ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުން --

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު، އަނެއްކާވެސް އެ ވުޒާރާތަކަށް އައްޔަންކުރައްވައިފިއެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ރުހުން ދީފައި ނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން ވަނީ އަލުން މަގާމުގެ ހުވާ ކުރައްވައިފައެވެ.

އެ ތިން ވަޒީރުންނަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ރައީސް އެ ބޭފުޅުން ވަޒީރުކަމަށް އަލުން އައްޔަންކުރެއްވީ، އެ މަނިކުފާނު މަގާމުން އަޒުލުކުރަން މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް އެމްޑީޕީން ސޮއިހަމަކޮށްފައި ވަނިކޮށެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އެ މައްސަލަ އެ ޕާޓީން އަދި ހުށައެއް ނާޅައެވެ.

https://sun.mv/188023

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ.

އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދޭން ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވޯޓު ދިނީ އުޝާމަށް ރުހުން ނުދިނުމަށެވެ.

ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.

އެ ތިން ވަޒީރުން ފިޔަވައި ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުންނުދޭން ވިޕެއް ނެރުމާއެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައިފައެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ދައުރުން ބޭއްވި ފުރަތަމަ ޖަލްސާގައި ވޯޓަށް އަހަން މަސައްކަތް ކުރި ނަމަވެސް، ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުން އަޑުގަދަކޮށް، މަސައްކަތަށް ހުރަސްއެޅުމުން ވޯޓަށް ނާހައި ޖަލްސާ ނިންމާލަން ޖެހުނެވެ.

މިއަދު އެމްޑީޕީން ވަނީ، ޖަލްސާއަށް ހުރަސްއަޅާނަމަ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ރުހުންނުދޭނެ ކަމަށް ބުނެފައެވެ. އެހެންވެ، ފަހުން ވަނީ ވޯޓަށް އެހުމުގެ ފުރުސަތު ދީފައެވެ.

މީގެ އިތުރުން، މިހާރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 23 މެންބަރުންގެ ސޮޔާއެކު އިއްޔެ ޕީޕީއެމް/ޕީއެންސީން ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް