި ދާ މީހުންނަށް މި ހިފެހެއްޓުން ގެނައީ ބޭސްފަރުވާއަށް ދޫކުރާ ފައިސާ ސީދާ އެ ބޭނުމަށް ޚަރަދުކުރާކަން ކަށަވަރުކުރުމަށެވެ.

ނަމަވެސް، ހަ ގައުމަށް ލިމިޓުކުރުމަކުން ރޭވިގެން ލަންކާއަށް އަޅާ ގްރޫޕް ދަތުރުތަކަކަށް ހުރަހެއް ނޭޅެއެވެ. ސަބަބަކީ ސްރީލަންކާއަކީ އެ ހަ ގައުމުގެ ތެރޭގައި ހިމެނޭ، އަދި އެންމެ ޚަރަދު ކުޑަކޮށް ދަތުރުކުރެވޭ ގައުމަށް ވާތީއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ގާނޫނީ ފިޔަވަޅުތަކެއް ނާޅަނީއެއް ނޫނެވެ. އޮގަސްޓު 26 ގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އޮގަސްޓު 31 ގައި ރައީސް ތަސްދީގުކުރެއްވި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓުތަކަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމަކީ މަނާ ކަމެކެވެ. ސެޕްޓެންބަރު އެކަކުން ފެށިގެން އަމަލުކުރަން ފެށި މި އިސްލާހުގައިވާ ގޮތުން، ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރެވޭނީ ހަމައެކަނި އެމްއެމްއޭއިން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ. އަދި ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ރާއްޖޭގައި ކުރާ ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަންޖެހެނީ ދިވެހި ރުފިޔާއިންނެވެ.

ގާނޫނު މިހެން އޮތް ނަމަވެސް، ކަޅު ބާޒާރުގެ ވިޔަފާރި ސިއްރިއްޔާތުގައި އަދިވެސް ދަނީ ފުޅާ ދާއިރާއެއްގައި ހިނގަމުންނެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލާޒިމުކުރާ ކަންކަން އިސްލާހުކޮށް، ލައިސަންސްގެ ނިޒާމު ހަރުދަނާކުރުމަކީ މައްސަލައަށް އޮތް ހައްލު ކަމަށް ސަރުކާރުން ދެކެއެވެ. އަދި ބޭންކިން ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރަމުންދާކަން ދެއްކުމުގެ ގޮތުން، މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ވިޔަފާރިތަކަށް 345 މިލިއަން ޑޮލަރު ބީއެމްއެލްއިން ވިއްކާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ނަމަވެސް، ގާނޫނުތައް ފާސްކޮށްގެންނާއި ވަޒީރުން ދައްކަވާ ވާހަކަފުޅުތަކުން މަގުމަތީގެ ހަގީގަތް ބަދަލެއް ނުވެއެވެ. ޑޮލަރުގެ އަގު ދަށަށް ދިޔަ ކަމަށް ސަރުކާރުން ބުނާއިރު، އާންމު ވިޔަފާރިވެރިޔާއަށް މިއަދުވެސް ޑޮލަރެއް ގަންނަން ލިބެނީ ބޮޑުކޮށެވެ. ވިޔަފާރިވެރިންގެ ޑިމާންޑާ އެއްވަރަށް ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބޭނެ ގޮތެއް ނެތި، ހަމައެކަނި ގަވާއިދުތައް ހަރުކަށިކޮށް ބޭސްފަރުވާގެ ކޯޓާތައް ހިފެހެއްޓުމަކީ މައްސަލައިގެ ހައްލެއް ނޫނެވެ. އެއް ދޮރު ބަންދުކުރާއިރަށް، ޑޮލަރު ހޯދުމަށްޓަކައި އެހެން ދޮރެއް ހުޅުވުމަށް ވިޔަފާރިވެރިންނަށް މަޖުބޫރުވަނީ ވިޔަފާރި ހުއްޓާލެވެން ނެތީމައެވެ.

ރައްޔިތުންނާއި ވިޔަފާރިވެރިން ކުށްކުރާ ހިސާބަށް ގޮސް, ބޭސްފަރުވާގެ ނަމުގައި ވަގު އެޕޮއިންޓްމަންޓް ހައްދައިގެން ގްރޫޕް ދަތުރުތައް އަޅަން މަޖުބޫރުވާ ހާލަތަށް ގައުމު މިއޮތީ ގޮހެވެ. ކާޑުގެ ލިމިޓުތަކާއި ބޭސްފަރުވާގެ އުސޫލުތަކަށް ކޮންމެ ދުވަހަކު ބަދަލުގެނެސް، އާންމު ރައްޔިތުންނަށް ދަތިކުރުމުގެ ބަދަލުގައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ހަމަހަމަކަމާއެކު ވިޔަފާރިތަކަށް ލިބޭނެ ހަރުދަނާ ސިޔާސަތެއް ތަންފީޒުކުރަންޖެހެއެވެ.

އޮޅުވާލުމާއި މަކަރާއި ހީލަތުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ މި ނިޒާމު މުލުން ލުހެލަންޖެހެއެވެ. ވަގުތީ ފިޔަވަޅުތަކުން މައްސަލަ ފޮރުވުން ހުއްޓާލައި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަދި ވިޔަފާރިވެރިޔަކަށްވެސް ތެދުވެރިކަމާއި އަބުރުވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ވިޔަފާރިކޮށް ދިރިއުޅެވޭނެ ސާފު މަގެއް މާލީ އިދާރާތަކުން މިހާރުން މިހާރަށް ފަހިކޮށްދޭންޖެހެއެވެ.

comment ކޮމެންޓް