ބޮލީވުޑްގެ މަޝްހޫރު ޓޯކް ޝޯ 'ކޮފީ ވިތު ކަރަން' ސީޒަން 9ގެ އެންމެ ފަހުގެ ޕްރޮމޯއިން ފެނިގެންދަނީ ހޯސްޓް ކަރަން ޖޯހަރް އާއި ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރު އަދި ވަރުން ދަވަންގެ މެދުގައި ދެކެވޭ ވަރަށް ފާޅުކަން ބޮޑު، ޝައުޤުވެރި ވާހަކަތަކެކެވެ.
މި ޕްރޮމޯގައި ވަރުން ވަނީ، ކަރަން އެ ދެ ތަރިންނާ ވާހަކަދެއްކުން މެދުކަނޑާލި ދުވަސްވަރެއް ދިޔަކަން ހާމަކޮށްފައެވެ. އަދި އެކަމުގެ ފަހަތުގައި ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް ކަރަން ވެސް ވަނީ އެއްބަސްވެފައެވެ.
މި ސީޒަންގެ ތިންވަނަ އެޕިސޯޑުން ޖާންވީ އާއި ވަރުން އެކުގައި ފެނިގެންދާއިރު، ދާދިފަހުން އާންމުކުރި ޕްރޮމޯއިން މަޖާ ވަގުތުކޮޅުތަކެއްގެ އިތުރުން އަރުޖުން ކަޕޫރުގެ ޚާއްޞަ ފެނިލުމެއް ވެސް ވަނީ ދައްކާލާފައެވެ.
ޕްރޮމޯގައި ވަރުން ބުނެފައިވަނީ، ދުވަސްކޮޅަކަށް ކަރަން އެ ދެމީހުންނާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ ހުރި ކަމަށެވެ. މި ވާހަކައަށް އިޢުތިރާފުވަމުން ކަރަން ބުނީ އެދުވަސްވަރު އޭނާ ހުރީ އެ ދެ ތަރިން ދެކެ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ. މިކަމާ ގުޅުވައިގެން ޖާންވީ ބުނީ، ކަރަން ވާހަކަ ނުދައްކާ ހުރި ދުވަސްވަރު ލިބުނު މާޔޫސްކަމުގައި އޭނާގެ ބަރުދަން އިތުރުވި ކަމަށެވެ.
ވަރުން، ޖާންވީ އަދި ކަރަން، 'ކޮފީ ވިތު ކަރަން'ގެ ތިން ވަނަ އެޕިސޯޑުގައި-- ފޮޓޯ/ ޓެލެގްރާފްއިންޑިއާއެ ދުވަސްވަރު ކަންކަން ހިނގައިދިޔަ ގޮތް ވަރުން ސިފަކުރީ ވަރަށް 'ޑްރެމެޓިކް' ކަމެއްގެ ގޮތުގައެވެ. އޭނާ ބުނި ގޮތުގައި، އެ ހާލަތުގައި އޭނާއަށް ސިފަކުރެވުނީ ކަރަންގެ މަޝްހޫރު ފިލްމު 'ކަބީ ޚުޝީ ކަބީ ޣަމް'ގައި އަމީތާބް ބައްޗަން ކުޅެފައިވާ ހަރުކަށި ބައްޕަގެ ކެރެކްޓާއެވެ.
ޖާންވީ އާއި ވަރުން މީގެ ކުރިން 'ބަވާލް' އަދި 'ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ' ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައިވީ ނަމަވެސް، މިއީ 'ކޮފީ ވިތު ކަރަން'ގެ ސޯފާއިން މި ދެ ތަރިން އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.
'ކޮފީ ވިތު ކަރަން'ގެ ނުވަވަނަ އަދި އެންމެ ފަހު ސީޒަން މި މަހުގެ 14ގައި ޕްރިމިއާ ކޮށްފައިވާއިރު، ފުރަތަމަ އެޕިސޯޑުން ފެނިގެންދިޔައީ ސަލްމާން ޚާން އާއި ކަރިޝްމާ ކަޕޫރެވެ. އަދި ދެވަނަ އެޕިސޯޑުގައި ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ ފެނިގެންދިޔައިރު، އެ އެޕިސޯޑަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.