ބޭނުންވާން ވާނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން ދަހިވެތިވާ ރައީސެއް: ސިޔާމް

ނ. މާޅެންދޫގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުން ބޭނުންވާން ވާނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ ކަންކަން ކޮށްދިނުމަށް ދަހިވެތިވާ ރައީސެއްކަމަށާއި އެ ރައީސަކީ އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނ. މާޅެންދޫގައި މިއަދު އޮތް ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވީދާޅުވީ މީގެ 25 އަހަރު ކުރިއަށް ބަލައި ނަމަވެސް މި އަތޮޅުގެ ރައްޔިތުންގެ ވާހަކަތައް އަޑުއެހި ސަރުކާރެއް ނެތް ކަމަށެވެ.

ސިޔާމް ވިދާޅުވީ ރައީސް ތަފާތުވަނީ، އެ މަނިކުފާނަކީ ރައްޔިތުން ބޭނުންވާ ކަންކަމާއި ބޭނުންތައް ރައްޔިތުން ހުށަހަޅާ މިންވަރަކަށް އަޑު އައްސަވާ ބޭފުޅަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑަށް ލިބުނު ތަޖުރިބާއަކީ މި ރައީސުލްޖުމްހޫރިއްޔާއަކީ ތަފާތު ޚިޔާލެއްގެ ބޭފުޅެެއް، ތަފާތު ޚިޔާލެކޭ މި ދަންނަވަނީ އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއް ހުށަހެޅިއަސް އެ މަނިކުފާނު ކޯފާއެއް އިސްނުވޭ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެހެން ކެންޑިޑޭޓުން ރައްޔިތުންގެ ކުރިިމައްޗަށް އަރައި، ވައުދުވި ނަަމަވެސް އެ ކަމާމެދު ވިސްނުމުގެ ކުރިން އެ މީހުންގެ ގާބިލްކަމާމެދު ވިސްނުން މުހިންމު ކަމަށެވެ.

އެ ގާބިލްކަމާމެދު ވިސްނާނަމަ އެންމެ ގާބިލް ބޭފުޅަކީ ރައީސް ޞާލިޙުކަމަށް ސިޔާމް ވިދާޅުވިއެވެ.

"ތި ބޭފުޅުންގެ ކައިރިއަށް އެހެން ބޭފުޅުން އައިސް ވައުދެއް ކޮށްފާނެ. ތި ބޭފުޅުން ގަބޫލުކުރަން ޖެހޭނެ އެ ބޭފުޅުންގެ އެ ލަޔާގަތާއި ގާބިލްކަމެއް ނެތްކަން،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ގޮތް ނިންމަންވާނީ ތަޖުރިބާގެ އަލީގައި ކަމަށެވެ.

މާޅެންދޫއިން ފެނުނު މަންޒަރާއެކު އެއްބުރުން އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ރައީސް ނ. މާޅެންދޫއަށް ވަޑައިގަތުން. ގިނަ އަދަަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދުގައި ރައީސަށް މަރުހަބާ ކިޔުމަށް އެއްވެ ތިބި -- ފޮޓޯ/ އެމްޑީޕީ

ނ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅު މިއަދު ވަނީ މާޅެންދޫއިން ފައްޓަވައިފައެވެ. ރައީސްގެ އަރިހުގައި އެމްޑީއޭގެ އިސްވެރިންނާއި، އަދާލަތު ޕާޓީގެ އިސްވެރިންގެ އިތުރުން އެމްޑީޕީގެ އިސްވެރިން ބައިވެރިވެލައްވައެވެ.

މާޅެންދޫއަށް ރައީސާއި ކޯލިޝަންގެ ލީޑަރުން ވަޑައިގަތުމާއެކު ހޫނު މަރުހަބާއެއް މި ރަށުގެ ރައްޔިތުންވަނީ ކިޔައިފައެވެ. އެގޮތުން ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދުގައި ސަފުގައި ތިއްބެވެ.

އެއާއެކު ސިޔާމް ވިދާޅުވީ މާޅެންދޫއިން މި އަތޮޅުގެ ކެމްޕޭން ފެށުމަކީ ހެޔޮ ފާލެއް ކަމަށެވެ. ސަަބަބަކީ މާޅެންދޫ ރައްޔިތުންނަކީ ކިޔަމަންތެރި، މަސައްކަތްތެރި ތަރައްގީއަށް އެދޭ ރައްޔިތުންތަކަކަށް ވާތީކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް