ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުމުގެ ހުއްދަ އަލުން ދީފި

އަލިފާންގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީން-- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރީން ރާއްޖެއަށް ހަމައެކަނި ބަންގްލަދޭޝްއިން ގެނެވޭ ގޮތަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.

ސަރުކާރުން ކުރި އިއުލާނެއްގައި ވަނީ، މިއަދުން ފެށިގެން ބަނގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސައިފައިވާ ކަމަށެވެ. މިހެން މި ނިންމީ ނިމިދިޔަ ސަރުކާރުން، ރާއްޖެއަށް ބަންގްލަދޭޝް ލޭބަރުން އެތެރެކުރުން މަޑުޖައްސައިލައިފައި އޮންނަތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުންނެވެ.

ސަރުކާރުން ވަނީ، އެހެންގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނައުން މި ވަގުތަށް މަޑުޖައްސައިލަން ނިންމައިފައެވެ.

އެހެން ގައުމުތަކުގެ ލޭބަރުން ގެނައުން ހުއްޓައިލި ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ހުރި ރިކުއެސްޓުތައް ޕްރޮސެސް ކޮށްދޭނެކަމަށް ސަރުކާރުން ބުންޏެވެ.

ޕްރޮސެސް ނުކުރާނީ މިއަދަށްފަހު އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން ގެނައުމަށް ހުށަހަޅާ ފޯމްތައް ކަމަށް ވެސް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ރާއްޖެ ގެނައުން ހުއްޓާލާފައި ވަނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި ނިންމުމާ ގުޅިގެން އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ 150،000 އަންސްކިލްޑް ލޭބަރުން ކަމަށެވެ.

އަދި އޭރު ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅުނު ބަންގްލަދޭޝް މީހުންނާއެކު އެ އަދަދު ހަމަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ވަނީ، ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްތަކުގެ ތެރެއިން ވެސް ގިނަ ބަޔަކު ފުރުވައިލިއެވެ.

comment ކޮމެންޓް