އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެން ފްރެންސިސްކޯ (ޔޫސީއެސްއެފް) އާއި ބޮސްޓަންގެ ބެތު އިސްރާއީލް ޑީކަނެސް މެޑިކަލް ސެންޓަރުގެ ސައިންސްވެރިން ގުޅިގެން، ނިދީގައި ސިކުނޑީގެ ހަރަކާތްތައް ދެނެގަނެ ޑިމެންޝިއާ ބަލީގެ ނުރައްކާ ލަފާކުރެވޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް އުފައްދައިފިއެވެ.
ޑިމެންޝިއާއަކީ ހަނދާން ނެތުމާއި، ވިސްނުމުގެ ބާރު ދަށްވުމާއި، މީހާގެ އުޅުމަށް ބަދަލުއައިސް، އާންމު ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅޭ ފަދަ އަލާމާތްތަކަކަށް ކިޔާ އާންމު ނަމެކެވެ. މި ބަލީގެ އެންމެ އާންމު އެއް ސަބަބަކީ އަލްޒައިމާސް ޑިޒީޒްއެވެ. މިއީ އާންމުކޮށް އުމުރުން ދުވަސްވުމުން ކުރިމަތިވާ ސިއްހީ މައްސަލައެއް ނަމަވެސް، މިއީ ހަމައެކަނި މުސްކުޅިވުމުގެ ސަބަބުން އަންނަ އާދައިގެ ބަދަލެއް ނޫނެވެ.
މާޗު 2026 ގައި 'ޖާމާ ނެޓްވޯކް އޯޕަން' ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބޭނުންކޮށްފައިވަނީ އިލެކްޓްރޯއެންސެފަލޯގްރަފީ (އީއީޖީ) މެދުވެރިކޮށް ނިދީގައި ސިކުނޑިން ފޮނުވާ ސިގްނަލްތައް ދެނެގަންނަ މެޝިން ލާނިން ނިޒާމެކެވެ. މި ނިޒާމުގެ އެހީގައި މީހާގެ އަސްލު އުމުރާއި ސިކުނޑީގެ އުމުރު އަޅައިކިޔައި، ސިކުނޑީގެ އުމުރު ދޮށީ ނަމަ ޑިމެންޝިއާގެ ނުރައްކާ ބޮޑުކަން ވަނީ ހޯދާފައެވެ.

ދިރާސާއިން ދައްކާ ގޮތުގައި، މީހާގެ އަސްލު އުމުރަށް ވުރެ ސިކުނޑީގެ އުމުރު 10 އަހަރު ދޮށީވާ ކޮންމެ ފަހަރަކު، ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް 39 އިންސައްތަ ނުވަތަ 40 އިންސައްތަ އިތުރުވެއެވެ. އަދި އަސްލު އުމުރަށް ވުރެ ސިކުނޑީގެ އުމުރު ހަގު މީހުންނަށް މި ބަލީގެ ނުރައްކާ ކުޑަކަންވެސް ވަނީ ފާހަގަކޮށްފައެވެ. މިއީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ އެތައް އަހަރެއް ކުރިން ބަލީގެ ނުރައްކާ ދެނެގަތުމަށް މަގުފަހިކޮށްދޭނެ ހޯދުމެކެވެ.
މި އޭއައި މޮޑެލް ތަރައްގީކުރުމަށްޓަކައި ސައިންސްވެރިން ވަނީ އީއީޖީ ރެކޯޑިންތަކުން ފެންނަ ވަރަށް ކުދި 13 ސިފައެއް އެއްކޮށްފައެވެ. މި މޮޑެލް ޓެސްޓުކުރުމަށް، ތަފާތު ފަސް ދިރާސާއެއްގައި ބައިވެރިވި 7،000 އެއްހާ މީހުންގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ. މި މީހުންގެ އުމުރު އުޅެނީ 40 އަހަރާއި 94 އަހަރާ ދެމެދުގައެވެ. ދިރާސާ ފެށިއިރު މީގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިގައި ޑިމެންޝިއާގެ އަލާމާތެއް ނެތެވެ.
ސައިންސްވެރިން ވަނީ 3.5 އަހަރާއި 17 އަހަރާ ދެމެދުގެ މުއްދަތަކަށް މި މީހުންގެ ހާލަތު ގާތުން ބަލާފައެވެ. މި މުއްދަތުގެ ތެރޭގައި އޭގެ ތެރެއިން 1،000 އެއްހާ މީހުންނަށް ވަނީ ޑިމެންޝިއާ ޖެހިފައެވެ. މި ދިރާސާގައި ބައިވެރިވި ފަސް ކޯހޯޓުގެ ތެރެއިން ޑިމެންޝިއާ ޖެހުނު މީހުންގެ ނިސްބަތް އުޅެނީ 6.6 އިންސައްތައާއި 34.3 އިންސައްތައާ ދެމެދުގައެވެ.
މި ތަފްސީލީ ތަހުލީލުން އެނގުނު ގޮތުގައި، ނިދީގައި ސިކުނޑީގެ ރާޅުބާނިތަކުގައި ހުންނަ ވަރަށް ކުދި އަދި ތަފްސީލީ މިންވަރުތަކުން، އާންމުކޮށް ނިދި މިންކުރާ ވަސީލަތްތަކަށް ނުފެންނަ މުހިންމު މައުލޫމާތުތަކެއް ހާމަވެއެވެ. މީގެ ކުރިން ގިނަ ބަޔަކު ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާތަކުން، އާންމުކޮށް ނިދި މިންކުރާ މިންގަނޑުތަކާއި ޑިމެންޝިއާގެ ނުރައްކާއާ ދެމެދު މާ ބޮޑު ގުޅުމެއް އޮންނަ ކަމަކަށް ނުދައްކައެވެ.
އާންމު މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ ނިދީގެ އެކި މަރުހަލާތަކުގައި ހޭދަކުރާ ވަގުތާއި، ރޭގަނޑު މެދުކެނޑުމެއް ނެތި ނިދިފައި އޮންނަ މިންވަރެވެ. މިފަދަ މިންގަނޑުތަކުން ނިދީގެ ފެންވަރު ވަޒަންކުރެވުނު ނަމަވެސް، ސިކުނޑީގެ އެތެރޭގައި ހިނގާ ނާރުތަކުގެ މުއާމަލާތްތައް ފުރިހަމައަށް ދެނެއެއް ނުގަނެވެއެވެ.
ޔޫސީއެސްއެފް ސްކޫލް އޮފް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް ސައިކޭޓްރީ އަދި މި ދިރާސާގެ އިސް މުސައްނިފު ޔުއޭ ލެންގް ވިދާޅުވި ގޮތުގައި، އާންމުކޮށް ނިދި މިންކުރާ މިންގަނޑުތަކުން ނިދީގެ ފިޒިއޮލޮޖީގެ ފުޅާ އަދި ގުޅިފައިވާ ނިޒާމު ފުރިހަމައަށް ދެނެއެއް ނުގަނެވެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ސިކުނޑީގެ އުމުރު ހިސާބުކުރަނީ ނިދީގައި ސިކުނޑިން އުފައްދާ ރާޅުބާނިތަކަށް ބިނާކޮށެވެ. އަދި ނިދީގައި ސިކުނޑި މަސައްކަތްކުރާ ގޮތަކީ، ސިކުނޑި މުސްކުޅިވަމުންދާ މިންވަރު ދެނެގަތުމަށް އޮތް ވަރަށް ސާފު ދޮރެއްކަން މިހާރު އެނގިފައިވާ ކަމަށްވެސް ލެންގް ވިދާޅުވިއެވެ.
ސިކުނޑީގެ އުމުރު ހިސާބުކުރުމަށް ބޭނުންކުރި އީއީޖީގެ ބައެއް މިންގަނޑުތަކަކީ، ހަނދާނާއި ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމަށް ކުރިންވެސް ވަނީ ހޯދިފައެވެ. މީގެ ތެރޭގައި 'ޑެލްޓާ ވޭވްސް' ހިމެނެއެވެ. މިއީ ފުން ނިންޖާ ގުޅިފައިވާ، ލަސް އަދި ރާޅުބާނިތަކެއް ފަދައިން ހުންނަ އިލެކްޓްރިކަލް ހަރަކާތްތަކެކެވެ. އަނެއް ކަމަކީ 'ސްލީޕް ސްޕިންޑްލްސް' އެވެ. މިއީ ސިކުނޑީގެ ހަރަކާތްތައް ކުއްލިއަކަށް އަވަސްވެގެންދާ ދިއުމެކެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ ހަނދާންތައް ވަރުގަދަކޮށް، ރައްކާކުރުމަށް ސިކުނޑިއަށް އެހީތެރިވެދޭ ކަމެކެވެ. މި ހަރަކާތްތައް މަދުވުމަކީ ސިކުނޑީގެ މަސައްކަތްތައް ހީނަރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.
މި ދިރާސާއިން ފާހަގަވި އެންމެ މުހިންމު އެއް ހޯދުމަކީ، އީއީޖީ ސިގްނަލްތަކުގައި ކުއްލިއަކަށް އުފެދޭ ބޮޑެތި ސްޕައިކްތަކާ ގުޅޭ ހޯދުމެވެ. 'ކާޓޯސިސް' ގެ ނަމުން ނަންދީފައިވާ މި ސިފަ ހުންނަ ނަމަ، ޑިމެންޝިއާ ޖެހުމުގެ ނުރައްކާ ކުޑަވާކަން ވަނީ ފާހަގަކުރެވިފައެވެ. ސިކުނޑީގެ އުމުރު ދޮށީވުމާއި ޑިމެންޝިއާގެ ނުރައްކާ ބޮޑުވުމާ ދެމެދު އޮތް ގުޅުމަކީ، ތައުލީމީ ފެންވަރާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އާއި، ކަސްރަތުކުރާ މިންވަރާއި، ނިދަން ބޭނުންކުރާ ބޭސްތަކާއި، ސިއްހީ އެހެނިހެން މައްސަލަތަކުގެ އިތުރުން ވާރުތަވާ ނުރައްކާތަކަށް ރިއާޔަތްކުރުމަށް ފަހުވެސް ބަދަލުނުވެ އޮތް ގުޅުމެއްކަން ދިރާސާކުރި ފަރާތްތަކުން ވަނީ ކަށަވަރުކޮށްފައެވެ.
އީއީޖީ މައުލޫމާތަކީ ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ލައިގެން ހަދަންޖެހޭ އުނދަގޫ ޓެސްޓުތަކަކާ ނުލައި ހޯދިދާނެ މައުލޫމާތަކަށް ވާތީ، ނިދީގެ މައްޗަށް ބިނާކޮށް ސިކުނޑީގެ އުމުރު މިންކުރުމަކީ ކުރިމަގުގައި އާންމު ކްލިނިކްތަކުން ބޭރުގައިވެސް ޑިމެންޝިއާގެ ނުރައްކާ ދެނެގަތުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށް ސައިންސްވެރިން ދެކެއެވެ. މި އަހަރު ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، ގައިގައި އަޅައިގެން އުޅެވޭ (ވެއަރަބަލް) އީއީޖީ ޑިވައިސްތައް ކަމަށްވާ 'މިއުސް އެސް' އަދި 'ޑްރީމް ހެޑްބޭންޑް' ފަދަ ވަސީލަތްތައް ވަނީ ތައާރަފުކުރެވިފައެވެ. މީގެ އިތުރުން، ކަންފަތަށް ލައްވައިގެން އީއީޖީ މިންކުރާ އާލާތްތައް މެދުވެރިކޮށް ގޭގައި ތިބެގެންވެސް ނިދީގައި ސިކުނޑީގެ ސިގްނަލްތައް ރެކޯޑުކުރެވިދާނެއެވެ. މިފަދަ ވަސީލަތްތަކުގެ އެހީގައި، އަލްޒައިމާސް ނުވަތަ ޕާކިންސަންސް ފަދަ ބަލިތަކުގެ އަލާމާތްތައް 10 ނުވަތަ 15 އަހަރު ކުރިން ދެނެގަތުމުގެ ފުރުސަތު އޮންނާނެއެވެ.
މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ނިދީގެ ސިއްހަތު ރަނގަޅުކުރުމަކީ ސިކުނޑި މުސްކުޅިވާ ގޮތަށް ބަދަލުތަކެއް ގެނުވައިފާނެ ކަމެކެވެ. ލެންގް ފާހަގަކުރެއްވި ގޮތުގައި، ނިދުމުގައި ދިމާވާ މައްސަލަތަކަށް ފަރުވާކުރުމުން، ނިދީގައި ރެކޯޑުކުރެވޭ ސިކުނޑީގެ ރާޅުބާނިތަކުގެ ހަރަކާތްތަކަށް ބަދަލު އަންނަކަން މީގެ ކުރީގެ ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. އެހެންކަމުން، ނިދި ހަމަކުރުމާއި ނިދީގެ ފެންވަރު ރަނގަޅުކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
ބެތު އިސްރާއީލް ޑީކަނެސް މެޑިކަލް ސެންޓަރުގެ އެސިސްޓެންޓް ޕްރޮފެސަރު އޮފް ނިއުރޮލޮޖީ އަދި މި މޮޑެލް ތަރައްގީކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހާއޯޗީ ސުން ވިދާޅުވި ގޮތުގައި، ހަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. އޭނާ ވިދާޅުވީ ބީއެމްއައި ދަށްކުރުމާއި، ކަސްރަތުކުރުން އިތުރުކޮށްގެން ސްލީޕް އެޕްނިއާ ފަދަ މައްސަލަތައް ކުޑަކުރުމުން އޭގެ ފައިދާ ކުރާނެ ކަމަށެވެ. ނަމަވެސް ސިކުނޑީގެ ސިއްހަތު ރަނގަޅުކުރުމަށް ވަކި ހާއްސަ ޖާދޫގެ ގުޅައެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މާނައަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު ދުނިޔޭގައި 57 މިލިއަން މީހުން ޑިމެންޝިއާ ތަހައްމަލުކުރަމުން ދިޔައެވެ. އަދި ކޮންމެ އަހަރަކު ގާތްގަނޑަކަށް 10 މިލިއަން އާ ކޭސް ރިޕޯޓުކުރެވޭއިރު، މިއީ އުމުރުން ދުވަސްވީ މީހުން ނުކުޅެދޭ ހާލަތަށް ދިއުމާއި އެހެން މީހުންނަށް ބަރޯސާވާންޖެހޭ މައިގަނޑު އެއް ސަބަބެވެ. އަލްޒައިމާސް ޑިޒީޒް އިންޓަނޭޝަނަލް (އޭޑީއައި) އިން ލަފާކުރާ ގޮތުގައި، 2050 ވަނަ އަހަރާ ހަމައަށް ދާއިރު ޑިމެންޝިއާ ތަހައްމަލުކުރާ މީހުންގެ އަދަދު 139 މިލިއަނަށް އަރާނެއެވެ. ޑިމެންޝިއާގެ ނުރައްކާ ދުނިޔޭގެ ފެންވަރުގައި ބޮޑުވަމުން އަންނައިރު، ބަލި ކުރީބައިގައި ދެނެގަތުމުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ.
މިހާރު އާންމުކޮށް ކްލިނިކްތަކުގައި ޑިމެންޝިއާ ދެނެގަތުމަށް ބޭނުންކުރަނީ ކޮގްނިޓިވް ޓެސްޓުތަކެކެވެ. އޭގެ ތެރޭގައި މޮންޓްރިއޯލް ކޮގްނިޓިވް އެސެސްމަންޓް (މޯކާ)، މިނީ-މެންޓަލް ސްޓޭޓް އެގްޒެމިނޭޝަން (އެމްއެމްއެސްއީ) އަދި މިނީ-ކޮގް ފަދަ ޓެސްޓުތައް ހިމެނެއެވެ. މޯކާ ޓެސްޓަކީ 30 ޕޮއިންޓުގެ މައްޗަށް ބިނާކޮށް، ސިކުނޑީގެ މަސައްކަތްތަކަށް އަންނަ ކުދި ބަދަލުތައް ދެނެގަތުމަށް އާންމުކޮށް ބޭނުންކުރާ ޓެސްޓެކެވެ. އަދި 1975 ވަނަ އަހަރު ތައާރަފުކުރި އެމްއެމްއެސްއީ އަކީވެސް ހަނދާނާއި، ސަމާލުކަން ދިނުމާއި، ބަހުގެ ހުނަރުތައް ވަޒަންކުރުމަށް ބޭނުންކުރާ ސުވާލުތަކަކާއި މަސައްކަތްތަކެއް އެކުލެވޭ ޓެސްޓެކެވެ. ނަމަވެސް މި ޓެސްޓުތަކުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ މާ ކުރިން ބަލީގެ ނުރައްކާ ދެނެގަތުމަށް ދަތިތަކެއް ހުރެއެވެ.
އެހެންކަމުން، ނިދީގައި ސިކުނޑީގެ ހަރަކާތްތައް ދެނެގަނެގެން ޑިމެންޝިއާގެ ނުރައްކާ ލަފާކުރެވޭ އޭއައި މޮޑެލްއަކީ ބަލި ކުރީބައިގައި ދެނެގަތުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ދިރާސާކުރި ޓީމުން މިހާރު މަސައްކަތްކުރަމުން ދަނީ، އީއީޖީ ބޭސްޑް ބްރެއިން އޭޖް އިންޑެކްސް (ބީއޭއައި) އަކީ އާންމު މުޖުތަމައުގައި ޑިމެންޝިއާ ކުރީބައިގައި ދެނެގަތުމަށް ބޭނުންކުރެވިދާނެ ޑިޖިޓަލް ބަޔޯމާކަރެއްތޯ ބެލުމަށް އިތުރު ދިރާސާތައް ކުރުމަށެވެ.