އިސްރާއީލުގެ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ ބޮޑެތި ޔުނިވާސިޓީތަކުގައި ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރަން ފަށައިފިއެވެ.
ޔުނިވާސިޓީ އޮފް ޓެކްސަސް ސުލްހަވެރިކަމާއެކު ދަރިވަރުން މުޒާހަރާ ކުރަމުންދިޔައިރު، ފުލުހުން ވަނީ ޔުނިވާސިޓީއަށް ތެރެއަށް ވަދެފައެވެ. އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރަޔަޓް ގިއަރުގައިތިބި ފުލުހުން ދިޔައީ މުޒާހަރާގެ ބައިވެރިން ކޮށްޕަމުންނެވެ. އަދި ސްކޫލް ގޯތިތެރޭގައި މުޒާހަރާ ކުރާ މީހުން ހައްޔަރުކުރާނެ ކަމަށް މެގަފޯނު ބޭނުންކޮށްގެން ފުލުހުން އިއުލާނުކުރިއެވެ.
ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަމުން އަންނަ ކަމަށާއި އެއްވެ ތިބި މީހުން އެއްކޮށް ހުސްވަންދެން ވެސް ހައްޔަރު ކުރާނެ ކަމަށެވެ.
"މި މުޒާހަރާގެ ބައިވެރިން ނިސްބަތްވަނީ ޖަލަށް. ޔަހޫދީންނާ ދެކޮޅަށް ކުރާ ކަންކަން ޓެކްސަސްގައި ބަލައެއް ނުގަންނާނެ. ޔަހޫދީންނާ ދެކޮޅަށް މުޒާހަރާތަކުގައި ބައިވެރިވާ ދަރިވަރުން ޔުނިވާސިޓީތަކުން ވަކިކުރަންޖެހޭ،" ގަވަރުނަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މީގެ ކުރިން، ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ނިއު ޔޯކް ޔުނިވާސިޓީ (އެންވައިޔޫ)ގައި ހިންގަމުން ދިޔަ މުޒާހަރާއެއް ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށްފައެވެ. ހޯމަ ދުވަހު ޔޭލް ޔުނިވާސިޓީއިން ވެސް ދަރިވަރުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި ކޮލަމްބިއާ ޔުނިވާސިޓީގައި ބައެއް ކްލާސްތައް ވަނީ ކެންސަލް ވެސް ކޮށްފައެވެ.
ޔުނިވާސިޓީތަކުގައި ކުރިއަށްގެންދާ މި މުޒާހަރާތަކަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނީ މިދިޔަ ހަފުތާގައި ކޮލަމްބިއާ ޔުނިވާސިޓީގެ ކެމްޕަހަށް ނިއު ޔޯކުގެ ފުލުހުން ގޮސް 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރުމުންނެވެ.
އޭގެފަހުން ފަލަސްތީނަށް ތާއީދުކޮށް ކުރާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. އެންވައިޔޫ އާއި ޔޭލް ޔުނިވާސިޓީގެ އިތުރުން ޔުނިވާސިޓީ އޮފް ކެލިފޯނިއާ އެޓް ބާކެލީ، މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)، ދަ ޔުނިވާސިޓީ އޮފް މިޝިގަން އަދި އެމަސަން ކޮލެޖް އެންޑް ޓަފްޓްސްގައި ވެސް މުޒާހަރާތައް މިހާރު ވަނީ ފަށައިފައެވެ.
މުޒާހަރާތަކާ ގުޅިގެން ވައިޓް ހައުސްއިން ބުނީ ޔުނިވާސިޓީތަކުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ރައީސް ޖޯ ބައިޑެން ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް ނަފްރަތު އުފެދޭ ވާހަކަތަކާއި އަނިޔާވެރިކަމަށް ގޮވައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރީން ޖީން ވިދާޅުވިއެވެ.
މުޒާހަރާގެ އިތުރުން ވޮޝިންޓަން ޑީސީގެ ޖެކްސަން-ރީޑް ހައި ސްކޫލުގެ ބައެއް ދަރިވަރުން ވަނީ ފަލަސްތީނަށް ތާއީދުކުރާ ހަރަކާތްތައް އެ ސްކޫލުގައި ހިންގުން މަނާކުރުމުން ސްކޫލްގެ އެޑްމިނިސްޓްރޭޓަރުންނާ ދެކޮޅަށް ދައުވާކޮށްފައެވެ.
ބުދަ ދުވަހު ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ހައި ސްކޫލުގެ ސްޓޫޑެންޓް ކްލަބެއް ކަމަށްވާ އަރަބް ސްޓޫޑެންޓް ޔޫނިއަންއާ މެދު އެޑްމިނިސްޓްރޭޓަރުން އަމަލުކޮށްފައި ވަނީ ބްލެކް ސްޓޫޑެންޓް ޔޫނިއަން އާއި އޭޝިއަން ސްޓޫޑެންޓް ޔޫނިއަން ފަދަ އެހެން ގްރޫޕްތަކާ ތަފާތުކޮށް ކަމަށެވެ.
ޣައްޒާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އެންމެ ގާތް އެކުވެރި އެމެރިކާގައި ވަނީ އިސްރާއީލާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ފަށައިފައެވެ.
ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށްބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުގެންދާ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.