ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދީފި ނަމަ ވެރިކަމުގެ ނިޒާމު ގަޑުބަޑު ވެގެން ދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
"ތިލަފަތަށް ވޯޓު ޖެހުމުގެ ނިޒާމް މި ޕާޓީގެ ކެންޑިޑޭޓަށް މި ޕާޓީއަށް ތާއިދުކުރާ އެންމެ ބޭފުޅުންނާއި ޕާޓީގެ ހުރިހާ މެންބަރުން މި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދިނުމުގެ ނިޒާމް އެ ނޫން ގޮތަކަށް އެކަން ޕާޓީގެ އެއްވެސް މެންބަރެއް ކުރުމަށް ހިޔާލު ކޮށްފި ނަމަ އެއީ ވެރިކަމުގެ ނިޒާމް ގަޑުބަޑު ކުރެވެނީ،" އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
"ގިނަ ޕާޓީ ހިމެނޭ ސިޔާސީ ނިޒާމް ނުހިފެއްޓެނީ. އަޅުގަނޑުގެ މަސައްކަތަކީ ހަގީގަތުގައި މި ދެންނެވި ނިޒާމް ރާއްޖޭގައި ހަރުދަނާ ކުރުން،"
ރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ގައުމެއް ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒު ކުރެވިއްޖެ ނަމަ ރާއްޖެ އަކީ ފުރިހަމައަށް ތަރައްގީ ވެފައިވާ ގައުމަކަށް ވެގެންދާނެ ކަމަށެވެ.
އެމްޑީޕީގެ މެންބަރުން ތިބީ ނުގުޑާ ފަދަ އަޒުމެއްގައި ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، ފުރިފައި ހުންނަ އެއްޗެއް ގުޑު ގުޑެއް ނާޅާނެ ކަމަށެވެ.
"މި އޮޑިއެއް ހަގީގަތުގައި ވެސް ނުފެތޭނެ،" ނަޝީދު ވިދާޅުވި އެވެ.