ނެޓްފްލިކްސްގެ ފިލްމު 'އަދޫރޭ ހަމް އަދޫރޭ ތުމް'އިން އިމްރާން އަލުން އެކްޓިންގްއަށް

ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން، 10 އަހަރުގެ މެދުކެނޑުމަކަށްފަހު، ނެޓްފްލިކްސްގެ އޮރިޖިނަލް ފިލްމެއްގެ އިސް ރޯލަކުން ފެނިގެންދާނެކަން އޭނާ ކަށަވަރުކޮށްދީފިއެވެ.

މި ފިލްމުގެ މަސައްކަތް މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ. 'ދަ ހޮލީވުޑް ރިޕޯޓަ އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުނީ، 'އަދޫރޭ ހަމް އަދޫރޭ ތުމް'ގެ ނަމުން ނަންދެވިފައިވާ މި ފިލްމު މި އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފިލްމުގައި އިމްރާން ކުޅޭ ކެރެކްޓާއާ ގުޅޭގޮތުން އެކްޓަރު ބުނީ، އެއީ 'މެޗުއަ' ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ. އަދި އެއީ އިމްރާންގެ އުމުރާ ގުޅޭ ކަހަލަ ރޯލެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމުގައި އިމްރާންއާއެކު ގުރްފަތޭހް ޕިރްޒާދާ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. އިމްރާން ބުނި ގޮތުގައި މިއީ 10 އަހަރަށްފަހު އޭނާ ކޮންމެހެންވެސް ކުޅެން ބޭނުންވި ފިލްމެކެވެ.

ފިލްމު "ޖާނޭ ތޫ ޔާ ޖާނެ ނާ"ގެ މަންޒަރެއްގައި އިމްރާން އަދި ޖެނީލިއާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިމްރާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކައްޓީ ބައްޓީ"އިންނެވެ. އެ ފިލްމަށްފަހު އިމްރާން ފިލްމު އިންޑަސްޓްރީއިން ކުއްލިއަކަށް ގެއްލި އާއްމުންގެތެރެއަށް ނުކުމެ އުޅުންވެސް މަދުކުރިއެވެ.

އިމްރާންގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ، ޒުވާނުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ފިލްމު "ޖާނޭ ތޫ ޔާ ޖާނެ ނާ"، "ދެއްލީ ބެލީ"، "މެރޭ ބްރަދާ ކީ ދުލްހަން" އަދި "އައި ހޭޓް ލަވް ސްޓޯރީސް" ހިމެނެއެވެ.

އިމްރާން ވަނީ ދާދިފަހުން އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދިން ހެޕީ ޕަޓޭލް: ޚަތަރުނާކް ޖާސޫސް'ގެ ކެމިއޯ ރޯލަކުން ވެސް ފެނިފައެވެ.

comment ކޮމެންޓް