ވެރިކަމުގެ 3 އަހަރު: ހެޔޮވެރިކަމުގެ ވައުދާއި ސިޔާސަތުތަކުން ފޮނިމީރުކަމެއްތަ؟ ނޫނީ ހިތި ތަޖުރިބާއެއް؟

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ --

ދިވެހިރާއްޖޭގެ ވެރިކަމުގެ ހުންގާނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވިތާ މިއަދަށް މިއީ ބަރާބަރު ތިން އަހަރެވެ. ޖުމްހޫރީ މައިދާނުގައި ވިހުރެމުންދިޔަ ދިވެހި ދިދައިގެ ހިޔަލުގައި، ގައުމާ މުޚާތަބު ކުރައްވަމުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކަށް މިއަދު ތިން އަހަރު ފުރިއްޖެއެވެ. ފަސް އަހަރުގެ ދައުރެއްގެ ބޮޑުބައި ފާއިތުވެ، ދައުރުގެ ފަހު ދެ އަހަރާ ކުރިމަތިލާއިރު، މިއީ ސަރުކާރުގެ މިސްރާބާއި، ތަންފީޒުކުރި ސިޔާސަތުތަކުގެ ނަތީޖާ އަނެއްކާ ވެސް މިނެކިރަންވީ ވަގުތެވެ. ވޭތުވެދިޔަ ތިން އަހަރަކީ ބޮޑެތި ބަދަލުތަކަކާއި، އިގްތިސާދީ ނިންމުންތަކަކާއި، ސިޔާސީ ގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ދުވަސްތަކެކެވެ.

އަވަސް އަރުވާލައިގެން ނިންމި ނިންމުންތަކުން ސިޔާސަތުތައް 'ޖޯކަކަށް'!

މި ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ފެންނަ އެންމެ ބޮޑު އެއް މައްސަލައަކީ، ރައްޔިތުންނަށް ފައިދާހުރި މުހިންމު ސިޔާސަތުތަކެއް ތައާރަފްކުރަން އުޅުމުގެ ތެރޭގައި ވިސްނަންޖެހޭ މުހިންމު ކަންކަމަށް ފަރުވާކުޑަކޮށްލެވުމެވެ. ކޮންމެ ސިޔާސަތަކީ ވެސް އެ ކަމަކަށް އާންމުން ހޭލުންތެރިކުރުވައި، އެ ކަމެއް ގަބޫލުކުރަން ރައްޔިތުންނަށް ވަގުތު ދީގެން ނޫނީ ކާމިޔާބު ކުރެވޭނެ ކަމެއް ނޫނެވެ. ވެރިކަން ހިންގުމުގެ އިލްމުގައި އަބަދުވެސް ބާރުއަޅަނީ ކުއްލި ބޮޑެތި ބަދަލުތަކަށް ވުރެ، މަޑުމަޑުން ފިޔަވަޅަކުން ފިޔަވަޅަކަށް މީހުން އަހުލުވެރިކުރުވައިގެން ގެންނަ އިސްލާހުތައް މާ ބޮޑަށް ދެމެހެއްޓެނިވި ވާނެ ކަމަށެވެ. އެ އުސޫލު ދޫކޮށްލުމުން ނަތީޖާއަކަށްވީ، ކިތަންމެ ރަނގަޅު ކަމެއް ނަމަވެސް އެ ކަމަކަށް ރައްޔިތުން ފުރަތަމަ ދުވަހުން ފެށިގެން ދެކޮޅު ހެދުމެވެ.

މީގެ އެންމެ ބޮޑު އެއް މިސާލަކީ ދައުލަތުން މާލީ ގޮތުން ބޮޑު ބުރައެއް އުފުލަންޖެހިފައިވާ އާސަންދަ ނިޒާމު އިސްލާހުކުރަން ކުރި މަސައްކަތެވެ. އިސްރާފު ކުޑަކުރުމުގެ މަގުސަދުގައި، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އެ ހުސްވުމުން ނުވަތަ އެއިން ކަވަރު ނުކުރާ ހާލަތުގައި އާސަންދަ ލިބޭ ގޮތަށް ނިންމީ ކުއްލިއަކަށެވެ. މި ނިންމުމަށް ރައްޔިތުން ތައްޔާރުނުކޮށް އިއުލާންކުރުމުން އެންމެ ބޭނުންވި ތަރުހީބެއް ނުލިބުނެވެ. އަމާޒުވީ އާންމުންގެ ނުރުހުމެވެ. އެންމެ ފަހުން ސަރުކާރަށް ޖެހުނީ އެ ނިންމުން ބަދަލުކޮށް "ޔޫޓާނެއް" ނަގާށެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން، އަނެއްކާވެސް ގެނައީ އާ ބަދަލެކެވެ. އެއީ މަހަކު 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އާސަންދަ ޚިދުމަތް ހޯދަން ވަކިވަރެއް އަމިއްލައަށް ދައްކަންޖެހޭ ގޮތަށް ހެދުމެވެ. މިއީ ވިސްނުން ރަނގަޅު ނިންމުމަކަށް ވިޔަސް، ތަކުރާރުކޮށް ގޮތް ބަދަލުވުމުން އުފެދުނީ ސުވާލުތަކެވެ.

ހަމަ މިފަދަ އަނެއް ޔޫޓާނަކީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމަށްފަހު ފަހުން ގެނައި ބަދަލެވެ. ސަރުކާރުން އަމިއްލައަށް ބޮޑުކުރި ޑިއުޓީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދެއް ކަމަށް ބުނެ އަލުން ކުޑަކުރިއެވެ. އަނެއްކޮޅުން، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ޖެނެރޭޝަނަލް ބޭން އާއި ވޭޕް މަނާކުރުމުގެ ނިންމުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް ލިބުނެވެ. އެކަމަކު މި ކަންކަން ތަންފީޒުކުރުމުގެ ހަރުދަނާ މޮނިޓަރިން ނިޒާމެއް ނެތްކަން މިހާރު ދަނީ ފެންނަމުންނެވެ. ގާނޫނު އޮތް ނަމަވެސް، ވަގަށް ވޭޕް އެތެރެކޮށް އަޑިއަޑިން ވިއްކުން އަދިވެސް ހުއްޓުވިފައެއް ނުވެއެވެ.

ފާއިތުވި ތިން އަހަރަށް ބަލާއިރު ޖުމުލަ ގޮތެއްގައި ފާހަގަކުރެވުނީ ސިޔާސަތުތައް ނިންމުމާއި، ރައްޔިތުންނާ ހަމައަށް ތައާރަފްކުރުމުގެ ކުރިން އެކަށީގެންވާ ވަރަށް މަޝްވަރާކޮށް ހޭލުންތެރިކުރުމުގެ މަސައްކަތް ކޮށްފައި ނެތް ކަމެވެ. މިހެން ވަނީ އަވަސް އަރުވާލައިގެން ކަންކަން ނިންމުމުންނެވެ. ކޮންމެ ކަމެއް ދެވަނަ ފަހަރަށް ކުރަން ޖެހުމާއި، ޔޫޓާން ނެގުމަކީ ސަރުކާރުގެ ސީރިއަސްކަން ގެއްލި، ކަންކަން "ޖޯކަކަށް" ބަދަލުވާ ސަބަބެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ވެރިކަންކުރާ ފަރާތްތަކުން ތަކުރާރުކޮށް ނިންމުންތައް ބަދަލުކުރާ ނަމަ، ރައްޔިތުންގެ އިތުބާރު ގެއްލި، ސަރުކާރަށް ކުރާ ގަދަރާއި އިހުތިރާމް ކުޑަވެގެންދެއެވެ.

ހެޔޮވެރިކަމުގެ ވައުދާއި ހަގީގަތް: ދެފުށްފެންނަ އުސޫލު އެބަ ހިނގާތަ؟

ދިވެހި ދިދައިގެ ހިޔަލުގައި ހުންނަވައި މީގެ ތިން އަހަރު ކުރިން ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ދެފުށްފެންނަ ވެރިކަމެއް ކުރެއްވުމެވެ. މައުލޫމާތު ހާމަކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި، ދައުލަތް ހިންގުމުގެ ކަންކަން ސާފުކޮށް ރައްޔިތުންނަށް އަންގައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ނަމަވެސް މިދިޔަ ތިން އަހަރަކީ އަސާސީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ޚިޔާލު ފާޅުކުރުމާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްތަކާއި ނުރައްކާތައް ކުރިމަތިވަމުން އަންނަކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކުރި ތިން އަހަރެވެ. އެހެންނަމަވެސް އެއްވުންތައް އަދިވެސް ބާއްވައެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުން މުޒާހަރާތައް ކުރެއެވެ. އެކިއެކި ޝިއާރުތަކާއި ކުރެހުންތައް ހިފައިގެން މަގުމައްޗަށް ނުކުމެ އަޑުއުފުލުމުގެ މިނިވަންކަން އަދިވެސް އެބައޮތެވެ.

އެހެން ނަމަވެސް، މައުލޫމާތު ހާމަކުރުމުގައި ދައުލަތުގެ އިދާރާތަކުން އަދިވެސް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ. މައުލޫމާތު ދިނުން ލަސްވުމާއި، ބޭނުންވާ ވަގުތުގައި ސައްހަ މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން ސަރުކާރަށް ލިބޭ ގެއްލުން ވަނީ އިތުރެވެ. ދައުލަތް ހިންގުމުގައި ދެފުށްފެންނަ މިންވަރު ކުޑަވާ ނަމަ، ރައްޔިތުންނާއި ވެރިންނާ ދެމެދު އޮންނަ އިތުބާރުގެ ގުޅުން ކެނޑިގެންދެއެވެ. ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު ނިންމުންތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން، ހާމަކަން ބޮޑު މަރުހަލާއަކުން ކަންކަން ނުނިންމާ ކަމުގެ ޝަކުވާ އަދިވެސް ވަރަށް ބޮޑެވެ. ޖުމްލަ ގޮތެއްގައި މި ތިން އަހަރަކީ ހެޔޮވެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަން ކޮންމެހެން ވެސް މަސައްކަތްކުރަންޖެހޭކަން ހާމަކޮށްދިން ތިން އަހަރެވެ.

ޖަޒުބާތަށް ވުރެ ހަގީގަތް އިސްކުރުން: ޚާރިޖީ މައިދާނުން ފެންނަ އާ މިސްރާބު

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މި ސަރުކާރުން ކުރެހި ރަތްރޮނގު އަދިވެސް އެބައޮތެވެ. ނަމަވެސް އެ ރަތްރޮނގު ފުޅާކުރަން އުޅުމުގެ ތެރޭގައި މޮރިޝަސްއިން ވަނީ ރާއްޖެއާ ސިޔާސީ ގުޅުން ކަނޑައިލައިފައެވެ. ވެރިކަމުގެ ކުރީކޮޅު ހެއްދެވި ޖަޒުބާތީ ގޯސްތަކުގެ ހިތިކަން މަޑުމަޑުން ފިލައިދިޔަ ނަމަވެސް، އެ ކަންކަން އަދި މުޅިން ހަނދާނަކުން ނުފިލައެވެ.

މި ސަރުކާރަށް ޚާރިޖީ ދާއިރާގައި އޮތް އެންމެ ބޮޑު އެއް ޗެލެންޖަކީ މިހާރުގެ ސަރުކާރުން ދައުވާކުރާ، ރާއްޖެއަށް މިލްކުވެރިކަން ލިބެންޖެހޭ ކަމަށް ބުނާ ފޯޅަވަހީގެ މައްސަލައެވެ. އަދި ގެއްލުނު ކަނޑުގެ މައްސަލައެވެ. ވައުދުތައް ވަރުގަދަ ނަމަވެސް، މިއިން އެއްވެސް ކަމެއްގައި ރައްޔިތުންނަށް ފެންނަ ހިސާބުގައި އަދި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މިއީ ސަރުކާރުގެ ބަހާއި އަމަލާ ދެމެދު އޮތް ފަރަގު ވަޒަންކުރަން އާންމުން ބަލާ އެންމެ ބޮޑު އެއް މިންގަނޑެވެ.

އެހެން ނަމަވެސް، ޚާރިޖީ މައިދާނުގައި ހޯދުނު ކާމިޔާބީތައް ވެސް މަދެއް ނޫނެވެ. ރައީސް ޑރ. މުއިއްޒު ވެވަޑައިގަންނަވާނީ މި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ގައުމުތަކަށް ރަސްމީ ދަތުރުފުޅުތައް ކުރައްވައި، ބައިނަލްއަގުވާމީ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރެއްވި ރައީސަށެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހީންނަށް އަދިވެސް އިހުތިރާމާއި ގަދަރު އެބައޮތެވެ. ބޭރު ދުނިޔެއިން ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި މާލީ އަދި ފަންނީ އެހީތައް ލިބޭ މިންވަރު މިހާރު އެބަ އިތުރުވެއެވެ. އެހެންކަމުން މިއީ ގައުމުގެ މުސްތަގުބަލަށް އޮތް ރަނގަޅު ފާލެކެވެ. މީގެ އިތުރުން، އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ސާބިތުކަމާއެކު ވަކާލާތު ކުރެއްވުމަކީ ރައްޔިތުންނާއި ބައިނަލްއަގްވާމީ ދުނިޔޭގެ ފަރާތުން ސަރުކާރަށް ބޮޑު ތައުރީފެއް ލިބުނު ކަމެކެވެ.

ބޭރު ގައުމުތަކާ ގުޅުން ބަދަހިކުރުމުގައި މަޝްހޫރު ޚާރިޖީ މާހިރުން އަބަދުވެސް ފާހަގަކުރާ ކަމެއް އޮވެއެވެ. އެއީ، ހަމައެކަނި ޖަޒުބާތީ ޝިއާރުތަކަށް ވުރެ ބޮޑަށް، އަމަލީ ގޮތުން ގައުމަށް ފައިދާވާނެ "ހަގީގަތްތަކުގެ މައްޗަށް" ގުޅުންތައް ބިނާކުރުމަކީ ކުދި ގައުމުތަކުގެ ސަލާމަތަށް އެންމެ މުހިންމު ކަންތަކެވެ. ވެރިކަމުގެ ކުރީކޮޅު ފެނުނު ހަލަބޮލިކަމަށް ފަހު، މިހާރު ޚާރިޖީ ކަންކަމުގައި ފެންނަނީ އެފަދަ ހަމަޖެހުމަކަށް ވާސިލުވާން މަސައްކަތްކުރާ މަންޒަރެވެ.

ދަރަނިތައް އަދާ ކުރަމުން، ތަފާތު ދެއްކި

ރައީސް މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، އިގްތިސާދީ ގޮތުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ދަރަނިތައް، ގައުމު ބަނގުރޫޓުވިޔަ ނުދީ ތާވަލާ އެއްގޮތަށް އަނބުރާ ދައްކައި ހަލާސްކުރުމެވެ. މީގެ ކުރީގެ ވެރިކަންތަކުން ދައުލަތް ބޮޑެތި ދަރަނިތަކަކަށް ވައްޓާލާފައި އޮތް ނަމަވެސް، މި ވެރިކަމުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި 1.29 ބިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. މިއީ ކުރީގެ ސަރުކާރުތަކުން ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ދެއްކި އަދަދަށް ވުރެ ވެސް އިތުރު އަދަދެކެވެ. މިގޮތުން ދެއްކި ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ދެއްކި 891 މިލިއަން ޑޮލަރާއި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދަރަނީގެ ތެރެއިން ދެއްކި 195 މިލިއަން ޑޮލަރުގެ އިތުރުން ކުރީގެ އެހެން ސަރުކާރުތަކުގެ ލޯނުތަކެވެ. މީގެ ތެރޭގައި އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައި އޮތް 150މިލިއަން ޑޮލަރުގެ ޓީބިލް ފެސިލިޓީ އެއްކޮށް ދައްކައި ހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އަނބުރާ ދެއްކުން ހިމެނެއެވެ.

މި ސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ މާލީ ކާމިޔާބީއަކީ މިދިޔަ އެޕްރީލްގައި ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް، ކޫޕަން ޕޭމަންޓްތަކާ އެކު ޖުމްލަ 524 މިލިއަން ޑޮލަރު އެއްވެސް ލަސްވުމެއް ނެތި ފުރިހަމައަށް ދައްކައި ނިންމާލުމެވެ. މި ދަރަނި ދެއްކުމަށްޓަކައި ހަރުދަނާ މާލީ ސިޔާސަތުތަކެއް އެކަށައަޅައި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 320 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޖަމާކޮށް، ގައުމުގެ ރަސްމީ ރިޒާވް ވަނީ ރެކޯޑު މިންވަރެއް ކަމަށްވާ 1.27 ބިލިއަން ޑޮލަރަށް އުފުލާފައެވެ. މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން 51.3 ޕަސެންޓުގައި ހުރި ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 44.5ޕަސެންޓަށް ތިރިކުރެވިފައެވެ.

އޭގެ އިތުރުން، ކުރީގެ ލޯނުތަކަށް ރަހުނުކޮށްފައި ހުރި ދައުލަތުގެ މުހިންމު މުދާތައް އަނބުރާ ރައްޔިތުންގެ މިލްކިއްޔާތަށް ގެނެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ކުރިމަތީގައި ރާއްޖޭގެ އިގްތިސާދީ އިތުބާރާއި ސިޔާދަތީ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ކަށަވަރުކޮށްދީފައެވެ.

ބާކީ ދެ އަހަރު: ރައްޔިތުންގެ ކޯޓުން، ގެއްލިފައިވާ އިތުބާރު އަލުން ހޯދޭނެތަ؟

ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުނުއިރު، ސަރުކާރުގެ ދައުރުން ބާކީ މިހާރު އޮތީ އެންމެ ދެ އަހަރެވެ. މިއީ ސިޔާސަތުތައް ތަންފީޒުކުރުމާއި، ހެޔޮވެރިކަމުގެ އުސޫލުތައް ހިފެހެއްޓުމާއި، އަދި ޚާރިޖީ ދާއިރާއިން ހުރި ގޮންޖެހުންތައް ހައްލުކުރަން ސަރުކާރަށް ލިބޭނެ އެންމެ ފަހު ދެ އަހަރުގެ ފުރުސަތެވެ. ކަންކަން ނިންމުމުގައި އަވަސްއެރުވުމުގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ހޯދައިގެން މަޑުމަޑުން ކަންކަން އިސްލާހުކުރުމަކީ ކުރިއަށް އޮތް ތަނުގައި ސަރުކާރަށް ކޮންމެހެން ބޭނުންވާނެ ވިސްނުމެކެވެ.

އަވަސްއަރުވާލައިގެން ކަންކަން ނިންމުމަށްފަހު ފަހުން ޔޫޓާން ނެގުމުގެ ސަގާފަތް ބަދަލުކުރަން ޖެހެއެވެ. ވައުދުތައް ފުއްދުމުގައި ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއް ގާއިމުކުރަން ޖެހެއެވެ. ޚާރިޖީ ގޮތުން ގެއްލުނު ކަންކަން ހޯދުމަށް ދެއްކި ވާހަކަތަކުގެ އަމަލީ ނަތީޖާ ދައްކަން ޖެހެއެވެ.

ޑިމޮކްރެސީއެއްގައި ވެރިކަމެއްގެ ކާމިޔާބީ މިނެކިރާނީ އެ ސަރުކާރަކުން އަމިއްލައަކަށް ނޫނެވެ. ކިތަންމެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގިޔަސް، އަދި ކިތަންމެ ރީތި ވާހަކަތަކެއް ދެއްކިޔަސް، ސަރުކާރެއްގެ ފައިނަލް ރިޕޯޓް ކާޑު ތައްޔާރުކުރާނީ ހަމަ އާންމު ރައްޔިތުންނެވެ. ފާއިތުވި ތިން އަހަރުގެ ހިތި ފޮނި ތަޖުރިބާތަކަށް ބަލައި، ވެރިކަމުގެ މިސްރާބާ މެދު ގޮތް ނިންމާނެ ބަޔަކީ ވެސް ހަމަ ދިވެހި ރައްޔިތުންނެވެ. ބާކީ އޮތް ދެ އަހަރަކީ ރައްޔިތުންގެ އެ އިތުބާރު އަލުން ހޯދަން ސަރުކާރަށް އޮތް އެންމެ ފަހު އިމްތިހާނެވެ.

comment ކޮމެންޓް