ރަށްރަށުގެ ކައުންސިލަރުންނަކީ ތަންދޮރު އެނގިވަޑައިގަންނަވާ ބައެއް ކަމަށް ވިދާޅުވެ، ރަށްރަށުގެ އިގުތިޞާދީ ހަރަކާތްތައް ރާވައި ހިންގަން ކައުންސިލުތަކަށް ދޫކޮށްލަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ގޮވައިލައްވައިފިއެވެ.
މި ސަރުކާރަށް ތިން އަހަރުވުމާ ގުޅިގެން 'ސަންގު ޓީވީ'ން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ އިގުތިޞާދީ ތަދުމަޑުކަމާ ހުރެ ބޮޑެތި މަޝްރޫއުތައް މަޑުޖައްސައިނުލައިފިނަމަ ކުދި ވިޔަފާރިތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް ކުރާ މަސައްކަތަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ޕްރޮގްރާމެއް އެކުލަވައިލައި ކުންފުނިތަކުގެ ވަޒީފާގައި ތިބި މީހުންނަށް އައު ހުނަރުތައް ދަސްކޮށްދީ ކުދި ވިޔަފާރިތައް ފެށޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށެވެ. އެއާއެކު ބައިވަރު އިގުތިޞާދީ ހަރަކާތްތައް ވެސް ހިންގެން އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކައުންސިލުތަކަށް މާ ބޮޑަށް ދޫކޮށްލަންވީ އިގުތިޞާދީ ހަރަކާތް އެ މީހުން ރާވައި އެ މީހުން ހިންގަން، ރަށުގެ ބިން ވެސް އަދި އެ މީހުންގެ އިޚްތިޞާޞްގައިވާ އެހެން ތަނަވަސްކަމާއި މުއްސަނދިކަން ވެސް އެ މީހުން ހިންގުމަށް ވަރަށް ބޮޑަށް ދޫކޮށްލަންވީ،" ނަޝީދު ވިދާޅުވިއެވެ.
އެއްގޮތަކަށް ވެސް ސަރުކާރަށް މާ ބޮޑަށް ކަންކަން އެނގޭ ކަމަށް ހިތަށް އަރައިގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރަށްރަށުގައި ތިބި ކައުންސިލަރުން މިހާރު ވަރަށް މޮޅު، އަޅުގަނޑު ދަންނަން އެ ބޭފުޅުން، ތަންދޮރު އެނގޭ، މަތީ ތައުލީމު ހާސިލުކޮށްގެން ތިބެނީ، އެ މީހުންނަށް ވަކި ނޭނގޭ އެއްޗެއް ވަކި އަޅުގަނޑުމެންނަށް މާލޭގައި ތިބި މީހުންނަށް އެނގިގެން މާ މޮޅަށް ކުރެވިދާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ، މި ސަރުކާރުގެ އެތެރޭގެ ދަރަނި 2023ވަނަ އަހަރަށް ވުރެ ބޮޑު ކަމަށެވެ.
މި ސަރުކާރުން ދަރަނި ދައްކައި ޚަލާސްކުރީ ރިޒާވުގައި ހުރި ހުރިހާ ފައިސާއެއް ބޭނުންކޮށްގެން ކަމަށާއި ރިޒާވް ހަމައަކަށް އެޅެން ދުވަސް ނަގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވިގޮތުގައި ޑޮލަރުގެ އަގު ދަށަށް ގެނެވޭތޯ މަސައްކަތް ފެށޭނީ ޑޮލަރު ބޭނުންކުރާ އަދަދަށް ވުރެ ބޮޑު ރިޒާވެއް އުފެއްދިގެންނެވެ.
ނަމަވެސް އެ ބާވަތުގެ އެއްވެސް ސިޔާސަތެއް ސަރުކާރުން ތަންފީޒުނުކުރާ ކަމަށާއި ބޭރު ފައިސާގެ އަގު ބޮޑުވުމުގެ މައްސަލައާއި ދަރަންޏާ ގުޅޭ ހަރުދަނާ އެއްވެސް ސިޔާސަތެއް މި ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ރައީސް ވިދާޅުވެއްޖެ ދަރަންޏާ ހަނގުރާމަކުރާ ވާހަކަ، ދެން އެހެން ނަމަވެސް ދަރަނި ދަނީ ބޮޑުވަމުން، އަޅުގަނޑުމެންނަކަށް ނުފެނޭ ހަނގުރާމައިން އަޅުގަނޑުމެން މޮޅުވާ ތަނެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ގާނޫނުތަކަށް ގެންނަ ބައެއް އިސްލާހުތަކާއެކު، ކައުންސިލްތަކުގެ ބާރު ކެނޑެމުން އަންނަ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި މިދިޔަ ސެޕްޓެންބަރު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވި، ލާމަރުކަޒީ ގާނޫނުގެ އިސްލާހު ހިމެނެއެވެ.
އެ އިސްލާހުގެ ދަށުން، ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭނެއެވެ.