އިންތިޚާބަށް ފަހު ބޭއްވި ދެވަނަ ޖަލްސާއަށް ކޯރަމް ހަމައެއްނުވި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މިއަދުގެ ޖަލްސާއަށް ކޯރަމް ހަމައެއްނުވި -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ދެވަނަ ޖަލްސާ މިއަދަށް ތާވަލުކުރި ނަމަވެސް ކޯރަމްހަމަނުވުމުގެ ސަބަބުން ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހަށް މެންބަރުން ހާޒިރުނުވާ މައްސަލަ ބޮޑުވެފައިވާއިރު، މިއަދުގެ ޖަލްސާގެ ކޯރަމް ވެސް ހަމަނުވެގެން ޖަލްސާ ފެށިފައެއް ނުވެއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު 'ސަން'އަށް ވިދާޅުވީ، މިއަދަށް ތާވަލުކުރި ޖަލްސާއަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ޖަލްސާ ނިންމާލީ ކަމަށެވެ. ގާނޫނުއަސާސީ ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ފަށަން 22 މެންބަރުން ޖަލްސާއަށް ހާޒިރުވެ ތިބެންޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެގެ ޖަލްސާ ކުރިއަށް ގެންދިޔަ ނަމަވެސް ހާޒިރީ ދަށްވުމުގެ ސަބަބުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ އެދުމަށް އިއްޔެ އެއްވެސް ވޯޓެއް ނަގާފައެއް ނުވެއެވެ. ވޯޓަށް އެހުން ތާވަލުކުރީ މިއަދުގެ ޖަލްސާއަށެވެ.

މިއަދުގެ ޖަލްސާއަށް ކޮންސްޓްރަކްޝަންސް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާޒިރުކުރަން ވެސް ވަނީ ތާވަލުކޮށްފައެވެ.

މިނިސްޓަރާ ކުރަން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަނީ ދެ ސުވާލެއް ހުށަހަޅުއްވާފައެވެ. ދެ ސުވާލަށް ޖަވާބު ދޭން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން މިއަދަށް އޮތީ ތާވަލުކޮށްފައެވެ.

https://sun.mv/191167

ފާހަގަކޮށްލެވޭ ގޮތުގައި މި ހިނގާ 19 ވަނަ މަޖިލީހަކީ އިދިކޮޅު އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހެކެވެ. އެކަމަކު، މި ފަހަރުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ފަހަރު އެމްޑީޕީއަށް ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެ.

މަޖިލީހުގެ މެދުނުކެނޑި ހަތަރު ދައުރު ހުންނެވުމަށް ފަހު މި ފަހަރުގެ އިންތިޚާބުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވެސް ވަނީ ނާކާމިޔާބުވެފައެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގެ ތިއްބެވި މެންބަރުންގެ ތެރެއިން މި ފަހަރުގެ އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވުނީ އެންމެ 11 މެންބަރުންނަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 19 ވަނަ މަޖިލީހުގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން މި ފަހަރުގެ އިންތިޚާބުގައި ވާދަ ވެސް ނުކުރެއެވެ. ގޮނޑި ދިފާއުކުރެއްވި މެންބަރުންނަކީ:

  1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
  2. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
  3. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)
  4. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
  5. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް)
  6. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
  7. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
  8. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  9. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު
  10. ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  11. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އާ މަޖިލީސް އަންނަ މަހު 28 ގައި ހުވާކުރި ނަމަވެސް މަޖިލީހުގެ މި ދައުރު ހިނގާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ، މަޖިލީހުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު މި ދައުރުގެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް