ބަންގްލަދޭޝް ލޭބަރުންނަށް ހުއްދަ ދިނުން ގާނޫނާ ޚިލާފް، އެއީ އިގްތިޞާދަށް ނުރައްކަލެއް: ފައްޔާޒް

ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ޓްރޭޑް ޔޫނިއަންގެ ކޮންގްރެސްގައި-- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝް ލޭބަރުން ރާއްޖެ އެތެރެވުމަށް އަލުން ހުއްދަ ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި، އެއީ ގައުމީ ސަލާމަތަށާއި އިގްތިޞާދުގެ އިތުރުން އިޖްތިމާއީ ފޭރާމަށް އޮތް ނުރައްކަލެއްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝުން ލޭބަރުން ރާއްޖެއައުން މަނާކުރީ ފައްޔާޒުގެ މިނިސްޓަރުކަމުގައި 2019ވަނަ އަހަރެވެ. މިއަދު މި ސަރުކާރުން ވަނީ އެ ނިންމުން އުވައިލައި، ބަންގްލަދޭޝް ލޭބަރުން ރާއްޖެ އައުމަށް ހުއްދަ ދީފައެވެ.

އަދި އިތުރު ގައުމުތަކުން ލޭބަރުން ރާއްޖެ އެތެރެ ކުރުން މެދުކަނޑައިލަން ސަރުކާރުން ވަނީ ނިންމާފައެވެ.

https://www.sun.mv/186204

މި ނިންމުމާ ގުޅިގެން ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، 2019ގެ ކުރިން 'ބަޔަކު' ކުރި ބަންގްލަދޭޝްގެ ވަގުފާރި ވިޔަފާރިއަކީ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ހޭދަވި މުޑުދާރު ވިޔަފާރިއެއް ކަމަށެވެ.

"ފަސް އަހަރު ހުއްޓުވައިފައި އޮވެފައި އަލުން ގާނޫނާ ޚިލާފަށް މި ކަން ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގްތިޞާދާއި އިޖްތިމާއީ ފޭރާމަށް ހުރި ނުރައްކަލެއް،" އޭނަ ލިޔުއްވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ބިދޭސީންނަށް ކޯޓާ ދޫކުރުން އިމިގްރޭޝަނާއި ހޯމް މިނިސްޓްރީގެ ދަށުގައި އޮތްއިރު ކޯޓާ ފްރޯޯޑް ތުހުމަތުތަކުގައި ކޭސް ފައިލް ކުރެވިފައިވާ މީހުން ވެސް މި މަސައްކަތް ކުރުމުގައި އެބަތިބި ކަމަށެވެ.

އަދި އެ ފަދަ ފަރާތްތަކާ ކޯޓާގެ ކަންކަން ހަވާލު ކުރުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ހާމަނުކުރައްވައެެވެ.

ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ 100،00 އަންސްކިލްޑް ލޭބަރުންނެވެ. އެއާއެކު އޭނާ ވިދާޅުވީ، ބަންގްލަދޭޝްއަކީ ކަނޑައެޅިފައިވާ ލޭބަރުންގެ އަދަދު ހަމަވެފައިވާ ގައުމެއް ކަމަށެވެ.

comment ކޮމެންޓް