ރަސްމާލެ މަޝްރޫއު މައްސަލަ: ރެފަރަންޑަމަކަށް ގޮވައިލާ އެމްޑީޕީއިން ބުރާސްފަތި ދުވަހު އިހުތިޖާޖަށް ނުކުންނަނީ

އެމްޑީޕީގެ ކެމްޕޭން އެއްވުމެއްގެ ތެރެއިން ރައީސް ނަޝީދާއި ލީޑަޝިޕްގެ އިސްވެރީން -- ފައިލް ފޮޓޯ: އެމްޑީޕީ

ރަސްމާލޭގައި މި ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ކުރިއަށް ގެންދަން އެއްބަސްވެފައިވާ މަޝްރޫއަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން، މިމަހުގެ 26 ވާ މި ހަފުތާގެ ބުރާސްފަތި ދުވަހު އިހުތިޖާޖަށް ނިކުތުމަށް މިއަދު ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން، ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވަނީ، ރައްޔިތުންނަށް އެކަމުގެ ވާނުވާ އޮޅުންނުފިލާތީ ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި 'ބޮޑު ބަދަލު'ގެ ސިޔާސަތުތައް ޕާޓީގެ މެންބަރުން ބަލައިގެންފައިވާ ކަމަށާއި އެ ސިޔާސަތުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެެއްކަމަކީ ކަންކަން ހިންގުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

ނަޝީދު ވަނީ ވެރިންނަށް ނިންމަވާ ކަންކަން ރަނގަޅު ކަންކަމުގެ ގޮތުގައި ފެނި، ތަސައްވަރު ކުރެވިދާނެ ކަމަށާއި ނަމަވެސް އެ ތަސައްވުރުތަކާއި މަންޒަރުތައް ރައްޔިތުންނަަށް ސާފުނުވާކަމުގައި ވާނަމަ ކަންކަން ދާނީ ކާމިޔާބު ނުވެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކަމެއް ކާމިޔާބުކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދު، ރުހުން ކޮންމެހެން އޮންނަންޖެހޭނެ. ފުށިދިއްގަރުފަޅާ ގުޅޭގޮތުން މިހާރު މިހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މެދުގައި ބަހުސްކުރެވި، އެމައްޗަށް ރައްޔިތުން އެބަ ގޮތެއް ނިންމަންޖެހޭ،އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު

ނަޝީދު ވަނީ ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މި މަޝްރޫއު ކުރިއަށްގެންދާނަމަ، އެއީ މި ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ރަސްމާލެ މަޝްރޫގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ނަގަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށްޓަކައި އަޑު އުފުލުމަށް އެމްޑީޕީއިން އިހުތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށާއި މި ނޮވެމްބަރު މަހުގެ ތެރޭގައި އެއްވުމަކަށް ނިކުންނާނެ ކަމަށާއި އެއީ އެމްޑީޕީގެ އެއްވުމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ޕާޓީއިން ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ތަނަވަސްކަން. ހާސްކަމެއްނެތި ދިރިއުޅެވޭނެ ގޮތްތައް. އެގޮތައް ރައްޔިތުންނަށް ހޯދާދިނުމަށްޓަކައި ވެރިން މަސައްކަތްކުރަންޖެހޭ. ސަރުކާރުތަކުން ތަސައްވުރުތައް އެކުލަވާލުމަށްފަހު އެ ތަސައްވުރު ރައްޔިތުންނަށް އެބަ ހުށަހަޅަންޖެހޭ. މިކަމުގެ އިހުތިޖާޖަށް ނިކުތުމަށް އެމްޑީޕީއިން މިވަނީ ނިންމާފަ. އަޅުގަނޑުގެ އަމާޒަކީ މި 26 ވަނަ ދުވަހު އެމްޑީޕީ މިކަމަށް އިހުރިޖާޖުކުރުމަށް މަގުމައްޗަށް ނުކުތުން،އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު

ރަސްމާލެ މަޝްރޫއު ހިންގުމަށް މަގުފަހިވާ ގޮތަށް މަޖިލީހަށް ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަނީ އެފަދަ މަޝްރޫއުތަކުގައި، ތަރައްގީކުރެވޭ ނުވަތަ ތަރައްގީކޮށްފައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް، 99 އަހަރު ދުވަހުގެ މުއްދަތަށް ވިއްކިދާނެ ކަމަށް ބަޔާންކޮށްފައެވެ.

އެ ބިލުގެ ދަށުން ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް، އެހެން ފަރާތަކަށް އެ ޕްރޮޕަޓީ ވިއްކުމުގެ އިޚުތިޔާރު ވެސް ލިބިދީފައިވެއެވެ. ނަމަވެސް ޕްރޮޕަޓީއެއް ގަތުމަކުން، އެ ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް ރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެއް ހައްގެއް ލިބިގެންނުވާ ކަމަށް ބިލުގައި ބަޔާންކޮށްފައެވެ.

comment ކޮމެންޓް