އެމްޑީޕީގެ ނިޝާން ކަމުގައިވާ ތިލަފަތް މިހާރު އޮތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އުފެެއްދެވި ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ފާޑު ވިދާޅުވެ މިއަދު އެ މަނިކުފާނުގެ ނުރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލީހަށް ފާރަވެރިވެވޭނީ ކުރީގައި ވެސް އެކަން ކުރި މީހުންނަށް ކަމަށެވެ. އެގޮތުން މީގެ ކުރިން އެކަން ކުރީ ކުރިން އެމްޑީޕީގައި ތިބެ، ފަހުން ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުން ކަމަށް އެމަނިކުފާނު ލިޔުއްވާފައި ވެއެވެ.
އެމްޑީޕީ މަޖިލިސް މެމްބަރުން މަޖިލީހުގައި ފާރަވެރިވުން މުޅިން ދޫކޮށްލީ ކޮންޓްރެކްޓްތަކެއްގެ ބޭނުމުގައި ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ދެންވެސް އެމްޑީޕީ ގުޑާނީ ކޮންޓްރެކްޓަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގައި. އަސްލު އެމްޑީޕީ އަކީ އަޅުގަނޑުމެން،" ނަޝީދު ލިޔުއްވާފައި ވެއެވެ.
"ފާރަވެރި މަޖިލިސް" މިއީ ޑިމޮކްރެޓްސްއިން އަންނަ މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ބޭނުންކުރާ ޝިއާރެވެ.
ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ އެ ޕާޓީގެ ރައީސްކަން ވެސް އެންމެ ގިނަ ދިވަހު ކުރެއްވި ބޭފުޅާއެވެ. ނަމަވެސް މިދިޔަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު އެމަނިކުފާނު އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދެވިއެވެ.
ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި އުޅުއްވުމަށް ފަހު މިދިޔަ އަހަރު ނަޝީދު ވަނީ ސިޔާސީ ހަރަކާތްތަކުން ފެޔަށް ޖެހުނުކަން އިއުލާނު ކުރައްވާފައެވެ. އަދި މިހާރު ދިރިއުޅުއްވަނީ ގާނާގައެވެ. ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމް ފުރުއްވާށެވެ.
އެއާއެކު އެ މަނިކުފާނު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމަށް ރަސްމީކޮށް މާ ބޮޑަށް ބަސް ވިދާޅުވެ ނުހައްދަވައެވެ.