ގަވައިދާ ޚިލާފަށް ބިދޭސީނަށް އެމްޑީޕީ ސަރުކާރުތަކުން ލުއި ވެސް ދިން: ޝުޖާއު

ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު: ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުގައި ބިދޭސީން ގަވައިދާ ޚިލާފަށް އުޅޭ ކަމަށް ބުނެ އެއްކުރުމަށްފަހު އެ މީހުންނަށް އޭރު ލުއި ދިން ކަމަށް -- ފޮޓޯ/ މަޖިލިސް

ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުތަކުގައި ބިދޭސީން ގަވައިދާ ޚިލާފަށް އުޅޭ ކަމަށް ބުނެ އެއްކުރުމަށްފަހު އެ މީހުންނަށް އޭރު ލުއިތައް ދިން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިމިގްރޭޝަން ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތީ ބޮޑު ނުރައްކަލަކަށް ވެފައި އޮތް ކަމަށެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކަށް ޝުޖާއު ފާޑުވިދާޅުވިއެވެ.

"އެއްކޮޅުން އެންމެން އެއްކުރާނެ ބިދޭސީން ގަވައިދާ ޚިލާފަށް އުޅެނީއޭ ކިޔައި، އަނެއްކޮޅުން އެ މީހުންނަށް ލުއިދޭނެ،" ޝުޖާއު ވިދާޅުވިއެވެ.

ރާއްޖޭގައި އޭރު އުޅޭ ބިދޭސީންގެ ސީދާ އަދަދެއް ނޭނގޭ ކަމަށް ވިދާޅުވެ، ޝުޖާއު ވިދާޅުވިގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރަން އެމްޑީޕީގެ ސަރުކާރުތަކުން މަސައްކަތްކުރީ ރޭވިގެން ހިންގާ ވައްކަމުގެ ގޮތުގައެވެ.

އެ މައްސަލައަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް ޑޭޓާ މިހާރު އެއްކުރެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ 10 އިނގިލީގެ ބަޔޮމެޓްރިކްސް ނަގައި ނިމިފައިވާ ކަމަށާއި މިހާރު ބާކީ ނުނެގި ހުރީ އެންމެ އިންސައްތައެއް ކަމަށެވެ.

އެ މަނިކުފާނު ވަނީ މި ކުރިއެރުމަކީ ދުނިޔޭގެ ގައުމުތަކުގެ ނިސްބަތަަށް ބަލާއިރު އެންމެ އެއް އިންސައްތަ ގައުމުން ހާސިލްކޮށްފައިވާ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ.

"13،000 ބިދޭސީން އަޅުގަނޑުމެން ޑީޕޯޓުކޮށްފިން. މިއީ މިދިޔަ އެތައް ސަރުކާރަކާ އަޅައިބަލާއިރު ވަރަށް ބޮޑު އަދަދެއް." ރައީސް ވިދާޅުވިއެވެ

މިިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވަނީ އަމާޒަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ކުރަނގި އޮޕަރޭޝަން ނިންމައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް