ހުނަރުވެރި ފަންނުވެރިންގެ މިޔުޒިކް ފެސްޓް ވަރަށް ސަޅި، އެންމެންނަށް ކަމުހިނގައްޖެ

މޯލްޑިވްސް މިޔުޒިކް ފެސްޓްގެ ތެރެއިން ޒާރާ، މީރާ އަދި ހައިޝަމް ހުށަހަޅަނީ --- ފޮޓޯ/ މޯލްޑިވްސް މިޔުޒިކް ފެސްޓް

ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ދެވަނައެއް ނެތް މިޔުޒިކް ފެސްޓް ވީ ހިޓަކަށެވެ. އެ ފެސްޓިވަލަށް ދިޔަ ކޮންމެ މީހަކު ވެސް ދެއްކީ ފެސްޓިވަލްގެ "ސަޅި" ވާހަކައެވެ.

އަސްލުކޮށް ވެސް އެ ފެސްޓިވަލް ވަރަށް ސަޅިއެވެ. ދިވެހި އެކި ފަންނުވެރިންގެ ފަންނުވެރި ހުށަހެޅުންތައް ފެނުނު މި ފެސްޓިވަލްގައި ޢާންމުންނަށް ލިބުނީ ބޮޑު އުފާވެރިކަމެކެވެ. މެޒޯ މޯޑުގެ ރަން އަޑުން ފެށިގެން ގޮސް، ފަސީގެ ހުނަރުވެރި ގިޓާ ކުޅުމުން، ޢާންމުންނަށް، ވަކިން ޚާއްސަކޮށް ފޭނުންނަށް، ލިބުނީ ފުރިހަމަ ތަޖުރިބާއަކެވެ.

މޯލްޑިވްސް މިޔުޒިކް ފެސްޓް ވެގެން ދިޔައީ ފަންނުވެރިންގެ ލަވަތަކާއި ހުށަހެޅުންތައް ބަލަން ކެތްމަދުވެފައި ތިބި މީހުންނަށް އެއީ ބޮޑު ޢީދަކަށެވެ.

މޯލްޑިވްސް މިޔުޒިކް ފެސްޓްގެ ތެރެއިން ސްކައިރޮކް ބޭންޑްގެ އިންޝާ ހުށަހަޅަނީ --- ފޮޓޯ/ މޯލްޑިވްސް މިޔުޒިކް ފެސްޓް

މި ފެސްޓިވަލްގެ ތެރެއިން ފެނުނީ މި ރާއްޖޭގައި ތިބި ފަންނުވެރިންގެ ހުނަރެވެ. ތަންކޮޅެއް ކުރިއަށް ޖެހިލާނަމަ ވައިޓް ޓާން އާ އެކު މެޒޯ، ފަސީ އަދި ޓްރެފިކް ޖޭމް ފަދަ ހުށަހެޅުންތެރިންނެވެ. މިހާރަށް ބަލާއިރު މީރާ، ޒާރާ، ހައިޝަމް، ޒަކިއްޓެ، ޓީ ފޯ ޓޫ، ސްކައި ރޮކް އަދި ރެވިއޯ ފަދަ ފަންނުވެރިންނެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އަރަމުން އަންނަ އެހެން ގިނަ ފަންނުވެރިންގެ ހުށަހެޅުންތައް ވެސް ފެނިގެން ދިޔައެވެ.

މި ފަންނުވެރިންގެ ފަރާތުން ފެނުނީ ރާއްޖޭގައި މިޔުޒިކް ފެސްޓް ފަދަ ފުރިހަމަ ޕްލެޓްފޯމަކަށް ކެތްމަދުވެފައި ހުރި މިންވަރެވެ. މިފަދަ ޕްލެޓްފޯމެއްގައި ހުނަރު ދައްކާލެވޭ ފުރިހަމަ ކަމެވެ.

މޯލްޑިވްސް މިޔުޒިކް ފެސްޓްގެ ތެރެއިން މެޒޯ އަދި ބޭންޑް ހުށަހަޅަނީ --- ފޮޓޯ/ މޯލްޑިވްސް މިޔުޒިކް ފެސްޓް

މޯލްޑިވްސް މިޔުޒިކް ފެސްޓްއަކީ ހަމަ އެކަނި ލަވަ ކިޔުމާ ހުށަހެޅުމުގެ ތަނެއް ވެސް ނޫނެވެ. އެތަނުގެ ތެރެއިން ކާބޯތަކެތީގެ އެކި ސްޓޯލްތަކާއި ހޭންޑި ކްރާފްޓުގެ އެކި ސްޓޯލްތައް ވެސް ފެނުނުއިރު، މިއީ ރާއްޖޭގައި ތިބި އެފަދަ އަތްތެރި ފަންނުވެރިންނަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މި މިއުޒިކް ފެސްޓް ބާއްވައިފަނީ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެންނެވެ. މި ފެސްޓުގެ ގޯލްޑް ޕާޓްނަރުންނަކީ ލޮޓަސް ބައިކް ޝޮޕާއި ޗާޖް ބެރީ ބޮލްޓްއެވެ. ސިލްވާ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް، ޑަޔާނާ ޓްރޭޑިން އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަންއެވެ.

މި ފެސްޓުގެ ހޮޓެލް ޕާޓްނަރަކީ ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާއެވެ. މީޑިއާ ޕާޓްނަރަކަށް އެސްއެސްނެޓްއެވެ. އޭގެ އިތުރުން ލެޑް ވިޝުއަލް ޕާޓްނަރަކަށް ޓެކްވޭވް، ސައުންޑް އެންޑް ލައިޓް ޕާޓްނަރަކަށް އޯލް އެޑިޝަން މޯލްޑިވްސް، ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ އަދި ޕްރިންޓިން ޕާޓްނަރަކަށް ޕްރިންޓް ލެބް ފާހަގަކޮށްލެވެއެވެ. އަދި ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ފަންނުގެ ދަރިން އެންޑް މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް ވެސް ހަރަކާތްތެރިވިއެވެ.

މޯލްޑިވްސް މިއުޒިކް ފެސްޓް އިންތިޒާމުކުރާ ފަރާތުން ވަނީ މީގެ ފަހުން ކޮންމެ އަހަރަކު ވެސް މި އިވެންޓު ބާއްވަން ނިންމާފައެވެ.

comment ކޮމެންޓް