ރައީސް ޞާލިޙު ނާކާމިޔާބުވުމުގެ ސަބަބަކަށް ވާނީ ޕާޓީން ވަކިކުރި މެމްބަރުން: ނަޝީދު

ޒުވާނުންނަށް ޚާއްސަކޮށް ރައީސް ނަޝީދު މިރޭ މާލޭގައި ބޭއްވެވި ބައްދަލުވުން--- ފޮޓޯ/ ކެމްޕެއިން ޓީމު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބަލިވާނީ އެމްޑީޕީން 39،000އަށް ވުރެ ގިނަ މެމްބަރުން ކަނޑާލީތީވެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ދާދި ފަހުން އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ނެތް 39،000އަށް ވުރެ ގިނަ މެމްބަރުން އެ ޕާޓީގެ ދަފުތަރުން ވަނީ ވަކި ކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެ މެމްބަރުންނަށް އެންގުމަކާ ނުލައި ކުއްލިއަކަށް ދަފުތަރުން ވަކިކުރުމުން ދަފުތަރު ގަޑުބަޑު ވެފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

ޒުވާނުންނަށް ޚާއްސަކޮށް ރައީސް ނަޝީދު މިރޭ މާލޭގައި ބޭއްވެވި ބައްދަލުވުމެއްގައި އެކަމާ ގުޅިގެން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެކަން ކުރަން ޖެހުނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރެއްގެ ސަބަބުން ކަމަށެވެ. އެ ގަރާރުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް މީހެއް ނަމަ އެއީ އެމްޑީޕީގެ މެމްބަރެއް ނޫނޭ ބަޔާން ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އަމިއްލަ ޕާޓީގެ ދަފުތަރު ބެލެހެއްޓުން އަޅުގަނޑުމެން ހުއްޓާލާފައި އިލެކްޝަންސް ކޮމިޝަނަށް ދަފުތަރު ބެލެހެއްޓުމަށް މި ދިނީ. ދެން ޕާޓީން ބުނީ ވަކި މުއްދަތެއްގެ ތެރޭގައި އެމީހުން އީސީން ބުނާ ގޮތެއް ހެދީމާ އެމީހުންނަށް އަލުން އަނބުރާ ޕާޓީއަށް ވަދެވޭނެއޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެނަސް އެޕާޓީގެ ހިންގާ ގަވާއިދެއް އެބައޮތް ކަމަށެވެ. އެ ގަވާއިދުގައި އެމްޑީޕީ މެމްބަރަކަށް ވާނީ ކިހިނެއްކަން ބަޔާން ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ދެކެމުން އައީ ޕާޓީގެ ދަފްތަރު ބެލެހެއްޓުން އެހެން ބަޔަކާ ހަވާލު ކޮށްފިނަމަ ޕާޓީއަތުން ލަގަން ދޫވާނެ ކަމަށެވެ.

"އަޅުގަނޑު ދުނިޔެއަކުން ނުދަންނަން ސިޔާސީ ޕާޓީއެއް އެ ޕާޓީގެ މެމްބަރުންގެ ދެބައިކުޅައެއްބައި ކަނޑާލި ބައެއް. އުޅެނީ މެމްބަރުން އިތުރު ކުރެވޭތޯ. އަޅުގަނޑަށް ފެންނަ ތަނުގައި ރައީސް ޞާލިޙު ބަލިވާނީ އެ 39،000 އަށް ވުރެ ގިނަ މެމްބަރުން ކަނޑާލީތީވެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ އަދަދަކީ މިހާރު ތިބި 56،000 މީހުންގެ ތެރެއިން ވަރަށް ބޮޑު ބައެއް ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކައިގައި އެމަނިކުފާނު ވަނީ ޕާޓީގެ މެމްބަރުންނަށް އެންގުމަކާ ނުލައި ވަކިކޮށްފައިވަނީ ރައީސް ޞާލިޙުގެ އަމިއްލަ މަގްޞަދެއް ހާސިލު ކުރަން ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

"ފެންނަން އެއޮތީ. އަޅުގަނޑަށް ފެންނަ ގޮތުގައި ކަނޑާލި މައްސަލަ އެއީ އަޅުގަނޑުމެންނަށް ކާމިޔާބުވުމަށް ހުޅުވާލެވުނު އެންމެ ބޮޑު ދޮރު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަނެއްކާ ވެސް އެ މެމްބަރުން ޕާޓީއަށް ގެނައުމަށް އެ ޕާޓީގެ ޗެއާޕާސަންގެ އަރިހުން އެދިލައްވާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ޗެއާޕާސަން އަމިއްލަފުޅަށް ވެސް ވިދާޅުވާން، ތިމަންނާ ވަރަށް ރަނގަޅަށް ބަލަހައްޓަ ދޭނަމޭ އެމްޑީޕީގެ ދަފްތަރު. އެއީ އިލެކްޝަންސް ކޮމިޝަނުން ނުބެލެހެއްޓިއަކަސް ތިމަންނާއަށް ވާވަރު ކަމެކޭ. އަޅުގަނޑަކަށް ޔަގީން ކަށަވަރު އަޅުގަނޑުމެން ޕާޓީގެ ސެކްޓްރިއޭޓަށް އެ މަސައްކަތް ކުރެވޭނެ. އަދި އަމުދުން ފަޔާއަށް އެކަން މާ ރަނގަޅަށް ވެސް ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފުތަރު ގަޑުބަޑުވެފައި އޮއްވާ ކުރިއަށް ގެންދާ ޕްރައިމަރީއަކީ އެންމެ އިންސާފުވެރި ޕްރައިމަރީއަކަށް ނުވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް