ކުޑަކުދީންގެ ލޮލަށް ލިބިދާނެ އަނިޔާ ތަކުން ސަލާމަތް ވުން

ޅައުމުރުގައި ލޯ އަނދިރިވެ ނުވަތަ ފެނުން ދަށްވުމަށް މެދުވެރިވާ އެންމެ މުހިންމު އެއް ސަބަބަކީ ލޮލަށް ލިބޭ އެކިކަހަލަ އަނިޔާ އެވެ. މިހެން ވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އުމުރާ ނުގުޅޭ ސާމާނު އަތުގައި ޖެހޭ ގޮތް މެދުވެރި ވުމެވެ. މިހެން ވެއްޖެނަމަ އެކުއްޖެއްގެ ގެއްލުން ލިބުނު ލޮލުގެ ފެނުން ވަރަށް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކަޅުކަޅީގައި ފެންނަން ހުންނަ ހުތުރު ފުސްގަނޑެއް ހުރުމާއި ހަލާކުވިލޯ ފަހުން އަވަރު ވުމަކީ ވެސް ވެދާނެކަންތައް ތަކެވެ. އަދި އެއްލޯ މިގޮތަށް ހަލާކުވުމުން އެކުއްޖަކަށް ދެލޮލުން ފެންނައިރު އެހުންނަ ފުރިހަމަކަން ދާއިމީ ގޮތަކަށް ގެއްލިގެން ހިނގައިދާނެ އެވެ. މިހެން ދިމާވާ ސަބަބު ތަކަށް ބަލައިލަމާ ހިންގަވާށެވެ.

އެންމެ ފުރަތަމަ ބަނޑުގައި އޮންނައިރު ވެދާނެ ބައެއް ކަންތައްތައް ކުރު ގޮތަކަށް ދަންނަވާލާނަމެވެ. މާބަނޑު ދުވަސްވަރު ބައެއް ފަހަރު ބަނޑުތެރެ އިން ފެން ނެގުމަށް ހެދޭ ޓެސްޓެއް ކަމަށްވާ "އެމްނި އޯ ސެންޓެސިސް" އަކީ ވެސް ފަހަރުގައި ކުއްޖާގެ ލޮލަށް ގެއްލުން ލިބިދާނެ ކަމެކެވެ. މިހެންވާ ގެއްލުން ތަކުގެ ތެރޭގައި ކަޅުކަޅީގައި ފެންބޮތްކެއް ހެދުން، ދެއަރިމަތީން ފެންނަވަރު ކުޑަވުން، ލޮލުގެ ހަރަކާތް ގެނެސްދޭ ނާރެއް ހަލާކުވުން، ރެޓިނާ ގައި ލަކުނުލުން ފަދަ ކަންތައް ހިމެނެ އެވެ. ވީމާ އަލްޓްރާ ސައުންޑް ބޭނުން ކޮށް މިފަދަ ކަމެއް ވޭތޯ މެދުނުކެނޑި ބެލުމަކީ މިކަން ކުރައްވާ ބޭފުޅުންގެ ވަރަށް ބޮޑުޒިންމާ އެކެވެ. މިފަދަ ބައެއް ހާދިސާތައް ވިހެއުމުގެ ތެރޭގައި ވެސް ދިމާވެދާނެ އެވެ. މީގެ ތެރޭގައި ކުރިމަތިފަރާތުން ތަންކޮޅެއް ކަފާލުމުގައި ވެސް ލޮލަށް ގެއްލުމެއް ދިމާވުމަކީ ވެދާނެ ކަމެކެވެ. އަދި ވިހެއުމުގެ ތެރޭގައި "ފޯސެޕްސް" ނުވަތަ "ވެކިއުމް" ބޭނުން ކުރުމުން ވެސް ލޮލަށް ލޭއަރައި މަތީ ބޮނޑި ނުވަތަ ތިރީ ބޮނޑި އަށް ގެއްލުމެއް ވުމަކީ ވެދާނެ ކަމެކެވެ. މިކަންކަމަކީ ދުރާލައި ރޭވިގެން ބަލަންވާ ވަރަށް ބަލައިގެން ކުރުމުން މަދު ފަހަރަކު ނޫނީ ދިމާނުވާނެ ކަންކަމެވެ.

ޅައުމުރު ގައި ލޮލަށް ލިބޭ ގެއްލުން ތަކުގެ ތެރޭގައި އެންމެ ގިނައިން ދިމާވާ އެއްކަމަކީ ލޮލަށް އިނގިލި ވަދެ ކަޅުކަޅި ނުވަތަ ހުދުކަޅި އަށް ގެއްލުން ލިބުމެވެ. މިހެން ގިނައިން ދިމާވަނީ ލޮލަށް އިނގިލި ވަދެ ލޮލުގައި ނިޔަފަތި ކޭއްތޭ ގޮތް ވުމުންނެވެ. ކުދިންގެ އަމިއްލަ އިނގިލި ވެސް ވަދެދާނެ އެވެ. ނުވަތަ ގެންގުޅޭ މީހުންގެ އިނގިލި ވަނުމުގެ އިތުރުން ގޭގައި އުޅޭ އެހެން ކުޑަކުދިން ގެ އިނގިލި ވެސް ވަދެދާނެ އެވެ. މިހެންވުމާއި އެކު ކުޑަކުދީންގެ އަދި ބެލެނިވެރީންނާއި ކުދިންނާ ކައިރީގައި އުޅެން ޖެހޭ އެންމެންގެ ނިޔަފަތި ކަނޑައި އޮމާން ކޮށްފައި ބެހެއްޓުމަކީ ކުރަން ޖެހޭ ކަމެކެވެ. އަދިކުދިން ހިނގައި އުޅޭ ހިސާބުގައި އެކުދިންގެ ލޮލަށް ފަސޭހައިން ވަންނަ ކަހަލަ ގޮފިތައް ނުވަތަ ކަށި ހުންނަ ވައްތަރުގެ ގަސްމުށި ފަދަ ތަކެތި ނުބެހެއްޓުން ބުއްދިވެރި އެވެ.

ކުޑަކުދީންގެ ލޮލަށް ލިބިދާނެ ގެއްލުން ތަކުން ސަލާމަތްވާ ވާހަކަ ދައްކާ އިރު އެކުދިން ކުޅެން ގެންގުޅޭ ތަކެތީގެ މައްޗަށް ބަލައިލަން ޖެހެއެވެ. މީގައި އެން މުހިންމު ކަމަކީ އުމުރާއި ނުގުޅޭ ކުޅޭ އެއްޗިހި އެއްގޮތަކަށް ވެސް ހޯދައި ނުދިނުމެވެ. މީގެ ތެރޭގައި ކޮޅު ތޫނު އެއްޗެތި ހިމެނެއެވެ. އުކާ ތީރު ކުޅޭ ވަޅި ފަދަ ތަކެތިން ކުދިން ގެ ލޮލަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެއެވެ. ކުޑަކުދިން ގެ އަތަށް ރާބޮނދި ފަދަ އެކިފާޑުގެ ކުދި ދޫނި ގެންގުޅެން ދިނުމަކީ އެއްގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫނެވެ. މިހެން މިދެންނެވީ ރާބޮނދި ފަދަ ދޫންޏެއް ލޮލަށް ކޮށްޖަހައިފި ނަމަ އެލޮލަށް ފެނުމަށް ވުރެ ނުފެނުން ކައިރި ކަމަށްވާތީ އެވެ. މިހާ ތަނަށް އަޅުގަނޑަށް ފެނުނު ފެނުމުގައި ރާބޮނދި ކޮށްޖަހައިގެން ލޯހަލާކުވި އެއްވެސް ކުއްޖެއްގެ ލޯ މުޅިން ރަނގަޅު ވީތަނެއް ނުދެކެމެވެ. މިހެން ދިމާވަނީ ރާބޮނދި ގިނަ ފަހަރަށް ކޮށްޖަހަނީ ލޮލުގެ މެދަށް ކަމަށް ވުމާއި އަދި ހަލާކުވާތަން ފުދޭ ވަރަކަށް ފުންވުމުން ލޮލުގެ މުހިންމު ބައިތައް ވަގުތުން އުނިވެ ހަލާކުވާތީ އެވެ. އެކި ފާޑުފާޑުގެ ކެމިކަލް ތަކަކީ ވެސް ކުދިންގެ އަތުޖެހޭ ހިސާބުގައި ބަހައްޓަން ވާވަރުގެ އެއްޗިއްސެއް ނޫނެވެ. ޚާއްސަ ކޮށް ފާޚާނާ ސާފުކުރާ ކެމިކަލް ލޮލަށް އެޅިއްޖެ ނަމަ ލޯ ވަރަށް ބޮޑަށް ހަލާކު ވެދާނެ އެވެ.

ކުޑަކުދީންގެ ތެރެއިން ދޮޅު އަހަރުން ފެށިގެން ފަސް އަހަރާ ދެމެދުގެ ކުދީން ނަށް ޚާއްސަ ސަމާލުކަމެއް ދެއްވަން ޖެހެއެވެ. މިހެން މިދެންނެވީ މިއުމުރުގެ ކުދީންނަށް ރައްކާތެރިވާން ނޭނގުމާއި އެއުމުރަކީ ތަންތަން ހޯދާ އެއްޗިއްސާ ކުޅެން ވަރަށް ޝައުގުވެރިކަމެއް ހުންނަ އުމުރު ފުރައަކަށް ވާތީ އެވެ.

ހަމަ މިއާއި އެކު ތަންކޮޅެއް ބޮޑެތި ކުދިންގެ ލޮލަށް ލިބިދާނެ އަނިޔާ އަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހެއެވެ. މީގެތެރޭގައި ތޫނު ތަކެތި ބޭނުންކުރުން މަދުކުރުން ނުވަތަ އެތަކެތި ރައްކާތެރި ގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުން ހިމެނެއެވެ. އަދި ބައެއް ކަހަލަ ކުޅިވަރު ކުޅޭ އިރު ލޯމަތީގައި ބޯޅަ އަކުން ނުވަތަ އެހެން ކުއްޖެއްގެ އަތުން ނަމަވެސް ނުޖެހޭތޯ ބަލައި ރައްކާތެރިވުން ހިމެނެއެވެ. ކުރިކެޓް ފަދަ ކުޅިވަރު ކުޅޭއިރު ސޭފްޓީ ހެލްމެޓް އެޅުމަކީ ވެސް އެ ކުޅިވަރުގައި ހެލްމެޓް އަޅަން ޖެހޭ ކުދިންނަށް މުހިންމު ކަމެކެވެ. އަދި ކުޅޭ ތަންތަނުގެ ތެރޭގައި ރުޅި އިސްކޮށް އެއްކުއްޖަކު އަނެއް ކުއްޖެއްގެ ގަޔަށް އަތްލާ ހިސާބަށް ދިޔަނުދިނުމަށް ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. މިހެން މިދެންނެވީ ކުޅިވަރުގެ ތެރޭގައި ތަޅާފޮޅުމުން ވެސް ލޮލަށް ގެއްލުން ވެދާނެތީ އެވެ.

ތަންކޮޅެއް ބޮޑެތި ކުދިން ވެސް ސަމާލުވާންވީ ކަމެއް އެބަ އޮތެވެ. އެއީ ސްކޫލްގެ ލެބޯޓަރީ ގައި މަސައްކަތް ކުރާ ވަގުތު ކެމިކަލްއެއް ލޮލަށް އެޅުނަ ނުދިނުމަށް ފިޔަވަޅު އެޅުމެވެ. ލެބޯޓަރީގައި އެސިޑް ނުވަތަ އަލްކަލީގެ ބާވަތްތައް ހިމެނުމަކީ ވެދާނެ ކަމަކަށް ވުމާއި އެކު މިތަކެތީން ރައްކާތެރި ވުމަށް ރައްކާތެރި އައިނު ފަދަ ތަކެތި ބޭނުން ކުރަން ޖެހޭނެއެވެ. އަދި މިފަދަ ކެމިކަލްއެއް ލޮލަށް ހިނގައްޖެނަމަ ފުރަތަމަ ފަރުވާ ދޭން ދަންނަ މީހަކު ސްކޫލްގައި ހުންނަން ޖެހޭނެ އެވެ.

ކްލާސް އެތެރޭގައި ވެސް ކުދިންގެ ލޮލަށް ބޮޑެތި އަނިޔާ ވެފައި ހުރިތަން އަޅުގަނޑަށް ފެނިފައި އެބަހުއްޓެވެ. މީގެ ތެރޭގައި އަމިއްލަ އަތުން ލޮލަށް ފަންސުރު ހެރުން، އެހެން ކުއްޖެއްގެ އަތުން ލޮލަށް ގަލަން ނުވަތަ ފަންސުރު ހެރުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ ތެރޭގައި އަޅުގަނޑު އެންމެ ހިތާމައާ އެކީ ފާހަގަ ކުރި އެއްކަމަކީ ކިޔަވައިދޭ ޓީޗަރެއް ރުޅި އިސްކުރައްވައި އެއްލި ގަލަމެއް ކުއްޖެއްގެ ލޮލަށް ހެރި އެލޮލުގެ ފެނުން ވަރަށް ބޮޑަށް ދަށްވެފައި ހުރިތަނެވެ. މިފަދަ ކަންތައްތަކަކީ އެއްގޮތަކަށް ވެސް ތަކުރާރު ވެގެން ވާނެ ކަންތައްތަކެއް ނޫނެވެ.

ކުދިންގެ ބެލެނިވެރީންނާއި ޓީޗަރުން އަދި ޚުދު އެކުދީން ވެސް މިކަންކަމަށް ހޭލުން ތެރި ކުރުވުމަކީ ފަހުން ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ކުރެވޭނެ އެންމެ މުހިން މު އެއްކަންތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް