ކޮވިޑުވީ ކުރީ ސަރުކާރަށް މާލިއްޔަތާ ކުޅެން ލިބުނު ނަސީބަކަށް: ޝިޔާމް

މަސްވެރިކަމާބެހޭ ވަޒީރު، އަޙުމަދު ޝިޔާމް: ކޮވިޑު ގެންދިޔައީ ކުރީ ސަރުކާރަށް ވަރަށް ބޮޑު ނަސީބަކަށް ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާވީ ކުރީ ސަރުކާރަށް ވަރަށް ބޮޑު ނަސީބަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮވިޑުގެ ދަތި ޙާލަތުގައި ކުރީ ސަރުކާރުން މާލިއްޔަތާ 'ކުޅެން' ފުރުސަތު ހޯދި ކަމަށެވެ.

"ކޮވިޑު ވެގެންދިޔައީ ހަގީގަތުގައި އޭރުގެ ސަރުކާރަށް ވަރަށް ބޮޑު ނަސީބަކަށޭ އަޅުގަނޑު ދަންނަވާނީ، އޭރުގެ ސަރުކާރަށް. މިހެން މި ދެންނެވީ ހަމަ މާލިއްޔާ ބޭނުން ގޮތަކަށް އެ މީހުން މާލިއްޔާއާ ކުޅެން ޖާގަ ހޯދި ވަގުތުކޮޅަކަށް ވެގެން މި ދިޔައީ،" ޝިޔާމް ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ދަރަނިތައް އިތުރުނުވާ މިންވަރަށް އިތުރުކުރި ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ. މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނަގާފައިވާ ލޯންތަކަށް ދައްކަން ހުރި ފައިސާ ވެސް، ކުރީ ސަރުކާރުން އުސޫލުތައް މުގުރާލައިގެން ބޭނުންކޮށް ހުސްކޮށްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ވަނީ ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ވެސް ކަންތައްތަކެއް ހިންގާފައެވެ. އެ ގޮތުން އެމްޑީޕީގެ ވެރިކަން ނިމުނުއިރު ވެސް ޚަރަދަށް ޒިންމާވުމުގެ ގާނޫނު އޮތީ ސަސްޕެންޑްކޮށްފައިކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. އަދި އެ ގާނޫނު ސަސްޕެންޑްކޮށްފައި އޮތީ އަހަރުން އަހަރަކަށް ނޫންކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ 2022ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިދިޔަ އަހަރުގެ 31 ޑިސެންބަރާ ހަމަޔަށް ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑްކޮށްފައި އޮތް ކަމަށެވެ.

"އެއީ ވެސް ހަމަ މި ދަންނަވާހެން ސުޕަމެޖޯރިޓީގެ ބޭނުން ކޮށްގެން ނާޖާއިޒު ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްޓަކައި ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރުމަށްޓަކައި ގެނެވިފައި އޮތް ބަދަލެއް،" ޝިޔާމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، ފައިސާ ޗާޕުކުރީ ކޮވިޑާ ގުޅިގެން ދިމާވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ ހާލަތު ދަންމާލައި ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ވަނީ ދީފައެވެ.

މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ އެތައް ބިލިއަން ރުފިޔާއެއް ޗާޕުކުރުމުގެ ހުއްދަ ކުރީ ސަރުކާރަށް ދިންއިރު ވެސް އެތައް ބިލެއްގެ ފައިސާ ހުރީ ނުދައްކައި ކަމަށެވެ. އެ ގޮތުން ހަމައެކަނި ދިވެހި ކުންފުނިތަކަށް އެކަނި ވެސް ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައި އޮތްކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ބުނާ ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ބޭރުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރައެވެ.

comment ކޮމެންޓް