އަމީތާބް އާއި ދިލްޖީތަށް ބޮމުގެ ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރުތަކެއް

އިންޑިއާގެ މަޤުބޫލު އެކްޓަރު އަމީތާބް ބައްޗަން އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖް-- ފޮޓޯ/ ގަލްފްނިއުސް

ބޮން ގޮއްވާލާނެ ކަމުގެ އިންޒާރުދީ ފޮނުވި އީމެއިލްއެއްގައި، ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޯސާންޖްގެ ނަން ހިމަނާފައިވާ މައްސަލައެއް އިންޑިއާގެ މުމްބާއީ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި އިންޒާރާ ގުޅިގެން އަމީތާބް ބައްޗަން ދިރިއުޅޭ "ޖަލްސާ" ބަންގްލޯ އަދި މި އަންނަ އަންގާރަ ދުވަހު މަހާލަކްޝްމީ ރޭސްކޯސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިލްޖީތުގެ ކޮންސަޓްގެ ސަލާމަތީ ކަންކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. ފުލުހުން މިހާރު ދަނީ އެ އީމެއިލްގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޚަބަރުތައް ބަޔާންކުރާ ގޮތުގައި، މި އީމެއިލްގައި މުމްބާއީ މޭޔަރުގެ އޮފީހާއި ބައެއް ސްކޫލްތައް ހިމެނޭހެން އެކި ތަންތަނަށް ހަމަލާދޭނެ ތާރީޚުތަކާއި ވަގުތުތައް ވަނީ ތަފްސީލުކޮށްފައެވެ. އެގޮތުން، މި މަހުގެ 31ގައި އަމީތާބްގެ ގެއަށް، އަދި އަންނަ ނޮވެމްބަރު 27ގައި ދިލްޖީތުގެ ކޮންސަޓަށް ހަމަލާދޭނެ ކަމަށް އިންޒާރުދީފައިވެއެވެ. ފުލުހުން މިހާރު މަސައްކަތްކުރަމުން ދަނީ އީމެއިލް ފޮނުވި ފަރާތް ދެނެގަތުމަށާއި، މި އިންޒާރުގެ ޙަޤީޤަތް ހޯދުމަށެވެ.

އަމީތާބް ބައްޗަން މުމްބާއީގައި ދިރިއުޅޭ ގެ ހުންނަ ސަރަޙައްދަށް އެއްވެފައިވާ ސަޕޯޓަރުންނާ އެކްޓަރު ބައްދަލުކުރަނީ-- ފޮޓޯ/ ގަލްފްނިއުސް

ދިލްޖީތު އިންޑިއާގައި ކުރިއަށްގެންދާ ޓުއާގެ ތެރެއިން، މި އަންނަ ހުކުރު ދުވަހު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯ ސަލާމަތީ ސަބަބުތަކަށްޓަކައި ހުއްދަ ނުދީ ކުރިން މަޑުޖައްސާލާފައި އޮތް ނަމަވެސް، މިހާރު ފުލުހުން ވަނީ އެ ހުއްދަ ދީފައެވެ. މި ހުއްދަ ދޫކޮށްފައިވަނީ އިވެންޓް އިންތިޒާމުކުރާ ފަރާތުން ސަލާމަތީ ކަންކަމާއި، ޓްރެފިކް އަދި އާންމުން ކޮންޓްރޯލްކުރުމާ ގުޅޭ ފުރިހަމަ ޕްލޭނެއް ހުށަހެޅުމާ ގުޅިގެންނެވެ.

އިންތިޒާމުކުރާ ފަރާތުން ހާމަކުރި ގޮތުގައި، ކޮންސަޓް ކެންސަލްވި ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެކެވެ. އަދި ހުރިހާ ހަރަކާތެއްވެސް ކުރިން ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ. މި ވަގުތު މުމްބާއީ ފުލުހުންގެ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އިންޒާރު ފޮނުވި ފަރާތް ހޯދުމަށާއި، ކަމާގުޅުންހުރި އެންމެހައި ސަރަޙައްދުތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށެވެ.

comment ކޮމެންޓް