ކޮރޯނާއާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސަރުކާރުން މަޖިލީހަށް ދެނީ

ހެލްތް މިނިސްޓަރު އަމީން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިހާރު ފެތުރެމުން އަންނަ، ނޮވެލް ކޮރާނާ ވައިރަސްއިން ރައްކާތެރި ވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު މަޖިލީހާ ހިއްސާކުރުމުގެ ފުރުސަތަކަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ހެލްތް މިނިސްޓަރު އަމީން މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސްއިން ރައްކާތެރި ވުމަށް ސަރުކާރުން މިހާރުވެސް ފިޔަވަޅުތަކެއް އަޅާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން، އެކަމުގައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި އިތުރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު މަޖިލީހުގެ މެންބަރުންނަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް، އަމީންގެ ސިޓީގައި ވިދާޅުވި އެވެ.

"ވީމާ، ރައްޔިތުން މަޖިލީހުގެ ކަމާ ބެހޭ މެންބަރުންނާއި ބައްދަލުކޮށް މައުލޫމާތު، ހިއްސާކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުން އެދެމެވެ،" މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކޮރޯނާއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް:

  • ހެލްތް އެމެޖެންސީ ކޮމިޓީ އަދި ހެލްތް އެމެޖެންސީ އޮޕަރޭޓިން ސެންޓަރު ގާއިމްކޮށް ކޮންމެ ދުވަހަކު ބައްދަލުވުން ބޭއްވުން.
  • ވެލާނާ އެއާޕޯޓާއި އައްޑޫ އެއާޕޯޓްގައި ހުން ހުރިވަރު ދެނެ ގަންނަން "ތާމަލް ކެމެރާ" ބެހެއްޓުން.
  • ބައްޔަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރަން 12 އެނދުނުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމްކުރުން.
  • ވެލާނާ އެއާޕޯޓްގައި އައިސޮލޭޝަން ފެސިލިޓީ ހެދުން.
  • މި ބަލީގެ ހާލުބޮޑު މީހުން އެނދުމަތި ކުރަން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ބުރީގައި ހަތަރު އެނދުގެ ހާއްސަ އައިސީޔޫއެއް ގާއިމްކުރުން.
  • މި ބަލީގެ މީހުން އުފުލުމަށް ތިން އެމްބިއުލޭންސް ހާއްސަކުރި.
  • ކޮރޯނާ ވައިރަސްހުރި ބަލިމީހުންނާ މެދު އަމަލު ކުރާނެ ކްލިނިކަލް ގައިޑްލައިނާއި ސްޑޭންޑާޑް ޕްރޮސީޗާ ގާއިމްކުރި.

ސަރުކާރުން މިއަދު ހާމަކުރި ގޮތުގައި، ކޮރޯނާ ވައިރަސްއާ ގުޅޭ ރިސްކް އެސެސްމަންޓެއް ހަދާފައިވާ އިރު، އެ އެސެސްމަންޓުން ދެއްކި ގޮތުގައި އެ ބަލީގެ އައުޓްބްރޭކެއް އައުމުގެ ރިސްކް ރާއްޖެއަށް ވަރަށް ބޮޑެވެ.

އެ ބަލީގެ މީހަކު ރާއްޖެ އައުން ހުއްޓުވުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކާއި އިތުރަށް ކުރެވެން ހުރި ކަންކަމާ މެދު މަޝްވަރާ ކުރުމަށް ޓޫރިޒަމް ދާއިރާގެ ބޮޑެތި ވިޔަފާރިވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ކޮރޯނާ ވައިރަސް ޓާސްކް ފޯހުގެ ފަރާތުން ރޭ ރައީސް އޮފީހުގައި މީޑިއާޔާ ބައްދަލު ކުރައްވާ ވިދާޅުވީ، ކޮރޯނާ ވައިރަސްއިން ރައްކާތެރި ވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޑަބްލިއެޗްއޯގެ އިރުޝާދުގެ ދަށުން ރާއްޖެއިން މިހާރު އަޅަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށާއި ރައްޔިތުންގެ ސަލާމަތަށް އަޅަން ޖެހެނު ކޮންމެ ފިޔަވަޅެއް ރާއްޖެއިން އަޅާނެ ކަމަށް ވެސް އެ ޓާސްކު ފޯހުން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް