ފުލުހުންގެ ބޭނުމަށް ބިދޭސީން ގެންނާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި

ޝަހީދު ހުސެން އާދަމް ބިލްޑިންގް: ފުލުހުންގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ބީލަށް ހުށަހަޅަން ވަނީ ހުޅުވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ގެޒެޓުގައި އާންމުކުރި އިއުލާނެއްގައި ވަނީ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލްއަށް މެއިލްކޮށް އަދި ޕްރޮކިމަންޓް މެއިލްއަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެ ކަމަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުން ކަމަށް އެ އިއުލާނުގައި ވެއެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 14ވަނަ ދުވަހުގެ 14:00 އެވެ. ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 18ވަނަ ދުވަހުގެ 14:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި އެކެއްގައެވެ.

ބިޑް ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، 9790052 ނަމްބަރުން ލިބޭނެއެވެ.

މިދިޔަ ހަފުތާގައި ބޭއްވި އަހާ ފޯރަމްގެ ތިންވަނަ ޕްރޮގްރާމްގައި، ސަރުކާރުގެ އިދާރާތަކުގައި ބިދޭސީން ގެންގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ދިވެހި ރައްޔިތުން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.

"ވަކިން ޚާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ސީދާ ދޭ ޚިދުމަތްތަކުގައި ބިދޭސީން މިހާރު ވެސް ޝާމިލް ނުވާނެ ކަމަށެވެ. ނަމަވެސް، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައާއި އަންސްކިލްޑް މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ދާއިރާތަކަށް ދިވެހިން ހޯދަން ތަކުރާކުކޮށް މަސައްކަތް ކުރި ނަމަވެސް، އެކަމަށް ދިވެހިންގެ ފަރާތުން ތަރުހީބު ނުލިބޭ ކަމަށެވެ. އެހެންކަމުން، މަސައްކަތް ކުރަނީ މުސާރައަށް ބަދަލު ގެނެސްގެން ނަމަވެސް އެ ދާއިރާތަކަށް ދިވެހިން ހޯދަން ކަމަށް އިހުސާނު ވިދާޅުވިއެވެ.

comment ކޮމެންޓް