ޖޭއެސްސީ ފޯމޭޝަން ބަދަލު ކުރާނެ، އެކަން ލަހެއް ނުވޭ: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު: ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުން ލަހެއް ނުވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލިވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށާއި އަކަން ކުރުން އަދި ލަހެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ވައުދާ އެއްގޮތަށް މި ފަސް އަހަރުތެރޭ އެކަން ކުރާނެ ކަމަށެވެ.

"ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުން އަޅުގަނޑަށް ފެންނަ ގޮތުގައި ލަހެއް ނުވޭ. އެއީ އެމްޑީޕީގެ ވައުދެއް. އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ފަސްއަހަރު ތެރޭ އަކަން ކުރާނެ،" ޖޭއެސްސީގެ ފޯމޭޝަން ބަދަލު ނުކޮށް ލަސްވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ، ރައީސް ނަޝީދު ވިދާޅުވީ، އެ ވައުދު ތަންފީޒު ވާނެކަމީ "އެއްވެސް ހާލެއްގައި ޝައްކެއްވެސް" އޮތް ކަމެއް ނޫން ކަމަށެވެ.

"މަޖިލިސް ރައީސް އާއި ސިވިލް ސާވިސްކޮމިޝަންގެ ރައީސް ޖޭއެސްސީގައި އިނުމަކީ ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ، ގާނޫނުއަސާސީއަށް 12 އަހަރު ވެގެންދާއިރު މިއީ އަޅުގަނޑުމެން ނާހަންވީ ސުވާލެއް ނޫން. އެހެންވެ އެމްޑީޕީގެ މެނިފެސްޓޯގައިވެސް ހިމެނޭ، އެކަން ހިމެނުއްވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު އޮތް ޖޭއެސްސީން ކުރަނީ ވަރަށް ހަރުދަނާ މުހިންމު މަސައްކަތްތަކެކެވެ. އެހެން ނަމަވެސް އެކަމާ ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ޝަރޫއީ ދާއިރާ އިސްލާހު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ބައެއް ބޭފުޅުން ފަނޑިޔާރުންނާ މީގެ ކުރިން ބެހެއްޓެވި ގުޅުންތައް، ނުބެހެއްޓެވޭތީވެ، ނުވަތަ އެ ގުޅުންތައް ގެއްލި ދިޔާއިމަ، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަންނާނެ އުފެދިގެން. އެކަމާ ކުރެވޭނެ ކަމެއް ނޫން އެއީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީން ވަނީ މިހާތަނަށް ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތައް ބަލައި، ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ތުހުމަތުވާ ފަނޑިޔާރުންނާއި ކޮރަޕްޝަންގެ ތުހުމަތުވާ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށްވެސް ފޮނުވާފަ އެވެ. މަޖިލީހަށް ފޮނުވުމާ ހިސާބުން އެއިން ކޮންމެ ފަނޑިޔާރެއް ވެސް ދަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަމުންނެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެން ވަނީ ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ. އެ ފޯމޭޝަނަށް އޭރަކު އިދިކޮޅުގައި އޮންނަ ފަރާތައް ފާޑު ކިޔަ އެވެ. އެހެން ނަމަވެސް ސަރުކާރު ލިބުމާ އެކު ފޯމޭޝަން ބަދަލު ކުރުމަށް އެފަރާތްތަކުން ބޭނުން ނުވެ އެވެ. މިދިޔަ ސަރުކާރުގައި ވެސް ޕީޕިއެމްގެ ސުޕަ މެޖޯރިޓީ އޮތް އިރު ފޯމޭޝަން ބަދަލު ކުރުމަށް އެ ޕާޓީން ބޭނުމެއް ނުވި އެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަށް ދާދި ފަހުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އިދިކޮޅުން ހުށަހެޅި އެވެ. ނަމަވެސް އެމްޑީޕީ މަޖިލިސް މެމްމަރުން ވަނީ އެ ބިލު ބޭރުކޮށްލާފަ އެވެ.

މިހާރު އޮތް ޖޭއެސްސީއަކީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ގޮތްޕެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެ އެވެ.

comment ކޮމެންޓް