ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް، ކައިޒީން އޭނާގެ އަންހެން ކޮއްކޮއަށް ލަގްޒަރީ އެޕާޓުމަންޓެއް ހަދިޔާކޮށްފިއެވެ.
ކައިޒީން ކޮއްކޮއަށް ހަދިޔާކުރީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތްކުރާ ޒަމާނީ ފެންވަރުގެ ލަގްޒަރީ 'ބޭފެންސީ ރެޒިޑެންސް'ގެ އެޕާޓުމަންޓެކެވެ. މި ތަނުގެ އެޕާޓުމަންޓުތައް އިމާރާތްކޮށްފައި ވަނީ އެއް ކޮޓަރިއާއި ދެ ކޮޓަރީގެ އިތުރަށް ތިން ކޮޓަރީގެއެވެ.
ކައިޒީން އޭނާގެ ކޮއްކޮއަށް ހަދިޔާ ކުރީ 3+1 ގެ، މޫދު ފެންނަ އެޕާޓްމަންޓެކެވެ.
ކައިޒީން ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއިން އެނގޭ ގޮތުގައި، މިއީ އޭނާގެ ކޮއްކޮއަށް ދިން އުފަން ދުވަހުގެ ހަދިޔާއެކެވެ.
އެ ވީޑިއޯއިން ފެންނަނީ، ކައިޒީން އޭނާގެ ކޮއްކޮގެ އަތުގައި ހިފައިގެން އެޕާޓުމަންޓަކަށް ވަންނަ މަންޒަރެވެ. އަދި، އެ ތަނުގެ ތެރޭގައި އޭނާގެ ކޮއްކޮއަށް ހަދިޔާކުރި އެޕާޓުމަންޓާ ގުޅޭ އެގްރީމަންޓެއް ދޭ މަންޒަރު ފެނެއެވެ.
މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން މިހާތަނަށް ވަނީ ލިބިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިއީ ކައިޒީން އޭނާގެ ކޮއްކޮއަށް އަގުބޮޑު ހަދިޔާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ކައިޒީން ވަނީ އޭނާގެ ކޮއްކޮއަށް ކާރެއް ވެސް ހަދިޔާކޮށްފައެވެ.
ކައިޒީންއަކީ ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މޮޑެލެކެވެ. އޭނާގެ ސޯޝަލްމީޑިއާގެ އެކައުންޓުތައް ގިނަ ބަޔަކު ފޮލޯކުރާއިރު، އޭނާ އާންމުކުރާ ވީޑިއޯތަކާއި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ.