ލަލިތު މޯދީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ލަލިތު މޯދީ--ފޮޓޯ/އެންޑީޓީވީ

އެކި ކަހަލަ މައްސަލަތަކާއި ޚިޔާލުތަފާތުވުންތަކާ ގުޅިގެން އަބަދުވެސް އާންމުންގެ ސަމާލުކަން ލިބޭ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ލަލިތު މޯދީގެ ޙަޔާތުގެ ވާހަކައަށް ބިނާކޮށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ބައޮގްރަފިކަލް ޑްރާމާ އުފައްދަން ނިންމާފައި ވަނީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ "ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓައިންމަންޓް"އިންނެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ޕްރޮޑިއުސަރު އަދި ސްކްރީން ރައިޓަރު ސްނޭހާ ރަޖާނީއެވެ.

މި ފިލްމު ޑައިރެކްޓްކުރާނެ ފަރާތަކާއި، ލަލިތުގެ ރޯލު އަދާކުރާނެ ތަރިއެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ލަލިތު މޯދީ އާއި ބަތަލާ ސުޝްމިތާ ސެން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

އުމުރުން 62 އަހަރުގެ ލަލިތު މޯދީގެ ހަޔާތުގެ ވާހަކައަށް ބިނާކޮށް ފިލްމެއް ހަދަން ތައްޔާރުވަމުން އަންނައިރު، އޭނާގެ ބައޯޕިކެއް އުފެއްދުމަށް ރުހުން ދީފައިވާ ކަމަށް އޭނާ ވެސް ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް)ގެ ކުރީގެ ޗެއާމަން ލަލިތު މޯދީގެ ވާހަކަ ފަހަކަށް އައިސް މީޑިއާގައި އެންމެ ބޮޑަށް ދެކެވުނީ، ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންއާ އޮތް ގުޅުމުގެ ވާހަކަތަކާ އެކުގައެވެ.

ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރި ފޮޓޯތަކެއް އާންމުވި ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ އެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. ލަލިތުގެ ފުރަތަމަ ކައިވެނި 2018 ވަނަ އަހަރު ރޫޅިފައިވާއިރު، އެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައިވެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު