ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ ވަކި ޚާއްސަ ގައުމުތަކަކަށް އެކަނި ބޭސްފަރުވާއަށްދޭ 1،000 ޑޮލަރު ދޫކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް މި 1،000 އެމެރިކާ ޑޮލަރު ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރާ ފަރާތްތަކަށް އެކަންޏެވެ. މިގޮތަށް އުސޫލު ބަދަލުކުރަން ނިންމީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ އަދަދުތަކެއްކަން ކަށަވަރުކުރުމުގެ މަގްސަދުގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށެވެ. އަދި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ދޫކުރާ 2،000 ޑޮލަރު އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
ދިވެހީން ބޭސްފަރުވާއަށް ދަތުރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، ބޭސްފަރުވާއަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށް، އާސަންދައިގެ ދަށުންނާއި އެންސްޕާގެ އެހީގައި ދާ މީހުންނަށް 2،000 ޑޮލަރާ ހަމައަށް އަދި އަމިއްލަ ޚަރަދުގައި ދާ މީހުންނަށް 1،000 ޑޮލަރު ދޭން ފެށީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެންނެވެ. ނަމަވެސް، މި ބަދަލާއެކު ބޭސްފަރުވާއަށް ދޫކުރާ ޑޮލަރުގެ އަދަދު ވަނީ އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. މިދިޔަ އަހަރުގެ މުޅި ޖުމްލަ އަދަދަކީ 18.51 މިލިއަން ޑޮލަރު ކަމަށްވާއިރު، 2026 ގެ ސެޕްޓެންބަރުގެ ނިޔަލަށް ވިއްކި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ.
މި އަދަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ދޫކުރި ފައިސާއެވެ. އެގޮތުން، މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް އެކަނިވެސް އަމިއްލަ ޚަރަދުގައި ދިޔަ މީހުންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ.
އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި އަދަދު ތިން ގުނައަށް އިތުރުވުމަކީ، މި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދުނު މައިގަނޑު ސަބަބެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށާއި، އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ އިތުރުން، ހަޤީޤީ ބޭނުންޖެހިފައިވާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ޑޮލަރު ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.