ޒުވާން އުމުރުގައި ހަނދާން ނެތުން: އަލްޒައިމާގެ ފެށުންތަ؟

ޒުވާން އުމުރުގައި ހަނދާން ނެތުމަކީ އަލްޒައިމާ ބަލީގެ ފެށުންތޯ ދެނެގަތުން މުހިއްމު-- ފޮޓޯ/ އީއެމްސީ

ޒުވާން އުމުރުގައި ކަންކަން ހަނދާން ނެތުމަކީ ހަމައެކަނި ފިއްތުންތަކުގެ ނަތީޖާއެއް ކަމަށް ނިންމުމުގެ ކުރިން، އަލްޒައިމާ ބައްޔާ ބެހޭ ހަގީގަތްތައް ދެނެގަތުން މުހިއްމެވެ.

"އަލްޒައިމާ" ބަލީގެ ނަން އިވުމުން ގިނަ ބައެއްގެ ހިތަށް ވަގުތުން ސިފަވަނީ އުމުރުން ދުވަސްވީ މީހުންނެވެ. ނަމަވެސް، މިއީ މަސައްކަތްތެރި އުމުރުގެ މީހުންނަށް ނުވަތަ އުމުރުން 65 އަހަރު ފުރުމުގެ ކުރިން ވެސް ކުރިމަތިވެދާނެ ބައްޔެކެވެ. މި ހާލަތަށް ކިޔަނީ "އާލީ އޮންސެޓް އަލްޒައިމާ" ނުވަތަ ޒުވާން އުމުރުގައި ޖެހޭ އަލްޒައިމާ ބައްޔެވެ.

އުމުރުން ދުވަސްވީ މީހުންނާ އަޅާބަލާއިރު ޒުވާނުންނަށް މި ބަލި ޖެހޭ މިންވަރު މަދު ނަމަވެސް، މީގެ ސަބަބުން ކުރާ އަސަރު އިންތިހާއަށް ބޮޑުކަމަށް އީއެމްސީ ސިކަރަންގް ހޮސްޕިޓަލުގެ ނާރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. އެޗް. ޓްރަންގޯނޯ ޔޫޑޯ އުޓޯމޯ ވިދާޅުވެފައިވެއެވެ.

މި ބަލި ތަހައްމަލު ކުރާ މީހުންނަކީ އާންމުކޮށް ވަޒީފާ އަދާކުރާ، ކެރިއަރު ބިނާކުރާ އަދި އާއިލާ ބަލަހައްޓާ އުމުރުގެ މީހުންނެވެ. ހިތާމައަކީ، ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ ނަފްސާނީ ފިއްތުންތައް، ވަރުބަލިކަން ނުވަތަ މަސައްކަތުގެ ބުރަކަމުން ދިމާވާ ކަންތައްތަކެއް ކަމަށް ހީކުރެވި، ބަލި ދެނެގަތުން ލަސްވުމެވެ.

އަލްޒައިމާ ބަލިން ރައްކާތެރިވުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތައް ގެނެސް ރަނގަޅު އާދަތައް އަށަގެންނެވުމަކީ މުހިއްމުކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ-- ފޮޓޯ/ ޕިންޓްރެސްޓް

އަލްޒައިމާ ބައްޔަކީ ސިކުނޑީގެ ސެލްތައް މަޑުމަޑުން ހަލާކުވެ، މަރުވަމުންދާ ބައްޔެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަނދާންކުރުމާއި، ވިސްނުމާއި، އުނގެނުމާއި، ވާހަކަދެއްކުމާއި، ގޮތް ނިންމުމުގެ އިތުރުން ދިރިއުޅުމުގެ އާންމު ކަންކަން ކުރުމުގެ ގާބިލުކަން ދަށްކޮށްލައެވެ.

މިއީ "ޑިމެންޝިއާ" ނުވަތަ ހަނދާން ބަލިވުމުގެ އެންމެ އާންމު ސަބަބެވެ. ނިދި މަދުވުމުން ނުވަތަ ފިއްތުންތަކުގެ ސަބަބުން ކުރިމަތިވާ އާދައިގެ ހަނދާން ނެތުމާ ޚިލާފަށް، އަލްޒައިމާ ބަލީގެ ނުރައްކާތެރިކަން ދުވަހުން ދުވަހަށް އިތުރުވެ، ހާލަތު ގޯސްވަމުންދެއެވެ.

ޒުވާން އުމުރުގައި ޖެހޭ އަލްޒައިމާ އަކީ އުމުރުން 65 އަހަރު ފުރުމުގެ ކުރިން ފެންނަ ބައްޔެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލްޒައިމާ ޖެހޭ މީހުންގެ ތެރެއިން މި ކެޓަގަރީގައި ހިމެނެނީ ގާތްގަނޑަކަށް ފަސް އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އަދަދެކެވެ. ބައެއް މީހުންގެ ކިބައިން އުމުރުން 30 ނުވަތަ 50 އަހަރުގައި ވެސް އަލާމާތްތައް ފެންނަން ފަށައެވެ.

ޒުވާން އުމުރުގައި އަލްޒައިމާ ޖެހެން މެދުވެރިވާ ސީދާ ސަބަބު އަދި ހޯދިފައި ނުވި ނަމަވެސް، މިއީ ވިރާސީ، ބަޔޮލޮޖިކަލް އަދި ތިމާވެށީގެ ސަބަބުތައް ގުޅިގެން މެދުވެރިވާ ކަމެއް ކަމަށް ސިއްހީ މާހިރުން ގަބޫލުކުރައްވައެވެ.

އޭގެތެރޭގައި، ޒުވާން އުމުރުގައި ބަލި ޖެހޭ މަދު ބައެއްގެ ހަށިގަނޑުގައި ހުންނަ ވަކި ޚާއްސަ ޖީން މިއުޓޭޝަނެއްގެ ސަބަބުން އާއިލާގެ ތެރެއިން މި ބަލި ވާރުތަވުން، ޒުވާން އުމުރުގައި ބަލި ޖެހޭ މަދު ބައެއްގެ ހަށިގަނޑުގައި ހުންނަ ވަކި ޚާއްސަ ޖީން މިއުޓޭޝަނެއްގެ ސަބަބުން އާއިލާގެ ތެރެއިން މި ބަލި ވާރުތަވުން، ލޭގެ ޕްރެޝަރު މަތިވުން، ހަކުރުބަލި، ކޮލެސްޓްރޯލް މަތިވުން އަދި މާބޮޑަށް ފަލަވުން ފަދަ ކަންކަމުގެ ސަބަބުން ސިކުނޑިއަށް ލޭ ފޯރުކޮށްދިނުމަށް ހުރަސް އެޅި، ބަލީގެ ނުރައްކާ ބޮޑުވުން ހިމެނެއެވެ.

އަލްޒައިމާގެ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ނާރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް ޑޮކްޓަރުން ލަފާދެއްވާ-- ފޮޓޯ/ އީއެމްސީ

ހަމައެއާއެކު ބޮލަށް ސީރިއަސް އަނިޔާއެއް ލިބުމުގެ އިތުރުން ޚާއްސަކޮށް ތަކުރާރުކޮށް އަނިޔާވުމަކީ ފަހުން މި ބަލި ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން، ކަސްރަތު ނުކުރުން، ނިދި މަދުވުން، ސިއްހަތަށް ފައިދާނުކުރާ ކާނާ ކެއުން ފަދަ ކަންކަމަކީ ވެސް ބަލީގެ ނުރައްކާ އިތުރުކުރާ ކަންކަމެވެ.

ތިމާއަށް އަލްޒައިމާ ބަލި ޖެހިފައިވާނަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި، ހަނދާން ނެތުން، ވިސްނުމަށާއި ކަމަކަށް ސަމާލުކަން ދިނުމަށް އުނދަގޫވުން، ބަސްމަގަށް ބަދަލު އައުން ނުވަތަ ދައްކާ ވާހަކަ ފަހުމްވުމަށް އުނދަގޫވުން، ވަގުތާއި ތަން އޮޅުން އަދި މިޒާޖަށް ބަދަލުތަކެއް އައުން ހިމެނެއެވެ.

މިއީ މުޅިން ހުއްޓުވިދާނެ ބައްޔެއް ކަމުގެ ޔަގީންކަމެއް ނެތް ނަމަވެސް، ދިރިއުޅުމުގެ އާދަކާދަ ބަދަލުކޮށްގެން ބަލީގެ ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ޑރ. ޓްރަންގޯނޯ ލަފާދެއްވައެވެ.

އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ހަފުތާއަކު މަދުވެގެން 150 މިނެޓު ކަސްރަތުކުރުން، މޭވާ، ތަރުކާރީ، މަސް އަދި ބަދަން ހިމެނޭ ފައިދާހުރި ކާނާ ބޭނުންކުރުން، ރޭގަނޑު ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދު ހަމަނިދި ހޯދުން، ލޭގެ ޕްރެޝަރާއި، ހަކުރާއި، ކޮލެސްޓްރޯލް ކޮންޓްރޯލްކުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން އަދި ފޮތް ކިޔުމާއި، އާ ހުނަރުތައް ދަސްކުރުން ފަދަ ސިކުނޑި ހަރަކާތްތެރިކޮށް ބަހައްޓާ ކަންކަން ކުރުން ހިމެނެއެވެ.

ޒުވާން އުމުރުގައި އަލްޒައިމާ ޖެހުމަކީ މަދު ދިމާވާ ކަމެއް ނަމަވެސް، މިއީ ނުވެދާނެ ކަމެއް ނޫނެވެ. ތަކުރާރުކޮށް ހަނދާން ނެތުމާއި، ވިސްނުމަށް އުނދަގޫވުން ފަދަ ކަންކަމަކީ ހަމައެކަނި "ސްޓްރެސް" ކަމަށް ބަލައި ދޫކޮށްނުލާށެވެ. މިފަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ނާރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

comment ކޮމެންޓް