މުމްބާއީގެ ޖޫހޫ ސަރަޙައްދުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް ދަތުރުކުރި ކާރަށް ބަޑީގެ ހަމަލާތަކެއް އަމާޒުވި ހާދިސާއަށް ކުޑަ ދުވަސްކޮޅެއް ވެފައިވަނިކޮށް، އޭނާގެ މިލްކިއްޔާތުގައި އޮތް އަގުބޮޑު އެޕާޓްމަންޓެއް ނުވަ ކްރޯޑް އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 14 މިލިއަން ދިވެހި ރުފިޔާ)އަށް ވިއްކާލައިފިއެވެ.
މުމްބާއީގެ ޚާރް ވެސްޓްގައި ހުންނަ މި އެޕާޓްމަންޓް ވިއްކުމުގެ މުޢާމަލާތް ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވަނީ ޙަމަލާ ދިންތާ ހަތަރު ދުވަސް ފަހުން، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޖުލައި 2018ގައި 7.61 ކްރޯޑް ރުޕީސްއަށް ޓައިގާ ގަނެފައިވާ މި އެޕާޓްމަންޓް ވިއްކާލުމުން، އޭނާއަށް 1.39 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 18.3 އިންސައްތަ)ގެ ފައިދާއެއް ވަނީ ލިބިފައެވެ. ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 2018ގައި ޑިވެލޮޕަރުގެ އަތުން ގަތުމަށްފަހު، އެތަނުގެ މިލްކުވެރިކަމާ އޭނާ ހަވާލުވެފައިވަނީ ނޮވެމްބަރު 2019ގައެވެ.
ޓައިގާއަށް ދިން ބަޑީގެ ޙަމަލާއާ ގުޅިގެން މަހާރަޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އެކްޓަރާ ބައްދަލުކުރަނީ-- ފޮޓޯ/ފޭސްބުކްމި އެޕާޓްމަންޓް ވިއްކާލާފައި މިވަނީ، މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު މުމްބާއީގެ ޖޫހޫ ސަރަހައްދުން ޓައިގާގެ ކާރަށް އަމާޒުކޮށް ސައިކަލެއްގައި އައި ތިން މީހަކު ފަސް ހަ ފަހަރު ބަޑިޖެހި ނުރައްކާތެރި ހާދިސާއެއް ހިނގާފައިވަނިކޮށެވެ.
އެ ހާދިސާގައި ޓައިގާއަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް، އޭނާގެ ޑްރައިވަރަށާއި މަގުމަތިން ދިޔަ އާންމު ފަރާތަކަށް ވަނީ އަނިޔާވެފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ރާޖަސްތާނުގެ ކޯޓާ ސިޓީން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.