ރަސްމާލެ މައްސަލައިގައި ރެފަރަންޑަމަކަށް ދާން ގޮވާލައި ނަޝީދު: "ފިނި ކޮޓަރީގައި ތިބެ ނިންމަވާ ކަންކަން ވަނީ ނާކާމިޔާބު"

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގައި ތިއްބަވައިގެން ނިންމަވާ ކަންތައްތައް ދަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެގެން ކަމަށާއި ނިމުނު ދެތިން ދައުރެއްގައި މިބާވަތުގެ ކިތަންމެ ކަމެއް ފާހަގަވެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރާއްޖެ މިހާރު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ރާއްޖޭގެ މާލީ ހަލަތު ވަރަށް ނުރައްކާވެ ޑޮލަރުގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޑޮލަރުގެ އަގާއެކު ތަކެތީގެ އަގު އިންތިހާއަށް އުފުލޭ ކަމަށާއި މާލޭގައި ތަކެތީގެ އަގު ހުންނަ ވަރަށްވުރެ ރައްރަށުގައި އަގުތައް މާބޮޑަށް އުފުލިފައިވާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ނަޝީދު ވަނީ ރައްޔިތުންނަށް މިހާރު ވަަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި އިގްތިސޯދު ހިންގާނެ ގޮތް އަދުގެ ސަރުކާރަށް ކުޑަކޮށްވެސް ނޭނގޭކަމަށް ވިދާޅުވެފައެވެ. މާލީ ކަންކަން ބަލަހައްޓަންވެސް ސަރުކާރަށް އެނގިވަޑައިނުގަންނަވާ ކަމަށާއި މި ކަންކަމާ އެމްޑީޕީއިން ވަރަށް ބޮޑަށް ކަންބޮޑުވާކަން އެކމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ނަޝީދު ވަނީ މި ކަންކަމުގެ އިތުރުން، ރައްޔިތުންނަށް ސަރުކާރުން ރަސްމާލޭގައި ކުރިއަށްގެންދަން އުޅޭ ޕްރޮޖެކްޓާ ގުޅޭގޮތުން ވެސް ވާނުވާ ނޭނގޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެމްޑީޕީއިން ދެކޭގޮތުގައި ކަމެއް ރަނގަޅަށް ކުރާނަމަ އެކަމެއް ކުރަންޖެހޭނީ ވީހާވެސް ގިނަ ބަޔަކާ މަޝްވަރާކުރައްވައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގައި ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިއަށްގެންދަން އަޅުގަނޑުމެން މަސައްކަތް ކޮށްފިނަމަ، އެބާވަތުގެ ކަންކަން [ހަމައެކަނި ވެރިން ނިންމަވާ ކަންކަން] މިދަނީ ވަރަށް ބޮޑަށް ނާކާމިޔާބުގެން. މިދިޔަ ދެތިން ދައުރެއްގަ އަޅުގަނޑުމެންނަށް މި ބާވަތުގެ ކިތަންމެ ކަމެއް ފާހަގަވެ ހިނގައްޖެ،އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު

ނަޝީދު ވަނީ ރަސްމާލޭގައި ހިންގުމަށް ސަރުކާރުން ނިންމަވާފައިވާ މަޝްރޫއާ ގުޅިގެން އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން ބޮޑުވެފައި ވަނީ އެމީހުންނަށް އެކަމުގެ ވާނުވާ ރަނގަޅަށް ނޭނގޭތީ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ވެރިން ނިންމަވާ ކަންކަމާއި ތަސައްވަރުކުރައްވާ ކަންކަމަކީ ރަނގަޅު ކަންކަން ކަމުގައި ހީކުރެވުނު ނަމަވެސް އެ ތަސައްވުރުތަކާއި މަންޒަރުތައް ރައޔިތުންނަށް ސާފުނުވާކަމުގައިވާނަމަ، ކަންކަން ކާމިޔާބެއް ނުވާނެކަމަށް ވިދާޅުވެފައެވެ.

ކަމެއް ކާމިޔާބުކުރުމަށް އެކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަޢުލަބިއްޔަތުގެ ތާއީދާއި ރުހުން ކޮންމެހެން އޮންނަންޖެހޭނެ ކަމަށާއި ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން، ރައްޔިތުންގެ މެދުގައި ބަހުސްކުރެވި ރައްޔިތުން ގޮތެއް ނިންމަންޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

https://sun.mv/230256

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އެއީ ރެފަރަންޑަމަކަށް ދާން ޖެހޭނެ ކަމެއް ނޫން ކަމަށާއި، އެ ކަމުގައި ރެފަރަންޑަމަކަށް ނުދާނެ ކަމަށެވެ.

ނަޝީދު ވަނީ ރަސްމާލެ މައްސަލައިގައި އަޑު އުފުލުމަށް އެމްޑީޕީއިން މި މަހުގެ 26ވާ މި ހަފުތާގެ ބުރާސްފަތި ދުވަހު މުޒާހަރާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރަސްމާލެ މަޝްރޫއަކީ، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ނިންމައިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއެވެ. ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ލަފާކުރާ މި ބޮޑު މަޝްރޫއާއެކު، އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން އަންނަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް