އިއާދަކުރުވަނިވި ހަކަތައާ ގުޅޭ ބައިނަލްއަގުވާމީ އިދާރާގައި ހުންނަ މަންދޫބަކަށް ޠާރިޤަށް ރުހުން ދީފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ މިނިސްޓަރު ޠާރިޤް އިބްރާހީމް ވާހަކަދައްކަވަނީ: ރާއްޖޭގެ ފަރާތުން އިރީނާއަށް ޠާރިޤް އައްޔަންކުރަން މަޖިލީހުން މިއަދު ވަނީ ރުހުން ދީފައި -- ފޮޓޯ/ ރައީސް އޮފީސް

އިއާދަކުރުވަނިވި ހަކަތައާ ގުޅޭ ބައިނަލްއަގުވާމީ އިދާރާ (އިރީނާ)އަށް ރާއްޖޭން ކަނޑައަޅާ ދާއިމީ މަންދޫބު ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ރުހުންދީފިއެވެ.

މިވަގުތު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމުގައި ހުންނެވި ޠާރިޤްގެ ނަން ރައީސް ހުށަހެޅުއްވީ މިދިޔަ ޖުލައި މަހުގެ 28ވަނަ ދުވަހެވެ. އެ ދުވަހު ޠާރިޤްގެ ނަން ދިރާސާކުރަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.

https://sun.mv/225227

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޠާރިޤަށް ރުހުންދޭން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 57 މެންބަރުން ވެސް ވަނީ ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

ޠާރިޤް ވަނީ ތިން ފަހަރު މަތިން ތިން ސަރުކާރެއްގައި އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އެއީ މި ސަރުކާރުގެ އިތުރުން ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައެވެ. ޠާރިޤަކީ މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރެވެ.

ޖަނަވަރީ 26، 2009ގައި އުފެއްދި އިރީނާއަކީ ހަކަތައަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ އިދާރާއެކެވެ.

އިގުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުން އޮންނަ މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި، އިރީނާއިން ދެމެހެއްޓެނެވި ގޮތެއްގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ބާރު އަޅައެވެ. ރާއްޖެ ވެސް ހިމެނޭހެން މި އިދާރާގައި 171 މެންބަރު ގައުމު ހިމެނެއެވެ.

comment ކޮމެންޓް