އެމްޑީޕީގައި ނަން ނެތް މީހުންނަށް ވޯޓުލާން ދިޔުމަށް މެސެޖުކުރަނީ

އެމްޑީޕީގެ އެތެރޭ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓާސް ލިސްޓުގައި ނެތް މީހުންނަށް، ވޯޓުލާން ދިޔުމަށް ބަޔަކު ރާވައިގެން މެސެޖު ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

ރިޔާސީ ޕްރައިމަރީއާ ގުޅިގެން އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި ޝަކުވާ ބަލައި ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ވަކި ބަޔަކު ރާވައިގެން ވޯޓާސް ލިސްޓުގައި ނެތް މީހުންނަށް އެދުވަހު ވޯޓުލާން ދިޔުމަށް އަންގަމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ނެތް 39،000އަށްވުރެ ގިނަ މެމްބަރުން އެޕާޓީގެ ދަފުތަރުން ދާދި ފަހުން ވަނީ ވަކިކޮށްފައެވެ. އެކަމާ ގުޅިގެން ވާހަކަދައްކަވަމުން އިބުރޭ ވިދާޅުވީ ވޯޓާސް ލިސްޓުގައި ނެތް މީހުންނަށް އެގޮތަށް ނޭންގުމަށް އެދޭ ކަމަށެވެ. އަދި އެހެން އަންގައިގެން ދިޔަ ނަމަވެސް ލިސްޓުގައި ނަން ނެތް މީހުންނަށް ވޯޓު ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމީ މަޖިލީހުގެ ގަރާރުން ޕާޓީގެ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް 39،000 މީހުންނަށް އެބަ އަންގާ ހަމަ ވޯޓު ލާން ނުކުންނާށޭ،" އޭނާ ވިދާޅުވިއެވެ.

އިބުރާހިމް ވަހީދު (އިބުރޭ): ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އޭނާ ވިދާޅުވީ އެކަން ކުރާ ބަޔަކު އެކަން ކުރާ ސަބަބު ބަލަން ޖެހިފައިވާ ކަމަށެވެ. އެއީ ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް އެކަހަލަ މެސެޖުތައް ދެވިގެން ނުވާނެ ކަމަށް އިބުރޭ ގަބޫލުކުރައްވައެވެ.

"އަޅުގަނޑުމެން އެއޮތީ ވޯޓު ލިސްޓު އެތައް ދުވަހެއް ކުރިން އާންމު ކޮށްފައި. އެ ލިސްޓުގައި ނެތް ބޭފުޅަކަށް ބަޔަކު މެސެޖެއް ފޮނުވައިގެން ދިޔަކަމުގައި ވިޔަސް ވޯޓެއް ނުލެވޭނެ،" އޭނާ ވިދާޅުވިއެވެ.

އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ގެންދަނީ އިންތިޚާބުގެ އިންސާފުވެރި ކަމާމެދު ސުވާލު އުފައްދަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން ނަޝީދު ވަނީ އެ މެމްބަރުންނަށް އެންގުމަކައިނުލައި ކުއްލިއަކަށް ދަފުތަރުން ވަކިކުރުމުން ދަފުތަރު ގަޑުބަޑު ވެފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

ޒުވާނުންނަށް ޚާއްސަކޮށް ނަޝީދު ރޭ މާލޭގައި ބޭއްވެވި ބައްދަލުވުމެއްގައި ވެސް އެމަނިކުފާނު ވަނީ ޕާޓީގެ މެމްބަރުންނަށް އެންގުމަކައިނުލައި ވަކިކޮށްފައިވަނީ ރައީސް ޞާލިޙުގެ އަމިއްލަ މަގްޞަދެއް ހާސިލު ކުރަން ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

އެކަމަކު، ރައީސަށް ތާއީދުކުރައްވާ ފަރާތްތަކުންނާއި އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމެޓީން ވެސް އަންނަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

comment ކޮމެންޓް