އެމެރިކާގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރާ ދަރިވަރުން ސަސްޕެންޑު ކުރަނީ

ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި ކުރާ މުޒާހަރާތަކުގައި ބައިވެރިވާ ދަރިވަރުން ސަަސްޕެންޑުކުރަން ވަނީ ފަށާފައި -- ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ކޮލެޖުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ކުރާ މުޒާހަރާތަކުގެ މަރުކަޒު ކަމަށްވާ ކޮލަމްބިއާ ޔުނިވާސިޓީގެ ދަރިވަރުން ސަސްޕެންޑުކުރަން ފަށައިފިއެވެ.

މެންދުރު ފަހު 2:00 ގެ ކުރިން މުޒަހާރާ ނުހުއްޓައިފިނަމަ، އަހުލާގީ ފިޔަވަޅު އަޅާނެ ކަމަށް ޔުނިވާސިޓީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދަރިވަރުންނަށް އިންޒާރުދީފައެވެ.

އޭގެ ފަހުން ދަރިވަރުންގެ ފަރާތުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވާގޮތުން ޔުނިވާސިޓީން އަޅާ އަހުލާގީ ފިޔަވަޅުތަކަކީ 34،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ އަޅައިބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. އަދި، ކޮލަމްބިއާއިން އެ މީހުންގެ ޑިމާންޑުތައް ބަލައިނުގަންނަ ނުވަތަ ގަދަކަމުން މުޒާހާރާ ރޫޅައިނުލައިހާ ހިނދަކު މުޒާހާރާ ނުހުއްޓާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އޭގެ ދެތިން ގަޑިއިރު ފަހުން ކޮލަމްބިއާ ޔުނިވާސިޓީގެ ކޮމިއުނިކޭޝަންސްގެ ނައިބު ރައީސް ބެން ޗަންގް ވިދާޅުވީ ކެމްޕަހުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް، ދެން އޮތް މަރުހަލާގެ ތެރެއިން ދަރިވަރުން ސަސްޕެންޑްކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، ދަރިވަރުން ސަސްޕެންޝަންގައި ބެހެއްޓުމާއި، ސެމިސްޓާ ފުރިހަމަކުރުމަށް ނުވަތަ ގްރެޖުއޭޓް ކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމާއި އެހެނިހެން ހުރިހާ ފުރުސަތުތައް ވެސް ހަނިކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގައި މުޒާހަރާ ކުރާތާ މިއީ ދެވަނަ ހަފުތާއެވެ. މުޒާހަރާތަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ވެސް ކޮލަމްބިއާގެ މުޒާހަރާގައި ބައިވެރިވި ގާތްގަނޑަކަށް 100 އެއްހާ މީހުން ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް