ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގެ ޔުނިވާސިޓީތަކުގައި ކުރާ މުޒާހަރާތައް އަދިވެސް ކުރިއަށް

ފަލަސްތީނުގެ ޣައަޒާގެ ހައްގުގައި އެމެރިކާ ޔުނިވާސިޓީއެއްގައި މުޒާހަރާ ކުރަނީ. މުޒާހަރާތައް ކުރާތާ މިއީ ދެވަނަ ހަފްތާ. ފޮޓޯ/ރޮއިޓާސް

އިސްރާއީލުގެ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ ބޮޑެތި ޔުނިވާސިޓީތަކުގައި އަދިވެސް މުޒާހަރާތައް ކުރަމުންދާއިރު، ވިލާތާއި އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކުގައި ވެސް ޣައްޒާގެ ހައްގުގައި މުޒާހާރާ ކުރަން ފަށަފައިފިއެވެ.

ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި އިސްރާއީލުން ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އެމެރިކާގެ ޔުނިވާސިޓީތަކުގައި މުޒާހަރާ ކުރާތާ މިއީ ދެވަނަ ހަފްތާއެވެ.

މުޒާހަރާތަކުގެ ސަބަބުން ބައެއް ޔުނިވާސިޓީތަކުން ގްރެޖުއޭޝަން ހަފްލާތައް ކެންސަލް ކުރަން މަޖުބޫރުވެފައިވާއިރު، އަނެއްބައި ޔުނިވާސިޓީތަކުގައި މުޅި އިމާރާތް މުޒާހަރާ ކުރާ ދަރިވަރުން ވަނީ ހިފައިފައެވެ.

މުޒާހަރާތަކުގައި އެންމެ ފަހުން ބައިވެރިވީ ދަ ސިޓީ ޔުނިވާސިޓީ އޮފް ނިއުޔޯކް (ސީޔޫއެންވައި) އެވެ.

އެމެރިކާގެ އެކި ހިސާބުތަކުގެ ޔުނިވާސިޓީތަކުގެ އިސް ވެރިން ވަނީ މުޒާހަރާތައް ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައެއްނުވެއެވެ.

މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން މިހާރު އަންނަނީ ބާރުގެ ބޭނުންވެސް ކުރަމުންނެވެ. އެގޮތުން ޔުނިވާސިޓީތަކަށް ވަދެ، މުޒާހަރާގެ ބައިވެރި ކޮށްޕައި ގަދަކަމުން ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. އޭގެއިތުރުން އިއްޔެ ބޮސްޓަންގެ ޔުނިވަސިޓީއަކަށް ފުލުހުން ވަދެ 100 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ބައެއް ޔުނިވަސިޓީތަކަށް ފުލުހުން ވަދެ މީހުން ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ކެމިކަލްގެ ބާވަތްތައް ޖަހައިގެން ވެސް މުޒާހަރާތައް ރޫޅާލާފައިވެއެވެ.

ޔުނިވާސިޓީތަކުގައި ކުރިއަށްގެންދާ މި މުޒާހަރާތަކަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނީ ކޮލަމްބިއާ ޔުނިވާސިޓީގެ ކެމްޕަހަށް ނިއު ޔޯކުގެ ފުލުހުން ގޮސް 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރުމުންނެވެ.

އޭގެފަހުން ފަލަސްތީނަށް ތާއީދުކޮށް ކުރާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. އެންވައިޔޫ އާއި ޔޭލް ޔުނިވާސިޓީގެ އިތުރުން ޔުނިވާސިޓީ އޮފް ކެލިފޯނިއާ އެޓް ބާކެލީ، މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)، ދަ ޔުނިވާސިޓީ އޮފް މިޝިގަން އަދި އެމަސަން ކޮލެޖް އެންޑް ޓަފްޓްސްގައި ވެސް މުޒާހަރާތައް މިހާރު ވަނީ ފަށައިފައެވެ.

comment ކޮމެންޓް