ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނަންޖެހޭ ހާލަތެއް ނެތް: އީސީ

މަޖިލީސް އިންތިޚާބުގެ ވޯޓުގުނުން: ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނަންޖެހޭ ސަބަބެއް ނެތް ކަމަށް އީސީން ވަނީ ބުނެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އަލުން ގުނަން އެދުނު، ދުވާފަރު ދާއިރާގެ ފޮށިތައް ގުނަންޖެހޭ ހާލަތެއް އަދި ފާހަގަނުކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

އެންމެ ހަތަރު ވޯޓުގެ ތަފާތަކުން އެ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރުމުން އެ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން އެދި އެ މައްސަލަ ވަނީ އީސީގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިފައެވެ.

އީސީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ދުވާފަރު ދާއިރާ ކާމިޔާބުކުރި ޕިއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީއަށް 1،074 ވޯޓު ލިބިފައިވާއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި މިނިވަން ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާން (އިބުއްކޮ)އަށް ލިބިފައިވަނީ 1،070 ވޯޓެވެ.

އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި މިހާރުގެ މެންބަރު އިސްމާއިލް އަހުމަދު (އިއްސޭ)އަށް ލިބިފައިވަނީ 579 ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ލިބިފައިވަނީ އެންމެ 77 ވޯޓެވެ.

މުހައްމަދު އަލީ ހަތަރު ވޯޓުގެ ތަފާތަކުން ގޮނޑި ކާމިޔާބުކުރެއްވުމުން، އިބްރާހިމް އަބްދުއްރަހްމާންގެ ފަރާތުން ވަނީ އެ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދިނުމަށް އެދިފައެވެ.

މި ކަމާ ގުޅިގެން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވީ މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން ދުވާފަރު ދާއިރާގެ ވޯޓު ފޮށިތަށް ގުނަންޖެހޭ ހާލަތެއް އޮތް ކަމަކަށް އަދި ފާހަގައެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި 66 ގޮނޑިއާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފައިވަނީ ޕީއެންސީންނެވެ. އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑި ލިބިފައިވާއިރު އަމިއްލަގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި ޖުމުލަ ހަތް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. އެއާ އެކު، އެ ޕާޓީއަށް ނިސްބަތްވާ ޖުމުލަ 73 މެންބަރުން މި ފަހަރުގެ މަޖިލީހުގައި ތިއްބަވާނެއެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

comment ކޮމެންޓް