އަންހެން ދަރިފުޅުގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމުގެ އުފާވެރިކަމާ ގުޅިގެން އުމުރުން 65 އަހަރުގެ އަންހެނަކަށް ހިތުގެ މަދުން ނޫނީ ނުފެންނަ މައްސަލައެއް ކަމަށްވާ "ހެޕީ ހާޓް ސިންޑްރޯމް" ކުރިމަތިވެފައިވާ ކަމަށް އޮކްސްފޯޑް މެޑިކަލް ކޭސް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ އަންހެންމީހާ ހޮސްޕިޓަލަށް ދިޔައީ ތިން ދުވަސް ވަންދެން މޭގައި ރިއްސުމާއި، ހަރަކާތްތެރިވެ އުޅޭ ވަގުތުތަކުގައި ނޭވާލާން އުނދަގޫވުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ. ހޮސްޕިޓަލުން ހެދި އީސީޖީން ހާޓް އެޓޭކެއް ޖެހުމުން ފެންނަ ފަދަ ބަދަލުތަކެއް ފެނިފައިވާއިރު، ލޭގެ ޓެސްޓުތަކުން ވަނީ ހިތުގެ މަސްގަނޑަށް ގެއްލުންވުމުން މައްޗަށްދާ މާއްދާއެއް ކަމަށްވާ ޓްރޮޕޮނިންގެ މިންވަރު މަތިވެފައިވާކަން ދައްކާފައެވެ. އެހެންކަމުން، އޭނާއަށް އައިސީޔޫގައި އެޑްމިޓުކޮށް ފަރުވާދޭން ފެށީ ހާޓް އެޓޭކެއް ކަމަށް ބަލައިގެންނެވެ.
ނަމަވެސް، ލޭހޮޅިތައް ބެދިފައިވޭތޯ ބެލުމަށް ހެދި ކޮރޮނަރީ އެންޖިއޯގްރަފީން އެއްވެސް ލޭހޮޅިއެއް ބެދިފައި ނުވާކަން ޑޮކްޓަރުންނަށް ފާހަގަކުރެވުނު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ބަދަލުގައި ފެނިފައިވަނީ ހިތުން ލޭ ފޮނުވައިދޭ މައި ޗެމްބަރުގެ ކޮޅު ފުއްޕާފައިވާ މަންޒަރެވެ. މިއީ ލޭހޮޅިތައް ބެދުމަކާ ނުލައި ވަގުތީ ގޮތުން ހިތުން ލޭ ޕަމްޕުކުރުމުގެ ބާރު ދަށްކޮށްލާ "ޓަކޮޓްސުބޯ ސިންޑްރޯމް" ނުވަތަ އާންމު ނަމުންނަމަ "ބްރޯކަން ހާޓް ސިންޑްރޯމް"ގެ އެންމެ ފާހަގަކޮށްލެވޭ އަލާމާތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެކޯކާޑިއޯގްރާމަކުން ހިތުގެ މަސައްކަތަށް ބޮޑު ބަދަލެއް އައިސްފައިވާކަން ކަށަވަރުކުރެވުނުއިރު، ހިތުން ލޭ ޕަމްޕުކުރާ މިންވަރު ދައްކައިދޭ އިޖެކްޝަން ފްރެކްޝަން ވަނީ އޭގެ ފަސް މަސް ކުރިން ހުރި 58 އިންސައްތައިން 35 އިންސައްތައަށް ދަށްވެފައެވެ. އަދި ފަހުން ހެދި ކާޑިއެކް އެމްއާރްއައި އަކުން އެއީ ހާޓް އެޓޭކެއް ނޫންކަމާއި ހިތުގެ މަސްގަނޑު ދުޅަވެފައި ނުވާކަން ކަށަވަރުވުމުން، އެއީ ޓަކޮޓްސުބޯ ސިންޑްރޯމްކަން ޔަގީންކުރެވުނެވެ.
މި ކޭސް އާދަޔާހިލާފު ކޭސްއަކަށް ވީ ބަލީގެ ސަބަބުން ނޫން ކަމަށާއި، ބަލި މެދުވެރިވާން ދިމާވި ސަބަބުން ކަމަށް ރިޕޯޓު އެކުލަވާލި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ޓަކޮޓްސުބޯ ސިންޑްރޯމް އާންމުކޮށް ގުޅިފައިވަނީ މީހަކު މަރުވުން، ބިރުގަތުން ނުވަތަ ކުއްލި ހިތާމަވެރި ހަބަރެއް ލިބުން ފަދަ ކަންކަމާ ގުޅިގެން ކުރިމަތިވާ ފުން ހިތާމަތަކާއެވެ. ނަމަވެސް، މި އަންހެންމީހާއަށް މި އަލާމާތްތައް ކުރިމަތިވީ އޭނާގެ ދަރިފުޅުގެ ކައިވެނީގެ ސަބަބުން ލިބުނު އުފާވެރިކަމާ ގުޅިގެންނެވެ.
މެޑިކަލް ދާއިރާގައި 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރިޕޯޓުކުރި މި ހާލަތަށް ދީފައިވާ ނަމަކީ "ހެޕީ ހާޓް ސިންޑްރޯމް" އެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން، އުފާވެރި ކަންކަމުގެ ސަބަބުންވެސް ހަށިގަނޑުގައި ސްޓްރެސް ހޯމޯންތައް އިތުރުވެ، ވަގުތީ ގޮތުން ހިތުގެ މަސްގަނޑު ބަލިކަށިކޮށްލައެވެ. މިއީ އަދިވެސް އާންމުކޮށް އެހާ ބޮޑަށް އެނގިފައިވާ ހާލަތެއް ނޫން ކަމަށާއި، ޓަކޮޓްސުބޯ ސިންޑްރޯމްގެ ކޭސްތަކުގެ ތެރެއިން ހެޕީ ހާޓް ސިންޑްރޯމް ހިއްސާކުރަނީ ގާތްގަނޑަކަށް 4.1 އިންސައްތަ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ޓަކޮޓްސުބޯ ސިންޑްރޯމްއަކީ އާންމުކޮށް ފެންނަ ބައްޔެއް ނޫނެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހާޓް އެޓޭކެއް ކަމަށް ޝައްކުކުރެވޭ މީހުންގެ ތެރެއިން މި ބަލި ހުންނަނީ އެއް އިންސައްތައާއި ތިން އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންގެއެވެ. ޖަޕާނުގައި 1983 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރެކޯޑުކުރެވުނު މި ބަލީގެ އަލާމާތްތަކާއި ހާޓް އެޓޭކްގެ އަލާމާތްތަކާ އެއްގޮތްކަމެއް ހުރުމުން، ގިނަ ފަހަރަށް ބަލި ދެނެގަތުމުގައި އޮޅުންތަކެއް އަރައެވެ.
މި އަންހެންމީހާއަށް ފަރުވާދީފައިވަނީ ހާޓް ފެއިލިއާއަށް އާންމުކޮށް ދޭ ބޭސްތައް ބޭނުންކޮށްގެންނެވެ. އަދި ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އޭގެ ފަހުން ހެދި ޗެކަޕްތަކުން ދައްކާ ގޮތުގައި އޭނާގެ ހިތުގެ މަސައްކަތް ވަރަށް ބޮޑަށް ރަނގަޅުވެ، އެއްވެސް ހުރަހަކާ ނުލައި އާންމު ދިރިއުޅުމުގެ ކަންކަމުގައި އުޅެވޭ ވަރަށް ވަނީ ރުޖޫއަވެފައެވެ.
ރިޕޯޓު އެކުލަވާލި ފަރާތްތަކުން ބުނެފައިވަނީ، މި ކޭސްގެ ސަބަބުން ހެޕީ ހާޓް ސިންޑްރޯމްއާ ގުޅޭގޮތުން ހުރި މަދު މައުލޫމާތުތަކަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި ހިތާމަވެރި ކަމެއްގެ ބަދަލުގައި އުފާވެރި ކަމަކާ ގުޅިގެން މިފަދަ އަލާމާތްތަކެއް ފެނުނު ކަމުގައިވިޔަސް، މި ބައްޔަށް ޝައްކުކުރުމުގެ މުހިންމުކަން މި ކޭސްއިން ހާމަވެގެންދާ ކަމަށް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.