ދެކުނު ކޮރެޔާގެ ޑޮކްޓަރުން މުޒާހަރާ ކުރާތީ ހޮސްޕިޓަލްތައް ހުއްޓުމަކަށް

ދެކުނު ކޮރެޔާގެ ޑޮކްޓަރުން ކުރަމުންދާ މުޒާހަރާ -- ފޮޓޯ/ރޮއިޓާސް

ދެކުނު ކޮރެޔާގައި ޑޮކްޓަރުންގެ އަދަދު މަދުވެ، އެކަމުގެ ގޮންޖެހުންތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ، ޑޮކްޓަރުން އިތުރުކުރަން ސަރުކާރުން މަސައްކަތްކުރުމަށް ގޮވާލައި ޑޮކްޓަރުން މުޒާހަރާ ކުރާތީ އެ ގައުމުގެ ހޮސްޕިޓަލްތައް ގާތްގަޑަކަށް ހުއްޓުމަކަށް އަތުވެއްޖެއެވެ.

މި ހަފުތާގައި ފެށި އެ މުޒާހަރާގައި ދެކުނު ކޮރެޔާގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި ޑޮކްޓަރުން ބައިވެރިވެއެވެ. ދާއިމީ ޑޮކްޓަރުންނާއި އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި 6،415 އަށް ވުރެ ގިނަ ޑޮކްޓަރުން ވަނީ އިސްތިއުފާ ވެސް ދީފައެވެ. މުޒާހަރާގެ ސަބަބުން ތާވަލުކޮށްފައިހުރި ގިނަ ޕްރޮސީޖާތައް ކެންސަލްކޮށް ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުން މަދުކުރަން ޖެހިފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ.

މުޒާހަރާ އިތުރަށް ކުރިއަށްދާނަމަ، ދެކުނު ކޮރެޔާގެ ސިއްހީ ނިޒާމަށް އިތުރަށް ބުރޫއަރާނެ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ދެކުނު ކޮރެޔާގެ ސިއްހީ ވުޒާރާއިން ބުނީ މިހާތަނަށް 8،400 އަށް ވުރެ ގިނަ ޑޮކްޓަރުން މުޒާހަރާގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި، މިއީ ދެކުނު ކޮރެޔާގައި ޖުމްލަތިބި ޑޮކްޓަރުންގެ ގާތްގަނޑަކަށް %64 އިންސައްތަ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުން ހައްޔަރުކުރާނެކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އަސްލު މައްސަލައަކީ މުސާރައާއި މަސައްކަތުގެ ހާލަތެވެ. މުޒާހަރާގައި ބައިވެރިވާ ކޮރެއާ އިންޓާންސް އެންޑް ރެޒިޑެންޓްސް އެސޯސިއޭޝަންގެ ވެރިޔާ ޕާކް ޑޭން ވިދާޅުވީ ޑޮކްޓަރުން އަޑު ސަރުކާރުން އަހާނަމަ ހައްޔަރުވާން ތައްޔާރަށް ހުރި ކަމަށެވެ.

އަދި، ދެކުނު ކޮރެޔާއަށް ފުދޭ ވަރަށް ޑޮކްޓަރުން އެބަތިބި ކަމަށާއި ސަރުކާރުން ކުރަންޖެހޭ ކަމަކީ އާ ކުދިން ވަޒީފާއަށް ނެރުމުގެ ކުރިން މުސާރަ އިތުރުކޮށް ވަޒީފާގެ ބުރަކަން ކުޑަކުރުން ކަމުގައި މުޒާހަރާގެ ބައިވެރިން ބުނެއެވެ.

ދެކުނު ކޮރެއާ އަކީ އޯގަނައިޒޭޝަން ފޯ އިކޮނިމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ޑޮކްޓަރުން އެންމެ މަދު އެއް ގައުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ދެކުނު ކޮރެއާގައި ކޮންމެ 1،000 މީހަކަށް ތިބެނީ 2.5 ޑޮކްޓަރުންނެވެ. މިއީ މި ނިސްބަތް މެކްސިކޯ ފިޔަވައި ދެވަނައަށް އެންމެ ދަށް ގައުމެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ދެކުނު ކޮރެއާގައި ސިއްހީ ހިދުމަތް ވަރަށް ފުޅާކޮށް ދެމުން އަންނައިރު އެ ގައުމުގެ 90 އިންސައްތަ ހޮސްޕިޓަލްތަކަކީ ޕްރައިވެޓް ހޮސްޕިޓަލްތަކެވެ. ދެކުނު ކޮރެއާގެ އާބާދީ 52 މިލިއަނަށް ވުރެ ބޮޑެވެ.

comment ކޮމެންޓް