ކުރަންވީ ކަމަކީ އިހުތިރާމު ނުލިބޭ ސަބަބު ހޯދަން ކޮމިޓީއެއް ހެދުން، ގަދަބާރުން އިހުތިރާމާއި ލޯތްބެއް ނުލިބޭނެ: ފައިސަލް

މިރޭގެ ރަސްމިއްޔާތުގައި ފައިސަލް ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

އަސްލު ކުރަންވީ ކަމަކީ، އިހުތިރާމު ނުލިބޭ ސަބަބު ހޯދަން ކޮމިޓީއެއް ހެދުން ކަމަށާއި ގަދަބާރުން އިހުތިރާމާއި ލޯތްބެއް ނުހޯދޭނެ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ސަރުކާރަށް ރައްދެއް ދެއްވައިފިއެވެ.

ފައިސަލް މިހެން ވިދާޅުވީ، ސަރުކާރުން އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަސް އަހަރަށް ދެމިގެންދާ ގޮތަށް މި މަހު 14ގައި ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިރޭ އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ފައިސަލް ވިދާޅުވީ މިއަދުވީ އިހުތިރާމް އަދާކުރަން ދަސްކުރަން ކަމަށެވެ. އަދި އެ މަޝްރޫއަށް ނުސީދާ ގޮތެއްގައި ރައްދުދެއްވައި، ފައިސަލް ވިދާޅުވީ، އެ މަނިކުފާނު ސުކޫލުގައި އުޅުއްވިއިރު އިހުތިރާމު ކުރަން ކިޔައިވައިދިން ކަމަށާއި މައިންބަފައިން އިހުތިރާމު ކުރަން ދަސްކޮށްދެއްވި ކަމަށެވެ.

"އަސްލު ކުރަންވީ ކަމަކީ ވެރިންނަށް ޚާއްސަކޮށް ދެއްތޯ އިހުތިރާމު ނުލިބިގެން އުޅޭ ސަބަބު ހޯދުމަށްޓަކައި ކޮމިޓީއެއް ނޫނީ ކޮމިޝަނެއް އެކުލަވަލައިގެން ނުލިބިގެން އުޅޭ ސަބަބުން ބަލަންވީ،" ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވައްކަން ކުރުމާއި ޖެއްސުން ކުރުމާއި ރައްޔިތުންނަށް އަޑިނުފެންނަ ގޮތަށް އެގްރީމަންޓުތައް ހެދުމާއި ބާކީ ހުރި ހުރިހާ އެއްޗެއް ހޯދަން މަސައްކަތް ކުރުމާއި ރައްޔިތުންގެ ހުރިހާ ބާރުތަކެއް ޖަމާކުރުމާއި ގާނޫނުއަސާސީއާ ކުޅެލުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އައްސަވަނީ އިހުތިރާމު ކުރަން ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ފައިސަލް ނަސީމާއި ކުރީގެ ރައީސް ޞާލިހާއި މޭޔަރު އާދަމް އާޒިމް -- ފޮޓޯ: އެމްޑީޕީ

އެހެން ވިދާޅުވެ، ފައިސަލް ވަނީ އެ ފަދަ ބޭފުޅަކަށް އިހުތިރާމު ކުރައްވާނަންތޯ ޖަލްސާގެ އޯޑިއަންސްގައި އިންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)އާ ސުވާލުކުރައްވާފައެވެ.

ދެހާސް އަށާވިހުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީ ޓިކެޓަށް ވެސް ވާދަކުރައްވާ ފައިސަލް ދެން ކިޔައިދެއްވީ އިހުތިރާމް ލިބޭނެ ގޮތެވެ.

"އެންމެ ފުރަތަމަ ކަމަކަށް އެހެން މީހުންނަށް އަދަބު އިހުތިރާމު އަދާކުރަންވީ. ދައުލަތުގެ މުދަލަށް އަމާނާތްތެރިވާންވީ. މީހުންނަށް އިހުސާންތެރިވާންވީ. މީހުންނަށް މަލާމާތް ނުކުރަންވީ. މީހުންނަށް ޖެއްސުން ނުކުރަންވީ" އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ބޮޑު މަޝްރޫއަކަށް ފައިސަލް ފާޑުވިދާޅުވިއިރު، އިހުތިރާމް އަދާކުރުމުގެ މަޝްރޫއަށް އެހެން ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އެއީ، އެ މަޝްރޫއު ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މޮނިއުމެންޓް މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިގެން ފައްޓަވައިދެއްވާފައިވާތީއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އެކަކު އަނެކަކަށް ގަދަރާއި އިޙުތިރާމް ކުރުމުގެ ރީތި ސިފަ ހަރުދަނާކުރުމެވެ.

https://sun.mv/230500

ރައީސް މި ކެމްޕެއިން ފެއްޓެވުމަށް ނިންމަވާފައި ވަނީ ދިވެހިންގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ. މީގެ ކުރިން ދިވެހިންގެ އަމިއްލަވަންތަކަން ނެތެމުންދާން ފަށާފައިވީ ނަމަވެސް، މި ސަރުކާރުން ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީ، ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީ ކަންކަން އާލާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް