އޯޝެނިކް ވައިޓް ޓިޕް ޝާކް ނުވަތަ ފީބޯ މިޔަރެއް، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް ފުންމަނިކޮށް ޏ. ފުވައްމުލަކުގެ ޑައިވަރުންތަކަކަށް ފެނިއްޖެއެވެ.
ފުވައްމުލަކުގެ ޑައިވިން ސެންޓަރެއް ކަމަށްވާ ޕެލާޖިކް ޑައިވާސްގެ ޑައިވަރުންތަކަކަށް އެ މަންޒަރު ފެނުނީ، ފުވައްމުލަކާއި ހުވަދޫ އަތޮޅާ ދެމެދުގައި ފީނަނިކޮށެވެ. އެ މީހުން ވަނީ، އެ މަންޒަރުގެ ވީޑިއޯއެއް ނަގައި، ފޭސްބުކްގައި އާންމުކޮށްފައެވެ.
ކަނޑު އަޑިން ނަގާފައިވާ އެ ވީޑިއޯއިން ފެންނަނީ، ފީބޯ މިޔަރެއް ކޯމަހެއް ފުމޭހެން ކަނޑުގެ ލޮނުގަނޑުން މައްޗަށް ފުންމާލާ މަންޒަރެވެ. އެ ވަގުތު އެ މިޔަރުގެ އުރަހައިގައި ކުޑަ މަހެއް ތަތްކޮށްލައިގެން އޮތެވެ. އެކަމަކު، އަލުން ކަނޑަށް ވެއްޓުނު ވަގުތު އެ މަސް ނެއްޓޭ ތަން ފެނެއެވެ.
ފީބޯ މިޔަރުގެ އިތުރަށް އެހެނިހެން ދެ މިޔަރެއް ވެސް އެ ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެ މަންޒަރު ފެނުނު ޑައިވަރު އަހުމަދު އިނާހު ބީބީސީގެ ޑިސްކަވާ ވައިލްޑްލައިފަށް ދިން އިންޓަވިއުއަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުފައިވާ ގޮތުގައި، ފީބޯ މިޔަރު ފުންމާތަނަކީ މަދުން ނޫނީ ނުފެންނަ މަންޒަރެއް ކަމަށެވެ.
އެ މަންޒަރު ފެނުމުން، އޭނާއެކު ޑައިވަށް ދިޔަ އެންމެން އުފަލުން ހަޅޭއްލަވައިގަތް ކަމަށާއި ދެ ވަނަ ފަހަރަށް ވެސް އެ މިޔަރު ފުންމަނިކޮށް ފެނުނު ކަމަށް އިނާހު ކިޔައިދިނެވެ.
ފީ މިޔަރު އެނބުރެމުން އައިސް ލޮނުގަނޑުން މައްޗަށް އަރަނީ ---- ފޮޓޯ/ ޕެލާޖިކް ޑައިވާސް ފުވައްމުލައްމީގެއިތުރުން، އެ މަންޒަރު ފެނުނު އިތުރު ޑައިވަރެއް ކަމަށްވާ އަންސާރު އަހުމަދު ބުނީ، ފީބޯ މިޔަރު ފުންމާކަން އެނގުނީ އަމިއްލަ ލޮލުން އެ މަންޒަރު ފެނުމުން ކަމަށެވެ. މިގޮތުން، ކުއްލިއަކަށް އޭނާއަށް ފެނުނީ، އެ މިޔަރު އެނބުރެމުން އެނބުރެމުން ލޮނުގަނޑުން މައްޗަށް ފުންމާލިތަން ކަމަށް އޭނާ ބުނެފައިވެއެވެ.
މި ކަންތައް މިހާރު ވަނީ، ގަތަރު ޔުނިވާސިޓީއާއި މަރެކޯގެ ތަޖުރިބާކާރުން ގުޅިގެން, ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ޕެސިފިކް ކޮންވަޒޭޝަން ބަޔޮލޮޖީ މަޖައްލާގައި ރެކޯޑުކޮށްފައެވެ.
މިގޮތުން، އެ ލިޔުމުގައި ފާހަގަކުރި ގޮތުގައި، މި ވީޑިއޯގައި ފެންނަނީ އަންހެން ފީބޯ މިޔަރެކެވެ. އެ މިޔަރު ލޮނުގަނޑުން ގާތްގަނޑަކަށް ދެ މީޓަރު މައްޗަށް ފުންމާލި ކަމަށް އެ ކަރުދާހުގައި ބުނެފައިވެއެވެ.
ފީބޯ މިޔަރަކީ، އާންމުކޮށް މާ ކަނޑުގައި އުޅޭ މަހަކަށްވާއިރު، މި ބާވަތުގެ މިޔަރު ފުންމާ މަންޒަރު ފެނުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ މަދު ފަހަރެއްގައެވެ. ނަމަވެސް، އެއީ ކޮން ސަބަބަކާ ހެދި ދިމާވާ ކަމެއްކަން ސައިންސްވެރިންނަށް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފީބޯ މިޔަރު ޝިކާރާކުރުމުގެ ތެރޭގައި ވެސް ލޮނުގަނޑުން މައްޗަށް ފުންމުން އެކަށީގެންވެއެވެ. އަދި، އެއީ މުއާމަލާތް ކުރުމަށް ގެންގުޅޭ އުކުޅެއް ކަމަށް ވެސްވާއިރު، މި ފަހަރު މިޔަރު ފުންމީ އެފަދަ ސަބަބެއް ދިމާވެގެން ކަމަށް ތަޖުރިބާކާރުން ގަބޫލެއްނުކުރައްވައެވެ.
ދިރާސާ ކަރުދާހުގައި ތަޖުރިބާކާރުން ފާހަގަކުރެއްވި ގޮތުގައި، މިޔަރު ފުންމި އެންމެ ބޮޑު ސަބަބަކަށް ވެދާނެ ކަމަށް ބެލެވެނީ އެ ވަގުތު އުރަހައިގައި ތަތްވެގެން އޮތް މަސް ނައްޓާލުމަށެވެ.