ސަރުކާރުން ހުށަހަޅައިފައިވާ ފަޅު ރަށްރަށް ކުއްޔަށް ދޫކުރުމުގެ ބިލި ފާސްވެއްޖެނަމަ ދެން މި ގައުމުގެ އިގުތިޞާދުގެ ލޭ ނާރަކަށް ވާނީ ކޮރަޕްޝަން ކަމަށް، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ފަރާތުން ހުށަހެޅި ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، ފަޅު ރަށްރަރަށާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ބަދަލުގައި ބިލު ފަރުމާކޮށްފައި އޮތީ ހުރިހާ ބާރެއް އެ އިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ކަމަށެވެ.
ޒިޔާދު އެ އިޝާރާތްކުރެއްވީ އެ ބިލުގެ ހަތްވަނަ މާއްދާއަށެވެ. އެ މާއްދާގެ (ހ) ގައިވާ ގޮތުން، އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދެއްގައި، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
"ދެން މި ބުނާ ފުރުސަތު އެބައޮތް، ރާއްޖޭގައި ހުރި ހުރިހާ ފަޅަކާއި ހުރިހާ ފަޅުރަށެއް ރައީސުލްޖުމްހޫރިއްޔާ ބޭނުން ގޮތަކަށް ދޭން، ދެ ގޮތަކަށް ދެވޭނެ، އެއް ގޮތަކީ އިއުލާނުކޮށްގެން، އަނެއް ގޮތަކީ ހުށަހަޅާ ޕްރޮޕޯސަލަކަށް ބަލައިގެން، ރައީސުލްޖުމްހޫރިއްޔާ ނިންމަނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ނިސްބަތްވެވަޑައިގަންނަވާ ހދ. އަތޮޅަކީ ފަޅުރަށުގެ އެންމެ ބޮޑު ހިތްދަތިކަމެއް އިހުސާސްކުރާ އަތޮޅު ކަމަށް ވިދާޅުވެ، ޒިޔާދު ވިދާޅުވީ އެ އަތޮޅުގައި 30 އަހަރަށް ދޫކޮށްފައި ހުރި، ނަމަވެސް އެއްވެސް މަންފާއެއް ނުވަންނަ ރަށްރަށް އެބަހުރި ކަމަށެވެ.
ހަމަ އެހެންމެ މި ބިލުގައި ފަޅުރަށްރަށް ދޫކުރާ ގޮތް އޮޑިޓުކޮށް ބެލެހެއްޓޭނެ ނިޒާމެއްގެ ވާހަކައެއް ނެތް ކަމަށް ޒިޔާދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޮޑުވެގެން އައި އިރު އިގުތިޞާދުގެ މައި ނާރު ކަމުގައި އަޅުގަނޑުމެން ބެލީ މަސްވެރިކަން، އޭގެ ފަހުގައި މިއަދު އަޅުގަނޑުމެން މި ކިޔަނީ ޓޫރިޒަމޭ، އެހެން ނަމަވެސް މި ގާނޫނުން އަޅުގަނޑަށް ފެންނަނީ މާދަމާގެ އަޅުގަނޑުމެންގެ އިގުތިޞާދުގެ ލޭ ނާރަކަށް ވާނީ ކޮރަޕްޝަން އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ބިލު ފަރުމާކޮށްފައި އޮތީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
"އަބަދަކު ރައީސް [ޑރ. މުޙައްމަދު] މުޢިއްޒެއް ނޫން މި ރާއްޖޭގައި ވެރިކަން ކުރާނީއެއް، ތި ބޭފުޅުންގެ (ޕީއެންސީ މެންބަރުން) ހަތަރެސްފައި ބަނދެފައި ތި ތިބީ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކުރުމުން ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އިޝާރާތްކުރައްވައި ޒިޔާދު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލެއްނުކުރަން މިނިވަން ރައްޔިތުންގެ މަޖިލީހެއް އޮވެގެން ނޫނިއްޔާ މިފަދަ ބާރުތަކެއް އެންމެ މީހެއްގެ އަތް މައްޗަށް ދޫކޮށްލާކަށް،"
ބިލު ހުށަހެޅުއްވި މެންބަރު ސަޢުދުﷲ ޙިލްމީ --- ފޮޓޯ / ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ މިދިޔަ ޖުލައި މަހުގެ 28ވަނަ ދުވަހު ހުށަހެޅުއްވި ބިލުގެ މަގުސަދެއް ކަމަށް އޮތީ 1998ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ފަޅުރަށްރަށުގެ ގާނޫނު އުވައިލައި އެކަމާ ގުޅޭ ހަރުދަނާ އުސޫލެއް ކަނޑައެޅުމެވެ.
ބިލުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް ދޫކުރުމުގެ ބާރުތައް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަތްމަތީގައެވެ.
މި ބިލުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް ދޫކުރެވޭނީ ފަތުރުވެރިކަމަށާއި ސިނާއީ މަސައްކަތްތަކަށާއި މަސްވެރިކަމަށާއި ދަނޑުވެރިކަމަށާއި ދައުލަތުގެ އެކި ބޭނުންތަކަށެވެ.
މި ބިލުގައި، އެކިއެކި ބޭނުންތަކަށް ފަޅުރަށްރަށް އެކަށައެޅުމުގައި ބަލަން ޖެހޭ ކަންކަމާއި އެފަދަ ފަޅުރަށްރަށާއި ފަޅުތަކުގެ ސަރަހައްދު ކަނޑައެޅުމާއި ފަޅުރަށްރަށް ތަރައްގީކުރުމަށް މިނިސްޓްރީތަކާ ހަވާލުކުރަން ޖެހޭ ގޮތް ވެސް ބަޔާންކޮށްފައި އެބައޮތެވެ. ބިލުގައިވާ ގޮތުން، ދައުލަތުގެ ބޭނުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމަށާއި ދައުލަތުގެ ބޭނުންތަކަށް އެ ރަށްރަށް ތަރައްގީކުރުމަށް ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރަން ޖެހޭނީ ފިނޭންސް މިނިސްޓްރީއެވެ.
ހަމަ އެހެންމެ، އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށާއި ފަޅުތަކުގެ މައުލޫމާތު އަހަރަކު އެއްފަހަރު ތަފުސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކުރަން ޖެހޭނެ ކަމަށް، ބިލުގައި ވެއެވެ.
ބިލުގައިވާ ގޮތުން ފަޅުރަށްރަށް އެކަށައަޅައި ދޫކުރެވޭނީ 21 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު މި ބިލު ގާނޫނަކަށްވެ އަމަލުކުރާ ހިސާބުން ފެށިގެން މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދެއްގެ ތެރެއިން 21 އަހަރަށްވުރެ ކުރު މުއްދަތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ އިޚްތިޔާރު ކަމާބެހޭ މިނިސްޓްރީތަކަށް ނުވަތަ ކައުންސިލުތަކަށް ގާނޫނުން ލިބިދެއެވެ. އަދި ކުލީގެ މުއްދަތު އިތުރުކުރަން ޝަރުތު ހަމަވާ ފަރާތްތަކަށް 50 އަހަރު ދުވަހުގެ ނިޔަލަށް ކުލި އިތުރުކޮށްދިނުމުގެ އިޚްތިޔާރު ވެސް ކަމާބެހޭ މިނިސްޓްރީތަކަށް ނުވަތަ ކައުންސިލުތަކަށް ލިބިދެއެވެ.
ކުއްޔަށް ފަޅުރަށްރަށާއި ފަޅުތައް ދޫކުރާނެ އަގުތައް ވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.