މެންބަރުކަމުގެ މުސާރަ އުނިކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފި

ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މި މަހުން ފެށިގެން މަޖިލީހުގެ ދައުރު ނިމެންދެން އެ މަނިކުފާނު މުސާރަ އުނިކޮށްދިނުމަށް އެދިވަޑައިގެންފިއެވެ.

ނަޝީދު އިއްޔެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކަށް އެ މަނިކުފާނު ހުންނެވީ ގާނާގައި ކަމަށެވެ.

އެ މަސައްކަތް ނަޝީދާ ރަސްމީކޮށް ހަވާލުކުރުމަށް ހަމަޖައްސަންޖެހޭ އެތައް ކަމެއްކޮށް މިދިޔަ މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓްރިއޭޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، އެކަމާ ގުޅުން ހުރި ހުރިހާ ކަމެއް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/189557

މަޖިލީހުގެ ރައީސަކަށް މި ދައުރުގެ ބޮޑު ބައިގައި ހުންނެވި ނަޝީދު އެ މަގާމުން އިސްތިއުފާދެއްވީ އެމްޑީޕީން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެވަނަ ފަހަރަށް ހުށަހެޅުމާ ގުޅިގެންނެވެ. އެއަށް ފަހު، ޑިސެމްބަރު 12، 2023 ގައި އެ މަނިކުފާނު ވަނީ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން ނިންމެވިކަން އިއުލާނުކުރައްވައިފިއެވެ.

ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ. އޭގެ ފަހުން އެ މަނިކުފާނު މުސާރަ ނަންގަވަމުން ގެންދަވާތީ މީގެ ކުރިން ފާޑުކިޔުން ވެސް އަމާޒުވިއެވެ.

މަޖިލީހުގެ އިދާރާއިން މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު 31 ގައި ބުނެފައިވަނީ ނަޝީދު ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވިކަން އެ އިދާރާއަށް އަންގާފައިނުވާ ކަމަށެވެ.

އަދި، އެ މަނިކުފާނު މާގާމުން ޗުއްޓީ ނުނަންގާވާ ކަމަށާއި، މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ދާއިރާ ތަމުސީލުކުރައްވަން ބާކީ އޮތް ތިން މަސް ދުވަހު، މަގާމުގެ އިނާޔަތްތަކާއި މުސާރަ ހިނގާނެ ކަމަށް މަޖިލީހުން އޭރު ބުންޏެވެ.

މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް އެމްޑީޕީން އިސްވެ ދެ ފަހަރަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ. ދެ ފަހަރު ވެސް މަޖިލީހުގެ ޖަލްސާތަކަށް އެކިއެކި ނަންނަމުގައި ހުރަސް އެޅުއްވިއެވެ. އެކަމަކު، އިތުބާރުގެ މައްސަލައިގައި އަޅުވާ މަޖިލީސް ނުހުއްޓުވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ އެކު ނަޝީދު އަމިއްލަފުޅަށް މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވީއެވެ.

ނޫސްވެރިކަމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ނަޝީދު ފުރަތަމަ މަޖިލިސް މެންބަރުކަން ކުރެއްވީ 1999 ވަނަ އަހަރެވެ.

އޭގެ ފަހުން 2005 ގައި ނަޝީދު އެމްޑީޕީ އުފައްދަވައި، އޭގެ ދެ އަހަރު ފަހުން ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތެވެ. ނަމަވެސް ދައުރު ނުނިމެނީސް ކޯލިޝަން ރޫޅި، އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެ މަނިކުފާނު ފެބްރުއަރީ 7، 2012 ގައި އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާދެއްވީއެވެ.

comment ކޮމެންޓް