ދިވެހިންނަށް އިސްކަން ދިނުމަށް، ފުލުހުން ބިދޭސީން ހޯދަން ކުރި އިއުލާނު ބާތިލް ކޮށްފި

ޝަހީދު ހުސެން އާދަމް ބިލްޑިންގް: ފުލުހުންގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނު ވަނީ ބާތިލް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިންނަށް އިސްކަން ދިނުމަށް ކަމަށް ބުނެ، ފުލުހުންގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމަށް ކުރި އިއުލާނު ބާތިލް ކޮށްފިއެވެ.

ފުލުހުންގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލީ އިއްޔެއެވެ. ނަމަވެސް މިރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެ އިއުލާނު ބާތިލް ކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ދިވެހިންނަށް ވަޒީފާދިނުމުގައި އިސްކަންދެވޭގޮތަށް ފުލުހުންގެ ޚިދުމަތުން އަމަލު ކުރުމަށް ނިންމާފައި ވާކަމަށެވެ.

ސަރުކާރުގެ އިދާރާތަކުގައި ބިދޭސީން ގެންގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މިދިޔަ ހަފުތާގައި ބޭއްވި އަހާ ފޯރަމްގެ ތިންވަނަ ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ދިވެހި ރައްޔިތުން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.

"ވަކިން ޚާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ސީދާ ދޭ ޚިދުމަތްތަކުގައި ބިދޭސީން މިހާރު ވެސް ޝާމިލް ނުވާނެ ކަމަށެވެ. ނަމަވެސް، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައާއި އަންސްކިލްޑް މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ދާއިރާތަކަށް ދިވެހިން ހޯދަން ތަކުރާކުކޮށް މަސައްކަތް ކުރި ނަމަވެސް، އެކަމަށް ދިވެހިންގެ ފަރާތުން ތަރުހީބު ނުލިބޭ ކަމަށެވެ. އެހެންކަމުން، މަސައްކަތް ކުރަނީ މުސާރައަށް ބަދަލު ގެނެސްގެން ނަމަވެސް އެ ދާއިރާތަކަށް ދިވެހިން ހޯދަން ކަމަށް އިހުސާނު ވިދާޅުވިއެވެ.

comment ކޮމެންޓް