ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މައި މަގެއް ކަމަށްވާ އެއިޓް ޑިގްރީ އަދި ސެވަން ޑިގްރީ ޗެނަލްއާ ދެމެދުގައި އޮންނަ ސަރަހައްދެކެވެ. އޭޝިއާއާއި މެދުއިރުމައްޗާއި އެފްރިކާ އަދި ވިލާތުގެ ބާޒާރުތައް ގުޅުވައިދޭ މި ކަނޑުގެ ސަރަހައްދުން ދުވާލަކު 200 އަށް ވުރެ ގިނަ އުޅަނދު ދަތުރުކޮށް، އަހަރަކު 20 މިލިއަނަށް ވުރެ ގިނަ ޓީއީޔޫގެ މުދާ އުފުލައެވެ. މި ޖިއޮގްރަފީ ފުރުސަތުގެ ބޭނުންހިފައި، އިގުތިސާދު ސިންދަފާތުކުރުމަށާއި ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ވަނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ (އެމްއީޖީ) އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއު ރާވާފައެވެ. ގާތްގަނޑަކަށް 4،000 ހެކްޓަރާ ހަމައަށް ބިން ހިއްކުމުގެ ފުރުސަތު އޮތް މި ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރަކާއި، ބަންކަރިން އަދި ތެޔޮ އެޅުމުގެ ހިދުމަތާއި، ރީ އެކްސްޕޯޓް ފެސިލިޓީތަކާއި، ގުދަންކުރުމާއި މަރާމާތުކުރުމުގެ ހިދުމަތްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ފަތުރުވެރިކަން ތަރައްގީކުރުން ހިމެނެއެވެ.
އިހަވަންދިއްޕޮޅުގައި މިފަދަ އިގުތިސާދީ މަރުކަޒެއް ގާއިމުކުރުމުގެ ވިސްނުމަކީ އާ ވިސްނުމެއް ނޫނެވެ. މީގެ ކުރިން 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން 'އައިހެވަން' ގެ ނަމުގައި އެ ސަރަހައްދުގައި ޒަމާނީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، އެއާޕޯޓަކާއި، ކްރޫޒް ހަބެއްގެ އިތުރުން ބަންކަރިންގ އަދި ރިއަލް އެސްޓޭޓް ހިމެނޭ ބޮޑު މަޝްރޫއެއް އިއުލާނުކޮށްފައިވެއެވެ. އަދި އޭގެ ފަހުން އައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އެ ސަރަހައްދުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ ދައްކާފައިވީ ނަމަވެސް، އިންވެސްޓަރުން ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އޮތީ ނުފެށިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން އަބޫދާބީގެ ސާރހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާރހް ގްރޫޕް) އާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެއެވެ. ސަރުކާރުން ބުނާ ގޮތުގައި ގާތްގަނޑަކަށް 50 އަހަރުގެ ވިޔަފާރީގެ ތާރީހެއް އޮތް މި ކުންފުންޏަކީ މިހާރު މި މަޝްރޫއުގެ މައިގަނޑު ބައިވެރިއެވެ. ނަމަވެސް އުތުރުގެ އިގުތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް ބެލެވޭ މިފަދަ ބޮޑު މަޝްރޫއަކަށް ސާރހް ގްރޫޕުން ގެނެސްދެނީ ކޮން ތަޖުރިބާއެއްތޯ އަދި އެއީ ކޮން ފަދަ ވިޔަފާރިއެއް ކުރާ ކުންފުންޏެއްތޯ މިއީ އުފެދޭ ސުވާލެކެވެ.
އެ ކުންފުނީގެ ރަސްމީ ވެބްސައިޓާއި އަބޫދާބީ މީޑިއާ އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސާރހްގެ ނަމުގައި ހިންގާ މި ކުންފުންޏަކީ ޔޫއޭއީގެ ބާނީ ޝައިހް ޒާޔިދު ބިން ސުލްތާން އާލް ނަހްޔާންގެ އަމީރީ ގަރާރަކުން 1976 ގައި އުފެއްދެވި އަލް ދަފްރާ ކޯޕަރޭޓިވް ސޮސައިޓީ (އޭޑީސީއެސް) އާއި 1981 ގައި އުފެއްދެވި ދަލްމާ ކޯޕަރޭޓިވް ސޮސައިޓީ (ޑީސީއެސް) އެއްކޮށްލައިގެން އުފައްދާފައިވާ ކުންފުންޏެކެވެ. ކުރިން 'އަލް ދަފްރާ ޓެކްނިކަލް ސާވިސަސް' ގެ ނަމުގައި ހިންގުމަށް ފަހު، ސާރހް ގްރޫޕްގެ ނަމަށް ރީބްރޭންޑްކޮށްފައިވަނީ ނޮވެންބަރު 2024 ގައެވެ. އަބޫދާބީގެ އަލް ދަފްރާ ސަރަހައްދަށް ނިސްބަތްވާ ޔޫއޭއީގެ 5،000 އަށް ވުރެ ގިނަ ރައްޔިތުންގެ ހިއްސާ އޮންނަ މި ކުންފުނީގެ ޗެއާމަނަކީ، ދުނިޔޭގެ ބަނދަރުތަކާއި ލޮޖިސްޓިކްސް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އަބޫދާބީ ޕޯޓްސް ގްރޫޕް (އޭޑީ ޕޯޓްސް ގްރޫޕް) ގެ މެނޭޖިން ޑިރެކްޓަރު އަދި ގްރޫޕް ސީއީއޯ ކެޕްޓަން މުހައްމަދު ޖުމްއާ އަލް ޝާމިސީ ކަމަށް އަބޫދާބީ މީޑިއާ އޮފީހުން ރިޕޯޓުކޮށްފައިވެއެވެ. އަދި ސާރހް ގްރޫޕްގެ ސީއީއޯއަކީ އަބްދުލްހާލިގު އަލްއާމިރީ ކަމަށް ވާއިރު، ރާއްޖެއާ އެކު ސޮއިކުރެއްވި އަހްމަދު އިބްރާހީމް އަލީ މުހައްމަދު އަލް މުތައްވައުއަކީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯއެވެ.
ސާރހް ގްރޫޕުން އެ ކުންފުނީގެ ވިޔަފާރި ބަހާލާފައިވަނީ މައިގަނޑު ހަތަރު ޑިވިޝަނަކަށް ކަމަށް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ. އެއީ އަލް ވާރާ، އޮއިލް އެންޑް ގޭސް އޮޕަރޭޝަންސް، ލޮޖިސްޓިކްސް، އަދި އެމްއެންޑްއޭ ޕްރޮޖެކްޓްސްއެވެ. މި ބައިތަކުން ދައްކައިދެނީ ހަކަތައާއި ދަތުރުފަތުރާއި ލޮޖިސްޓިކްސް އަދި ސިނާއީ މަސައްކަތްތައް ފަދަ ބޮޑެތި އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވާ ދާއިރާތަކުގައި އެ ގްރޫޕްގެ ބައިވެރިވުން އޮތް މިންވަރެވެ.
ވިޔަފާރިތަކާއި ސިނާއަތްތަކާއި ބައިނަލްއަގުވާމީ ބާޒާރުތައް ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ލޮޖިސްޓިކްސް ދާއިރާއަކީ ސާރހް ގްރޫޕްގެ މައިގަނޑު އެއް މަސައްކަތެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނާ ގޮތުގައި، އެ ކުންފުނިން ގާތްގަނޑަކަށް 1،350 އުޅަނދުގެ ފްލީޓެއް ބޭނުންކުރެއެވެ. މިއީ ދަތުރުފަތުރާއި އޮޕަރޭޝަންތަކުގެ ބޮޑު ގާބިލުކަމެއް ހުރިކަން ދައްކައިދޭ އަދަދެކެވެ.
ސާރހް ކުންފުނީގެ ބައެއް ވެރިން---މީގެ އިތުރުން، އޮއިލް އެންޑް ގޭސް އޮޕަރޭޝަންސް ޑިވިޝަން މެދުވެރިކޮށް ތެލާއި ގޭހުގެ ސިނާއަތަށް ބޭނުންވާ ހަކަތައިގެ ހިދުމަތްތަކުގައި އެ ކުންފުނި ހަރަކާތްތެރިވެއެވެ. އަދި އެ ކުންފުނީގައި 700 އަށް ވުރެ ގިނަ ޕްރޮޖެކްޓް ޕްރޮފެޝަނަލުންނާއި ސިނާއަތުގެ 50 އިސްވެރިން ހިމެނޭ މަސައްކަތްތެރިންގެ ފައުޖެއް އޮންނަ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ޕްރޮފައިލްގައި ބަޔާންކޮށްފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސާދު ސިންދަފާތުކުރުމުގެ އެޖެންޑާއާއި ވިޝަން 2040 ގެ މުހިންމު ބައެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހީމާއި، ސާރހް ގްރޫޕްގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަހްމަދު އިބްރާހީމް އަލީ މުހައްމަދު އަލް މުޠައްވައުއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މެރިން ރީފިއުލިން އަދި ރީ އެކްސްޕޯޓް ހިދުމަތްތައް ތައާރަފުކުރާނެ ކަމަށާއި، ބައިނަލްއަގުވާމީ ކޮންސަލްޓަންޓުން މެދުވެރިކޮށް ފީސިބިލިޓީ ސްޓަޑީ ހަދަމުންދާ ކަމަށް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއުގެ މައި ޑިވެލޮޕަރު ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އިން ވަނީ ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީއޭއައި) އާ އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. މިއީ އެސްޓީއޯއާއި ނެދަލޭންޑްސްގެ ހަކަތަ ކުންފުންޏެއް ކަމަށްވާ ވައިޓޯލް ގުޅިގެން ސެޕްޓެންބަރު 19، 2024 ގައި އިހަވަންދިއްޕޮޅުގައި ފެށި އޮފްޝޯ ބަންކަރިން ހިދުމަތް އިތުރަށް ފުޅާކުރުމަށް އެޅޭ ފިޔަވަޅެކެވެ. ބަނދަރަކާ ނުލައި ކަނޑުމަތީގައި އުޅަނދުތައް ބާއްވައިގެން ދޭ މި ބަންކަރިން ހިދުމަތުން ރާއްޖޭގެ އިގުތިސާދަށް އަހަރަކު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ލަފާކޮށްފައިވެއެވެ.
އިހަވަންދިއްޕޮޅުގެ މަޝްރޫއު އަބޫދާބީގެ ސާރހް ގްރޫޕާ ހަވާލުކޮށްފައި މިވަނީ، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި ޔޫއޭއީގެ ކުންފުނިތަކުގެ ދައުރު ފުޅާވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި 20 ބިލިއަން ޑޮލަރުގެ 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' މަޝްރޫއު ހިންގުމަށް އަބޫދާބީގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ އެކު މިދިޔަ ސެޕްޓެންބަރުގައި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވެއެވެ. ހޮޓާތަކާއި، ރިސޯޓުތަކާއި، މެރީނާއާއި، ގެދޮރުވެރިކަމުގެ ޔުނިޓުތަކުގެ އިތުރުން ތައުލީމީ އަދި ސިއްހީ ވަސީލަތްތައް ހިމެނޭ ގޮތަށް ރާވާފައިވާ މި މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރަސްމާލެ އަވަހަށް އާބާދުވެ، ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
މި އެއްބަސްވުމާ އެކު ވެސް، މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓްގެ އަގާއި، ފައިސާ ހަމަޖައްސާ ގޮތާއި، މަސައްކަތް ނިންމާނެ ތާރީހުތަކާއި، ސާރހް ގްރޫޕުން ކުރާނެ މާލީ ހޭދައިގެ ތަފްސީލު ސަރުކާރުގެ އިއުލާނުގައި ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެ ކުންފުނިން ސީދާ ތަރައްގީކުރާނީ ކޮން އުމްރާނީ ވަސީލަތްތަކެއް ކަމާއި، އިމާރާތްކުރުމަށް ފައިސާ ހަރަދުކުރާނެތޯ އަދި އެ ތަންތަނުގެ މިލްކުވެރިކަމާއި ހިންގުމުގައި އެ ކުންފުނީގެ ދައުރަކީ ކޮބައިކަން ވެސް އަދި ސާފެއް ނުވެއެވެ.
ލޮޖިސްޓިކްސް އަދި ހަކަތައިގެ ދާއިރާގައި ސާރހް ގްރޫޕްގެ ތަޖުރިބާ ހުރި ނަމަވެސް، ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުތައް ތަރައްގީކޮށް ހިންގުމުގައި އެ ކުންފުނީގެ ރެކޯޑެއް އާންމުކުރި ޕްރޮފައިލްގައި ހިމަނާފައި ނުވާއިރު، ދައުލަތުގެ ވަސީލަތްތަކާއި ދުރުރާސްތާގެ އުމްރާނީ ވައުދުތައް ހިމެނޭ މި މަޝްރޫއުގެ މި ތަފްސީލުތަކަކީ އަދިވެސް ޖަވާބު ނުލިބި ހުރި ސުވާލުތަކެކެވެ.