ރައީސް މުއިއްޒަށް ހުރިހާ ބާރެއް ދެވުމުން ޕީއެންސީގެ މެންބަރުން މިއަދު އެކަމާއި ހިތާމަކުރޭ: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ/ އަޙުމަދު އިޔާދު ސަން

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ދީފައިވާތީ، އެކަމާ މެދު އެ މެންބަރުން މިއަދު ހިތާމަކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ އަމިއްލަ ބާރުތައް އުނިކޮށް، ހުރިހާ ބާރެއް ރައީސް މުއިއްޒަށް ދެއްވައިގެން ކަމަށެވެ.

އަދި މަޖިލިސް މެންބަރުންނަށް ފަހު، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ކައުންސިލަރުންގެ ބާރުތައް ވެސް ކަނޑުވާލުމަށް ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"ޕީއެންސީގެ މަޖިލިސް މެންބަރުން އެ ތިއްބެވީ އެ ބޭފުޅުން އަމިއްލަފުޅަށް އެ ބޭފުޅުންގެ ބާރުތައް އުނިކޮށް، ރައީސް މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް ދެއްވައިގެން. އެ ހިތާމަ މިއަދު މެންބަރުން ކުރޭ،" ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ބާރުތައް ކަނޑާލާއިރު، ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންސީގެ މެމްނބަރުންނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިވުމުން ގޮނޑިގެއްލޭ ގޮތަށް ފާސްކުރި ބިލާއި އެކުގައިއެވެ. 20 ނޮވެމްބަރު 2024 ގައި ޕީއެންސީ މެމްބަރުންގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރުމާއި އެކު މި ބިލް ރައީސް ވަނީ ތަސްދީގުކުރައްވައި ގާނޫނަކަށް ހަދާފައިއެވެ.

ޕީއެންސީ މެމްބަރުންގެ ތާއީދުން ގާނޫނަށް ނެގައި މި ބަދަލުގެ ސަބަބުން މެންބަރުންގެ މިނިވަންކަން ގެއްލި، ވެރިކަން ކުރާ ޕާޓީގެ ލީޑަޝިޕްގެ ނުފޫޒު ގަދަވެފައިވާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް