އިންޑިއާގެ ކަލާސް ޓީވީން ގެނެސްދޭ މަގްބޫލް ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 20 ވަނަ ސީޒަންގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ މި ޝޯގެ ފުރަތަމަ ޓީޒާ އިއްޔެ ރިލީޒްކުރިއިރު، މި ފްރެންޗައިސްއަށް 20 އަހަރު ފުރޭތީ އެކަން ފާހަގަ ކުރުމުގެ ގޮތުން މި ފަހަރުގެ ސީޒަން ގެނެސްދޭނީ މުޅިން އާ ފޯމެޓަކަށެވެ.
ސަލްމާން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 'ބިގް ބޮސް'ގެ ކޮންމެ ސީޒަނަކުން ވެސް އާ ކުޅިވަރުތަކާއި، އާ ގުޅުންތަކާއި އަދި ހީނުކުރާ ފަދަ ބަދަލުތަކެއް ބެލުންތެރިންނަށް ގެނެސްދޭ ކަމަށެވެ. ނަމަވެސް މި ފަހަރުގެ ސީޒަނަކީ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ސިއްރުތަކެއް އެކުލެވިގެންވާ ސީޒަނެއް ކަމަށާއި، ފުރަތަމަ އިޝާރާތް މިހާރު ވެސް އާންމުވެފައިވާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. އަދި ބެލުންތެރިން މި ސިއްރުތަކުގެ ހަގީގަތް ހޯދުމަށް އިންތިޒާރު ކުރާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މި ޓީޒާ އާންމުވުމާއެކު، ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މި ސީޒަނުގައި ފެންނާނީ ކުރީގެ ސީޒަންތަކުގައި ބައިވެރިވި މީހުންނެވެ. މިއީ ދާދިފަހުން ދައްކަންފެށި ރިއަލިޓީ ޝޯ 'ޚަތުރޯން ކޭ ކިލާޅީ'ގެ 15 ވަނަ ސީޒަންގައި ވެސް އަމަލުކުރަމުންދާ ފޯމެޓެކެވެ.

މިދިޔަ އަހަރު ގެނެސްދިން 'ބިގް ބޮސް 19' ވަނަ ސީޒަން ކާމިޔާބުކުރި ގޯރަވް ކަންނާ ޝޯގެ ހޯސްޓް އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ
ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ 'ބިގް ބޮސް ސީޒަން 20' ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ޖިއޯ ހޮޓްސްޓާ އަދި ކަލާޒް ޗެނަލުންނެވެ.
މީގެ އިތުރުން، މި ފެސްޓިވް ސީޒަނާ ދިމާކޮށް އިންޑިއާގެ އެކި ބަސްބަހުން ބިގް ބޮސްގެ ހަ އެޑިޝަނެއް ލޯންޗުކުރާނެ ކަމަށް ޖިއޯ ސްޓާއިން ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ތަމަޅަ، ތެލެގޫ، ކަންނަޑާ، މަލަޔާލަމް އަދި ބެންގާލީ ބަހުން ގެނެސްދޭ ސީޒަންތައް ހިމެނެއެވެ.
މިދިޔައަހަރު ގެނެސްދިން 'ބިގް ބޮސް'ގެ 19 ވަނަ ސީޒަން ކާމިޔާބުކުރީ މަޝްހޫރު ޓީވީ އެކްޓަރު ގޯރަވް ކަންނާއެވެ.