ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި މިނިވަން ކެންޑިޑޭޓު ވެސް ޕީއެންސީއަށް

އަމިއްލަ ގޮތުން ވާދަކުރެއްވި މުޙައްމަދު ރަޝީދު -- ފޮޓޯ/ޕީއެންސީ

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، ކާމިޔާބީ ހޯއްދެވި މުޙައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ބައެއް ކެންޑިޑޭޓުންނަށް ތާއީދުނުކޮށް، ސަރުކާރުން ވަނީ އަމިއްލަގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނަށް ވެސް ތާއީދުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުންނަށް އަމިއްލަގޮތުން ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ވެސް ކުރެއްވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓަކު ވެސް ވާދަކުރިއެވެ. އެ ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓަށް ބަލާއިރު:

  • މުހައްމަދު ރަޝީދު (ރަޝީދުބެ) - 722
  • އަމިއްލަ ގޮތުން ވާދަކުރި ނޮޅިވަރަމް ދާއިރާގެ މިހާރުގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) - 427 ވޯޓު
  • ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު އަޝްރަފް - 652 ވޯޓު
  • އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަބްދުއްރަހުމާން - 369 ވޯޓު
  • ޖޭޕީ ކެންޑިޑޭޓް ހުސައިން ޝަހުދީ - 186 ވޯޓު

ރަޝީދުގެ އިތުރުން، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި ހަ ކެންޑިޑޭޓުން އިއްޔެ ޕީއެންސީއާ ގުޅިފައިވެއެވެ.

އެއީ:

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  • ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިޚާބުވިއިރު މި ހަތް މެންބަރުންނާއެކު މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާނެ ޖުމުލަ މެންބަރުންގެ އަދަދަކީ 73 އެކެވެ. މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 93އެކެވެ.

އޭގެ އިތުރުން އެމްއެންޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރެއްވި ކާނަލް މުޙައްމަދު ނާޒިމާއި އެމްޑީއޭގެ ޓިކެޓްގައި ފަސް ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އަޙްމަދު ސިޔާމް މުޙައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު އައްބާސްއަކީ ވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުންނެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

comment ކޮމެންޓް